Roadha Mihaaru

ސައްޔިދު، މުލީކޮޅު ރާޅުގަނޑުގެ އޯޕަން ޑިވިޝަންގެ ކުއާޓާ އަށް

ދިވެހި ސާފް ލީގުގެ މިއަހަރުގެ ދެވަނަ މުބާރާތް ކަމަށްވާ "މުލީކޮޅު ރާޅުގަނޑު" ގެ އޯޕަން ޑިވިޝަންގެ ކުއާޓާ ފައިނަލުން ޖޫނިއާ އެތުލީޓް ސައްޔިދު ޖާގަ ހޯދައިފި އެވެ.

ސައްޔިދު މުލީކޮޅު މުބާތުގެ އޯޕަން ޑިވިޝަންގެ ކުއާޓާއަށް
މުހައްމަދު ޒަޔާން ޒާހިރު
މުހައްމަދު ޒަޔާން ޒާހިރު

06 މެއި 2023

ދިވެހި ސާފް ލީގުގެ މިއަހަރުގެ ދެވަނަ މުބާރާތް ކަމަށްވާ "މުލީކޮޅު ރާޅުގަނޑު" ގެ އޯޕަން ޑިވިޝަންގެ ކުއާޓާ ފައިނަލުން ޖޫނިއާ އެތުލީޓް ސައްޔިދު ޖާގަ ހޯދައިފި އެވެ.

ޖޫނިއާ ޑިވިޝަނުގެ މެޗުތައް ވެސް މިއަދު ކުރިއަށް ދިޔަ އެވެ. ޖޫނިއާ ބައިގެ ސެމީ ފައިނަލަށް ހަތަރު އެތުލީޓުން ހޮވިފައި ވާއިރު ސައްޔިދު ވަނީ ކުއާޓާ ފައިނަލްގެ ހީޓުގައި މުހައްމަދު އިނާން އަބްދުލް ހަންނާން އަތުން ބަލިވެފަ އެވެ. ޖޫނިއާ ބައިގެ ސެމީގައި އިނާން ވާދަކުރާނީ މިދިޔަ އަހަރު މުބާރާތުން އެއްވަނަ ހޯދި ޝާނިފް ޝަފީގާ ދެކޮޅަށެވެ. ސެމީގެ އަނެއް ހީޓުގައި ވާދަ ކުރާނީ ކަޔާން އަބްދުﷲ އަރީފް އާއި ޔަސީން އަހުމަދު ނާޝިދެވެ.

މިއަދު ކުރިއަށް ދިޔަ އޯޕަން ޑިވިޝަންގެ ހަތަރުވަނަ ބުރުގެ ކޮންމެ ހީތަކުން ވެސް އެންމެ ރަނގަޅު ދެ އެތުލީޓުން ވަނީ ކުއާޓާއަށް ހޮވިފަ އެވެ. ޖޫނިއާ އެތުލީޓް ސައްޔިދު ވަނީ މިދިޔަ އަހަރުގެ ރަންނަމާރި ޗެލެންޖުގެ އޯޕަން ބައިގެ ކުއާޓާއަށް ވެސް ގޮސްފަ އެވެ. މިއަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ "ކަޅެގަލެކޮޑާ" ގައި ސައްޔިދަށް ބައިވެރިވެވޭގޮތެއް ނުވި އެވެ. އެއީ އިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތް ކުޅެން ޖެހޭ ތާރީހާ މުބާރަތް އޮތް ތާރީހާ ފުށުއަރާގޮތް ވުމުގެ ސަބަބުންނެވެ.

މި އަހަރުގެ ކުއާޓާގައި ސައްޔިދު ވާދަކުރާނީ މިދިޔަ އަހަރުގެ ރަންނަމާރި ޗެލެންޖް ކާމިޔާބު ކުރި މުހައްމަދު އިރުޝާދު (ބިއްލޫ) އާ ދެކޮޅަށެވެ. މިދިޔަ އަހަރު މުލީކޮޅު ރާޅުގަނޑުގެ ޗެމްޕިއަންކަމާއި ލީގުގެ ޗެމްޕިއަންކްން ވެސް ހޯދި އަހުމަދު އާގިލް (އަންމަޑޭ) އޭނާގެ ބޭބެ ހަސަން ނާސިހު (ޗިކާ) އާ ދެކޮޅަށް ވާދަ ކުރަން ޖެހޭއިރު، ހުސެއިން އަރީފް (އިބޫ) ވާދަ ކުރާނީ އަލީ މަމްނޫން ޝާހިރާ ދެކޮޅަށެވެ. ކުރާޓާގެ ފުރަތަމަ ހީޓުގައި ވާދަކުރާނި ނަޖާހު މުހައްމަދު (ކަބޯ) އާއި ހޫދު އަހުމަދު (ހޫބްޒް) އެވެ.

ސައްޔިދު، އޯޕަން ޑިވިޝަންގެ ކުއާޓާ އިން ޖާގަ ހޯދީ ހަތަރުވަނަ ބުރުގެ ތިންވަނަ ހީޓުގެ އެއްވަނަ ހޯދައިގެންނެވެ. އޭނާ މި ހީޓްގެ އެއްވަނަ ހޯދީ ތަޖުރިބާކާރު ރާޅާއެޅުންތެރިޔާ ނާސިހަށް ވުރެ ޖުމްލަ 0.4 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ސައްޔިދު 8.90 ޕޮއިންޓް ހޯދިއިރު ނާސިހަށް ލިބުނީ 8.50 ޕޮއިންޓެވެ. މި ހީޓްގެ ތިންވަނަ އަށް ދިޔައީ އައިހަމް އަދުނާން އެވެ. ގައުމީ ޓީމުގެ އެތުލީޓް ޖައިލަމް ނިޒާރު ދިޔައީ ހީޓްގެ ހަތަރުވަނައަށެވެ.

އަންމަޑޭ، މުލީކޮޅު ރާޅުގަނޑު މުބާރާތުގައި ރާޅަކާ އަޅަނީ، އަންމަޑޭ އަކީ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބު ކުރި އެތުލީޓް.-- ފޮޓޯ: އެމްއެސްއޭ

އަންމަޑޭ، މުލީކޮޅު ރާޅުގަނޑު މުބާރާތުގައި ރާޅަކާ އަޅަނީ، އަންމަޑޭ އަކީ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބު ކުރި އެތުލީޓް.-- ފޮޓޯ: އެމްއެސްއޭ

އިރުޝާދު ވަނީ ހަތަރުވަނަ ބުރުގެ ފަހު ހީޓުގައި އަންމަޑޭއާ ދެކޮޅަށް ރަނގަޅު ވާދައެއް ކޮށްފަ އެވެ. މި ހީޓުގެ އެއްވަނަ އަންމަޑޭ ހޯދީ 0.27 ޕޮއިންޓުންނެވެ. އަންމަޑޭގެ ޖުމްލަ ސްކޯ އަކީ 11.50 އެވެ. އިރުޝާދުގެ ސްކޯ އަކީ 11.23 އެވެ. އަންމަޑޭ އެއްވަނައަށް ދިޔައީ އެންމެ ފަހު ވަގުތު އެޅި ރާޅަށް 6.33 ޕޮއިންޓް ސްކޯ ކޮށްގެންނެވެ. މި ހީޓުގައި ދެން ވާދަކުރީ ތިންވަނައަށް ދިޔަ ކަޔާން އަބްދުﷲ އަރީފާއި ހަތަރުވަނައަށް ދިޔަ ޝާނިފް ޝަފީގެވެ.

އިބޫ ވަނީ ދެވަނަ ހީޓުގައި ވާދަކޮށް ހޫދު އާއި އިބްރާހިމް ލަތީފްގެ އިތުރުން އޭނާގެ ކޮއްކޮ އަބްދުﷲ އަރީފް (ފުކޫ) ފަހަތަށް ޖައްސާލައި ހީޓްގެ އެއްވަނަ ހޯދައިފަ އެވެ. އިބޫ ހީޓްގެ އެއްވަނަ ހޯދީ 11.49 ޕޮއިންޓު ހޯދަިއގެންނެވެ. ދެވަނައަށް ދިޔަ ހޫދު އަށް ލިބުނީ 9.93 ޕޮއިންޓެވެ. ލަތީފަށް ތިންވަނަ ލިބުނުއިރު ފުކޫ އަށް ލިބުނީ ހަތަރުވަނަ އެވެ.

މިއަހަރުގެ މުބާރާތުގައި އިބޫ ރާޅާއަޅަނީ.-- ފޮޓޯ: އެމްއެސްއޭ

މިއަހަރުގެ މުބާރާތުގައި އިބޫ ރާޅާއަޅަނީ.-- ފޮޓޯ: އެމްއެސްއޭ

މި ބުރުގެ ފުރަތަމަ ހީޓްގައި ވާދަކޮށް ނަޖާހު އެއްވަނަ ހޯދީ 10.33 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައަށް ދިޔައީ 6.40 ޕޮއިންޓް ހޯދި އަލީ މަމްނޫން ޝާހިރެވެ. މަމްނޫން ދެވަނަ ހޯދީ އަހުމަދު މިދުޝާން އަށް ވުރެ ޖުމްލަ 0.40 ޕޮއިންޓް އިތަރަށް ހޯދައިގެންނެވެ. ހަތަރުވަނައިގައި ނިންމީ އިބްރާހިމް އައިމަން އާރިފެވެ.

ނަޖާހަކީ މިއަހަރުގެ ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ "ކަޅެގަލެކޮޑާ" ގެ ޗެމްޕިއަނެވެ. އެ މުބާރާތުގެ ފައިނަލްގައި ނަޖާހާ ދެކޮޅަށް ނުކުތް އިސްމާއިލް ރަޝީދު (ސްމައިލީ) މި މުބާރާތުގައި ވާދައެއް ނުކުރެ އެވެ.

މ. މުލީގައި ބާއްވާ މުލީކޮޅު ރާޅުގަނޑު މުބާރާތް މިއަހަރު ބާއްވަނީ އެރަށާ އެއް ފަޅެއްގައި، މުލީގެ އިރު އުތުރު ފަރާތުގައި އޮންނަ ބޯހުރާ ކިޔާ ފަޅުރަށެއްގަ އެވެ. މި މުބާރާތް ތާވަލް ކުރެވުނީ މި މަހުގެ 3-7 އަށެވެ. ފުރަތަމަ ދުވަހު މުބާރާއް ނުބޭއްވުމުން މުބާރާތް ފެށީ ހަތަރުވަނަ ދުވަހު އެވެ.

މުއްޔާއި ބޯހުރާ ކައިރީގައި އޮންނަ އެއް ފަރެއްގައި ދެ ސާފް ޕޮއިންޓެއް އޮވެއެވެ. މި އަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ ބޯހުރާ ފުއްޓަރު ފަރާތުގައި އޮންނަ މަޝްހޫރު "މަޝްރޫމްސް" ޕޮއިންޓުގަ އެވެ.

މުލީގައި ތައްޔާރު ކުރެވުނު މުބާރާތުގެ ސެޓަޕް އެއްކޮށް ބޯހުރާ އަށް ބަދަލުކުރީ މުލީގެ ރައްޔިތުންގެ މަސައްކަތުން ކަން އެމްއެސްއޭ އިން ފާހަގަ ކުރެ އެވެ. އަދި އެމްއެސްއޭ އިން ވަނީ މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމުގައި މުލީގެ ރައްޔިތުންގެ ފަރާތުން ލިބުނު، އަދި މިހާރު ވެސް ލިބެމުން އަންނަ ބޮޑު އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ.