Roadha Mihaaru
އާޓެޓާ އާއި ހުޑްސޮން-އޮޑޯއީ ކޮވިޑް-19 އަށް ޕޮޒިޓިވް

އާޓެޓާ އާއި ހުޑްސޮން-އޮޑޯއީ ޕޮޒިޓިވް، ލީގު ހުއްޓާލަފާނެ؟

13 މާޗް 2020

ލަންޑަން (މާޗް 13) – އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި ޗެލްސީގެ ވިންގާ ކަލުމް ހުޑްސަން-އޮޑޯއީ، ކޮރޯނާވައިރަސް އަށް ޕޮޒިޓިވެ، ޕްރިމިއާ ލީގު ދެން ބޭއްވިދާނެތޯ ސުވާލު އުފެދިއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ލަންޑަން (މާޗް 13) – އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި ޗެލްސީގެ ވިންގާ ކަލުމް ހުޑްސަން-އޮޑޯއީ، ކޮރޯނާވައިރަސް އަށް ޕޮޒިޓިވެ، ޕްރިމިއާ ލީގު ދެން ބޭއްވިދާނެތޯ ސުވާލު އުފެދިއްޖެ އެވެ.

މީގެ ދެ ހަފުތާ ކުރިން އާސެނަލުން ޔުރޮޕާ ލީގުގައި ވާދަކުރި ގްރީކުގެ އޮލިމްޕިއާކޯސްގެ ވެރިޔާ އެވަންޖެލޯސް މަރިނާކިސް، ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް އާސެނަލް ކުޅެން އޮތް މެޗު ފަސްކޮށް އާސެނަލް ސްކޮޑް އޮތީ ކަރަންޓީންކޮށްފަ އެވެ.

އަލާމާތެއް ފެންނަންދެން އަމިއްލަ އަށް ކަރަންޓީންވާން ޖެހޭ 14 ދުވަހުގެ މުއްދަތު މިއަދު ހަމަވާތީ ލީގުގައި މާދަމާ ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކުޅުންތެރިން އެނބުރި އަންނާނެ ކަމަށް އާސެނަލުން އުއްމީދުކުރި އެވެ. އެކަމަކު އާޓެޓާ ޕޮޒިޓިވް ވުމާ އެކު އެ މެޗު ވަނީ ކެންސަލްކޮށްފަ އެވެ.

އަދި ހުޑްސަން-އޮޑޯއީ ޕޮޒިޓިވް ވުމާ އެކު ޗެލްސީގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނާއި ބައެއް އޮފިޝަލުން ވަނީ ކަރަންޓީންވެފަ އެވެ. ކޯޗަކާއި ކުޅުންތެރިޔަކު ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން ޕްރިމިއާ ލީގު މެދުކަނޑާލަފާނެ ކަމަށް ވާހަކަތައް ދެކެވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޕްރިމިއާ ލީގުން މިއަދު މަޝްވަރާކޮށް ގޮތްތަކެއް ނިންމާނެ އެވެ.

އަނެއްކޮޅުން ޕްރިމިއާ ލީގުގެ ލެސްޓާ ސިޓީގެ ތިން ކުޅުންތެރިއެއްގެ ކިބައިން ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނުމުން އެ ތިން ކުޅުންތެރިން އަމިއްލަ އަށް އެކަހެރިވެފައިވާ ކަމަށް ލެސްޓާގެ ކޯޗު ބްރެންޑަން ރޮޖާސް ވަނީ އިއްޔެ ވަނީ ބުނެފަ އެވެ. އަދި މެންޗެސްޓާ ސިޓީގެ ބެންޖަމިން މެންޑީގެ އާއިލާ މެމްބަރަކު ކޮރޯނާވައިރަހުގެ އަލާމާތްތަކެއް ފެނި ހޮސްޕިޓަލުގައި އެޑްމިޓްކުރުމާ ގުޅިގެން އޭނާ ވެސް ވަނީ އަމިއްލަ އަށް ކަރަންޓީންވެފަ އެވެ.

އިނގިރޭސި ވިލާތުގައި 590 މީހުންނަށް ކޮވިޑް-19 ޖެހި 10 މީހަކު ވަނީ މަރުވެފަ އެވެ.

މި ބަލި ޔޫރަޕުން އެންމެ ބޮޑަށް ފެތުރޭ އިޓަލީ އެއްކޮށް ބަންދުކޮށްފައިވާތީވެ އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އިޓާލިއަން ލީގު މެދުކަނޑާލައިފަ އެވެ. އެ ލީގުގެ ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއަލީ ރުގާނީ އާއި ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑީނީ ވަނީ މި ބައްޔަށް ޕޮޒިޓިވްފެ އެވެ. އެއާ އެކު ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ޔުވެންޓަސް އާއި ފްރާންސްގެ އޮލިމްޕިކް ލިޔޯން ކުޅެން އޮތް މެޗު ޔުއެފާ އިން ވަނީ ފަސްކޮށްފަ އެވެ.

ރެއާލް މެޑްރިޑުގެ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިޔަކު ޕޮޒިޓިވް ވުމުން ރެއާލް މެޑްރިޑުގެ ފުޓްބޯޅަ ޓީމު ކަރަންޓީންވުމާ އެކު ކުރިއަށް އޮތް ދެ ހަފުތާ އަށް ސްޕެނިޝް ލީގު ވަނީ މެދުކަނޑާލައިފަ އެވެ. އެހެންވެ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހު ރެއާލް މެޑްރިޑުން، މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ވަނީ ކެންސަލްކޮށްފަ އެވެ.

އޭޕްރިލް 15 ގެ ނިޔަލަށް ފްރާންސް ލީގުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ ސަޕޯޓަރުން ނުވައްދަ އެވެ.

ޕްރިމިއާ ލީގު މެދުކަނޑާނުލައި ކުރިއަށް ގެންދާ ނަމަ މި ފެށޭ ހަފުތާގައި ލީގު ޗެމްޕިއަން ކަނޑައެޅިދާނެ އެވެ. އެއީ އެއީ މާދަމާރޭ ބާންލީ އަތުން މެންޗެސްޓާ ސިޓީ ބަލިވެ ލިވަޕޫލުން އާދީއްތަ ދުވަހުގެރޭ އެވަޓަން އަތުން މޮޅުވެއްޖެ ނަމަ އެވެ.