ބޯހުރާގައި މިއަދު ފެށި ގައުމީ ދިވެހި ސާފް ލީގުގެ ދެވަނަ މުބާރާތް، "މުލީކޮޅު ރާޅުގަނޑު" މުބާރާތުގެ އޯޕަން ޑިވިޝަންގެ ފުރަތަމަ ބުރުގެ ހީޓްތަކުން ޖޫނިއާ ސާފަރުން ކަމަށްވާ މުހައްމަދު އިނާން އަބްދުލް ހަންނާން އާއި ޔަސީން އަހުމަދު ނާޝިދުގެ އިތުރުން ސައްޔިދު ސަލާހުއްދީން ވެސް ފުރަތަމަ ބުރުގެ ހީޓްތަކުން އެއްވަނަ ހޯދައިފި އެވެ.
05 މެއި 2023
ބޯހުރާގައި މިއަދު ފެށި ގައުމީ ދިވެހި ސާފް ލީގުގެ ދެވަނަ މުބާރާތް، "މުލީކޮޅު ރާޅުގަނޑު" މުބާރާތުގެ އޯޕަން ޑިވިޝަންގެ ފުރަތަމަ ބުރުގެ ހީޓްތަކުން ޖޫނިއާ ސާފަރުން ކަމަށްވާ މުހައްމަދު އިނާން އަބްދުލް ހަންނާން އާއި ޔަސީން އަހުމަދު ނާޝިދުގެ އިތުރުން ސައްޔިދު ސަލާހުއްދީން ވެސް ފުރަތަމަ ބުރުގެ ހީޓްތަކުން އެއްވަނަ ހޯދައިފި އެވެ.
މ. މުލީގައި އިއްޔެ ފަށާގޮތަށް ތާވަލް ކުރެވުނު މި މުބާރާތް މިއަދު ބޯހުރާގައި ފެށީ މޫސުން ގޯސްވެ މުލީގައި މުބާރާތް ބޭއްވެން ނެތުމުންނެވެ. ހެނދުނު މުބާރާތް ފަށާފައި ވަނީ ޖޫނިއާ ހީތްތަކުންނެވެ.
މި ތިން ސާފަރުންނަކީ ވެސް ރާއްޖޭގެ ޖޫނިއާ ސާފިން ޓީމުގެ އެތުލީޓުންނެވެ. ކޮންމެ ހީޓަކުން ވެސް އެއްވަނަ އަދި ދެވަނައަށް ދާ އެތުލީޓުން ތިންވަނަ ބުރަށް ހޮވޭނެ އެވެ. އޯޕަން ޑިވިޝަންގައި މި އެތުލީޓުން ވާދަ ކުރަނީ ޖޫނިއާ ސާފިން ގައުމީ ޓީމުގެ 16 އަހަރުން ދަށުގެ އުމުރުފުރާތަކުގެ އެތުލީޓުންނަށް ދޭ ވައިލްޑް ކާޑް އުސޫލުންނެވެ.
ފުރަތަމަ ހީޓްގައި އިނާން ކުރި ހޯދީ ސާފް ލީގުގެ ފުރަތަމަ މުބާރާތް ގދ. ގައްދޫގައި ކާމިޔާބު ކުރި ނަޖާހު މުހައްމަދު (ކަބޯ) ބަލިކޮށްފަ އެވެ. އޭނާއަކީ މިވަގުތު ލީގު ރޭންކިންގެ އެއްވަނައިގައި އޮތް ރާޅާއެޅުންތެރިޔާ އެވެ. ނަޖާހު ވަނީ މިދިޔަ އަހަރު ބޭއްވި މުލީކޮޅު ރާޅުގަނޑު މުބާރާތުގެ ދެވަނަ ހޯފައިފަ އެވެ.
ސާފިންގެ ގެއުމީ ޓީމުގައި ވެސް ހިމެނޭ ނަޖާހަށް މި ހީޓުގައި ލިބުނީ ޖުމްލަ 8.84 ޕޮއިންޓެވެ. އިނާން ވަނީ ޖުމްލަ 10.33 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. ނަޖާހުގެ އެންމެ ރަނގަޅު ދެ ރާޅަށް 5.67 އަދި 3.17 ޕޮއިންޓް ލިބުނުއިރު އިނާންގެ އެންމެ ރަނގަޅު ރާޅުތަކަށް ލިބުނީ 4.00 އަދި 6.33 ޕޮއިންޓެވެ. މި ހީޓްގެ ތިންވަނަ އަށް ދިޔައީ އަހުމަދު މިދުޝާން އެވެ. އަދި ފަރުހާޏް އަލީ އޮތީ ހަތަރު ވަނައިގަ އެވެ.
ޔަސީން އެއްވަނަ ހޯދީ ފަސްވަނަ ހީޓުގައި ޝާނިފް ޝަފީގު ފަހަތަށް ޖައްސާލައިފަ އެވެ. ދެ އެތުލީޓުންނަކީ ވެސް ޖޫނިއާ އެތުލީޓުންނެވެ. ނަމަވެސް ޝާނިފް އަކީ 18 އަހަރުން ދަށުގެ ކެޓެގަރީގެ ސާފަރެކެވެ. މީގެ އިތުރުން އޭނާ އަކީ މިދިޔަ އަހަރު ގައުމީ ރޭންކިންގެ ނުވަވަނައިގައި ނިންމި އެތުލީޓެކެވެ.
ޔަސީންގެ ޖުމްލަ ސްކޯއަކީ 9.50 އެވެ. އަދި ޝާނިފްގެ ޖުމްލަ ސްކޯ އަކީ 7.43 އެވެ. ޔަސީން އެޅި ހަތަރު ރާޅުން 4.83 އަކާއި 4.67 ޕޮއިންޓެއް ހޯދި އިރު ޝާނިފް ހޯދީ 3.50 އަކާއި 3.93 އެކެވެ. ޝާނިފް ވަނީ އޭނާގެ ސްކޯ ރަނގަޅު ކުރަން 11 ރާޅާ އަޅައިފަ އެވެ. ހީޓުން ތިންވަނައަށް ދިޔައީ ނައުފަލް އަހުމަދެވެ.
ސައްޔިދު ވާދަކުރީ ހަވަނަ ހީޓުގަ އެވެ. އޭނާ ވަނީ ސީނިއާ ގައުމީ ޓީމުގައި ހިމެނޭ ޖައިލަމް ނިޒާރަށް ވުރެ ތިން ޕޮއިންޓް އިތުރަށް ހޯދައިގެން ހީޓްގެ އެއްވަނަ ހޯދައިފަ އެވެ. ސައްޔުދުގެ އެންމެ ރަނގަޅު ދެ ރާޅަށް ވެސް ފަސް ޕޮއިންޓް ހޯދި އިރު ޖައިލަމްގެ ފުރަތަމަ ދެ ރާޅަށް ހޯދީ 3.17 އަދި 3.83 ޕޮއިންޓެވެ.
މި ހީޓްގައި ވާދަކުރި ޖޫނިއާ އެތުލީޓެއް ކަމަށްވާ ކަޔާން އަބްދުﷲ އަރީފް ވެސް ވާދަކުރި އެވެ. ޖުމްލަ 6.23 ޕޮއިންޓާ އެކު އޭނާއަށް ލިބުނީ ތިންވަނައެވެ. ހަތަރުވަނައަށް ދިޔައީ ފަސް ޕޮއިންޓް ލިބުނު މުހައްމަދު ނުސްރަތެވެ.
ޖޫނިއާ ސާފަރުން އަންނަނީ އޯޕަން ޑިވިޝަނުގައި ވާދަކޮށް ރަނގަޅު ކުރިއެރުންތަކެއް ހޯދަމުންނެވެ.
ގިނަ ދުވަސްތަކަކަށް ފަހު މިދިޔަ އަހަރުގެ ލީގުގެ ފަހު ދެ މުބާރާތަށް އައިސް، އަލުން ގައުމީ ޓީމުގެ ވެސް ޖާގަ ހޯދައިފައިވާ ރާއްޖޭގެ ލެޖެންޑް ހުސެއިން އަރީފް (އިބޫ) ވަނީ ހަތަރުވަނަ ހީޓްގައި ވާދަކޮށް 15.17 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. މިއީ މި ބުރުގައި އެންމެ މަތީ ޖުމްލަ ސްކޯ އެވެ. އޭނާ ވަނީ ހަތް ޕޮއިންޓަކާއި 8.17 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. ހީޓްގެ ދެވަނައަށް ދިޔައީ 7.20 ޕޮއިންޓް ހޯދި މުހައްމަދު އަތޫފް އެވެ. އަލީ މަމްނޫން ޝާހިރު ތިންވަނައަށް ދިޔައިރު ހަތަރުވަނައިގައި އޮތީ ސާހް އަހުމަދެވެ.
ތަޖުރިބާކާރު ރާޅާއެޅުންތެރިޔާ އިބޫ ބުނީ، ބޯހުރާހައި މިއަދު ލިބުނީ ކުދި ރާޅުތަކެއް ކަމަށާއި ރަނގަޅު ސްކޯއެއް ހޯދުނީ ވޭވް ސިލެކްޝަންގައި ރަނގަޅު ރާޅުތަކެއް ހޯދައިގެން ކަމަށެވެ.
ދެވަނައަށް އެންމެ މަތިން ސްކޯ ކުރީ ހީޓް ތިނެއްގައި 12.83 ގެ ޖުމްލަ ސްކޯއެއް ހޯދި ހޫދު އަހުމަދު (ހޫބްޒް) އެވެ. އޭނާގެ އެންމެ ރަނގަޅު ރާޅުތަކަށް ހަ ޕޮއިންޓަކާއި 6.83 ޕޮއިންޓެއް ހޯދިއިރު، ދެވަނައަށް ދިޔަ އަހުމަދު އަރުޒާން ވަނީ 2.60 އަކާއި 5.17 އެއް ހޯދައިފަ އެވެ. އޭނާގެ ޖުމްލަ އަކީ 7.77 އެވެ. މި ހީޓުން އަލީ ރިޒާ ތިންވަނައަށް ދިޔައިރު ހަތަރުވަނަ އަށް ދިޔައީ އިބްރާހިމް ޒަކީ އެވެ.
މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން އަންމަޑޭ ވަނީ މި ބުރުގައި5.17 އަކާއި 5.83 ޕޮއިންޓަކާ އެކު 11 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. ދެވަނައަށް ދިޔައީ 3.17 އަދި 7.17 ޕޮއިންޓަކާ އެކު ޖުމްލަ 10.34 ޕޮއިންޓް ހޯދި މުހައްމަދު އިރުޝާދު (ބިއްލޫ) އެވެ. ތިންވަނައަށް ދިޔައީ އަޒްލީ ނަސީމް އެވެ.
ދެވަނަ ހީޓުގެ އެއްވަނަ ހޯދީ މުލީގެ ރާޅާއެޅުންތެރިއަކަށްވާ އިބްރާހިމް ލަތީފް އެވެ. އޭނާ އެއްވަނަ ހޯދީ ޖުމްލަ 7.63 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައަށް ދިޔައީ 6.50 ޕޮއިންޓް ހޯދި އިބްރާހިމް އައިމަން އާރިފް އެވެ. ޖުމްލަ 2.83 ޕޮއިންޓް މަދުވި އަބްދުﷲ އަރީފް (ފުކޫ) އަށް ތިންވަނަ ލިބުނުއިރު، ހަތަރުވަނަ ލިބުނީ ހަސަން އަރުޝަދަށެވެ.
މި ބުރުގެ ފަހު ހީޓުގައި ހަސަން ނާސިހު ވަނީ 10.34 ޕޮއިންޓް ސްކޯކޮށް ހީޓުން އެއްވަނަ ހޯދައިފަ އެވެ. ދެވަނަ ލިބުނީ 5.60 ޕޮއިންޓް ސްކޯކުރި އައިހަމް އަދުނާން އެވެ. ތިންވަނަ އަށް ދިޔައީ އިސްމާއިލް ހަމީދެވެ. އަދި ހަތަރުވަނަ އަށް ދިޔައީ ޝައިހާން ހުސެއިން ސޮލާހެވެ.
ސާފިންގެ އަންހެން ޗެމްޕިއަންކަން އާޔާ އަށް
ޖޫނިއާ ޗެމްޕިއަންކަން އިނާނާއި ޔަސީން އަދި ކަޔާނަށް
ތިން ވަނަ ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ފަށައިފި
ރަންދާ ރާޅުގަނޑުގެ ޗެމްޕިއަންކަން އިއްސެއާއި އިނާންއަށް
ރަންދާ ރާޅުގަނޑުގައި ޖޫނިއާ ސެމީއަށް ސާފަރުން ހޮވިއްޖެ
ސާފިން ޖޫނިއާ ރޭންކިންގައި ރާއްޖެ އަށް އޭޝިއާގެ ދެވަނަ
ޗެމްޕިއަންކަން އިންޑޮނޭޝިއާ އާއި ޖަޕާނު ސާފަރުންނަށް
ފައިނަލަށް ނުދެވުނަސް ކަޔާން ދައްކައި ދިނީ އުންމީދު
އޭޝިއަން ޗެމްޕިއަންޝިޕުގެ ސެމީން ކަޔާން ޖާގަ ހޯދައިފި
އޭޝިއަންގޭމްސްގެ ސާފިންއިން ފިރިހެން ޖާގައެއް ރާއްޖެއަށް