Roadha Mihaaru
މަންދޫބުންގެ ނަން އދ. އަށް ފޮނުވަން އެދުނު: ނަޝީދު

މަޝްވަރާގައި ބައިވެރިވާ އެމްޑީޕީގެ މަންދޫބުންގެ ނަންތައް ސީދާ އދ. އަށް ފޮނުވަން ވަނީ އެދިފައި: ނަޝީދު

25 ޖެނުއަރީ 2017

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި އިދިކޮޅު އެމްޑީޕީން ބައިވެރިވާނެ މަންދޫބުންގެ ނަންތައް ސީދާ އދ. އަށް ހުށަހަޅަން އެ ޖަމާއަތުން އެދިފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި އިދިކޮޅު އެމްޑީޕީން ބައިވެރިވާނެ މަންދޫބުންގެ ނަންތައް ސީދާ އދ. އަށް ހުށަހަޅަން އެ ޖަމާއަތުން އެދިފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

އެމެރިކާގައި މިހާރު ހުންނެވި ނަޝީދު ވަނީ، އެ މަނިކުފާނު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި، އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއާޒް ޖެފްރީ ފެލްޓްމަން އާއި ސީނިއަ އެޑްވައިޒަ އޮން ޕޮލިޓިކަލް އެފެއާޒް ތަމްރަތު ސެމިއުލްއާ ބައްދަލުކުރައްވައިފަ އެވެ.

"އދ. އިން ދެކޭ ގޮތުގައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި އެމްޑީޕީން ބައިވެރިވާނެ މަންދޫބުންގެ ނަންތައް ހުށަހަޅަންވީ އދ. އަށް،" އެ ބައްދަލުކުރެއްވުމުގެ ތަފްސީލު ދެއްވުމެއް ނެތި، ނަޝީދު ވިދާޅުވެފައިވެ އެވެ.

ނަޝީދުގެ ޓުވީޓް.

މަޝްވަރާތައް ފަށަން މަސައްކަތް ކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައި ވިިޔަސް، އަދިވެސް ކުރިއެރުމެއް ލިބޭ ގޮތެއް ނުވެ އެވެ. މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލު އަދާކުރައްވަން އދ. އިން ކަނޑައަޅާފައިވާ މަންދޫބު ތަމްރަތު އެންމެ ފަހުން ވަޑައިގެން ވެސް، ވަކިވަކި ފަރާތްތަކާ އެކު ބައްދަލުކުރައްވައި "ޕްރޮކްސިމިޓީ ޓޯކްސް" ބާއްވަން މަސައްކަތް ކުރެއްވިޔަސް، އެކަމުން ވެސް މާ ބޮޑު ކުރިއެރުމެއް ނުލިބުނެވެ.

އދ.ގެ މަންދޫބު ތަމްރަތު ރައީސް ޔާމީނާ ބައްދަލުކުރައްވަނީ: މަޝްވަރާތައް ބާއްވަން އދ. އިން މަސައްކަތް ކުރަމުން އަޔަސް، އަދިވެސް ކުރިއެރުމެއް ނުލިބޭ.-- ފައިލް ފޮޓޯ: ރައީސް އޮފީސް

އދ.ގެ މަންދޫބު ތަމްރަތު ރައީސް ޔާމީނާ ބައްދަލުކުރައްވަނީ: މަޝްވަރާތައް ބާއްވަން އދ. އިން މަސައްކަތް ކުރަމުން އަޔަސް، އަދިވެސް ކުރިއެރުމެއް ނުލިބޭ.-- ފައިލް ފޮޓޯ: ރައީސް އޮފީސް

އެންމެ ފަހުން މަޝްވަރާތަކަށް ހުރަސް އެޅުނީ މަޝްވަރާގައި ބައިވެރިވާނެ މަންދޫބުން އެ ޕާޓީއެއްގެ ކައުންސިލުން ފާސްކުރަން ރައީސް އޮފީހުން އެދުމުންނެވެ. ހާއްސަކޮށް، ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި ދެ ފެކްޝަން އުފެދި، ދެ ފެކްޝަނުން މަޝްވަރާތަކަށް މަންދޫބުން ކަނޑައެޅުމުން، މި މައްސަލަ ބޮޑުވެ، މަޝްވަރާތަކަށް ވަނީ ހުރަސް އެޅިފަ އެވެ.

ސަރުކާރުން ކުރިން ބުނި ގޮތުގައި، މަޝްވަރާތައް ނުފެށި ލަސްވަނީ އެމްޑީޕީ އާއި އަދާލަތު ޕާޓީގެ އެއްބާރުލުން ނުލިބޭތީ އެވެ. ޖަލު ހުކުމެއް އިއްވާފައިވާ ނަޝީދާއި އަދާލަތު ޕާޓީގެ އޭރުގެ ރައީސް އިމްރާން އަބްދުﷲ އެ ވާހަކަތަކުގައި ބައިވެރިކުރަން ސަރުކާރުން ދެކޮޅު ހެދުމުން، އެ ދެ ޕާޓީން އަދި މަންދޫބުންގެ ނަންތައް ރައީސް އޮފީހަކަށް ނުފޮނުވަ އެވެ.

ސިޔާސީ ދެކޮޅުވެރިކަން ރާއްޖޭގައި ބޮޑުވަމުން ދާތީ އދ. އިން މިދިޔަ މަހު ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު، ބޭރުގެ ބައެއް ފަރާތްތަކުން ވަނީ ޕާޓީތަކުގެ މަޝްވަރާތައް ބޭރުގައި ބާއްވަން ވެސް މަސައްކަތްކޮށްފަ އެވެ. އެކަމަކު، ސަރުކާރުން ބުނެފައި ވަނީ އެ ފަދަ ހުށަހެޅުމެއް ރަސްމީކޮށް ލިބިފައި ނުވާ ކަމަށެވެ.