Roadha Mihaaru
ކާވާ މުބާރާތަށް އަންހެން ވޮލީބޯޅަ ޓީމު ނޭޕާލަށް

ކާވާ މުބާރާތަށް އަންހެން ވޮލީބޯޅަ ޓީމު ނޭޕާލަށް

21 މެއި 2023

ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ގެ އަންހެނުންގެ ވޮލީބޯޅަ ޗެލެންޖް ކަޕުގައި ވާދަކުރަން، ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު ރޭ ނޭޕާލަށް ފުރައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ގެ އަންހެނުންގެ ވޮލީބޯޅަ ޗެލެންޖް ކަޕުގައި ވާދަކުރަން، ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު ރޭ ނޭޕާލަށް ފުރައިފި އެވެ.

މާދަމާ އިން ފެށިގެން އަންނަ ހަފުތާގެ ހޯމަ ދުވަހާ ހަމައަށް ނޭޕާލްގެ ކަތުމަންޑޫގައި ބާއްވާ އެ މުބާރާތުގައި ރާއްޖެއާ އެކު 8 ގައުމަކުން ވާދަކުރެ އެވެ.

މުބާރާތުގެ 8 ގައުމު ދެ ގުރޫޕަކަށް ބަހާލައިފައި ވާއިރު، ރާއްޖެ ހިމެނެނީ އުޒްބަކިސްތާނާއި ސްރީ ލަންކާ އަދި ކަޒަކިސްތާނާ އެކު ގުރޫޕް ބީގަ އެވެ. މުބާރާތް ބާއްވާ ގައުމު ނޭޕާލާއި ކިރިގިސްތާން އަދި ބަންގްލަދޭޝް އާއި އިންޑިއާ ހިމެނެނީ ގުރޫޕް އޭގަ އެވެ.

ކާވާ މުބާރާތުގައި، ރާއްޖޭން ފުރަތަމަ ކުޅެން ހަމަޖެހިފައި ވަނީ މާދަމާ ރޭ ކަޒަކިސްތާނާ ދެކޮޅަށެވެ. ޖެހިގެން އަންނަ ރޭ އުޒްބަކިސްތާނާ ދެކޮޅަށް ކުޅުމަށް ފަހު ދެން ކުޅޭނީ ސްރީ ލަންކާއާ ދެކޮޅަށެވެ.

ކޮންމެ ގުރޫޕަކުން އެއް ވަނަ އާއި ދެވަނަ ޓީމު ސީދާ ސެމީ ފައިނަލަށް ހޮވޭނެ އެވެ. ސެމީ އަށް ނުހޮވޭ ޓީމުތަކުގެ މެދުގައި ވެސް ރޭންކިން މެޗުތަކެއް ކުޅޭނެ އެވެ. ސެމީ ފައިނަލްގެ މެޗުތައް ކުޅޭނީ މި މަހުގެ 26 ވަނަ ދުވަހުގެ ރެ އެވެ. ސެމީން ބަލިވާ ދެ ޓީމު ވެސް ފައިނަލް އޮންނަ ދުވަހު ބްރޯންޒް މެޑަލް މެޗު ކުޅޭނެ އެވެ.

ކާވާ ޗެލެންޖް ކަޕްގައި ރާއްޖޭގެ އަމާޒަކީ ފައިނަލްގައި ކުޅުން ކަމަށް އެ ޓީމުގެ މެނޭޖަރު އަބްދުﷲ ރަޝީދު "މިހާރު" އަށް ކުރިން ވިދާޅުވި އެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ އިން ވަނީ މިދިޔަ އޭޕްރީލް މަހުން ފެށިގެން ތައިލެންޑްގެ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ވިޗީޕޮން ފޯންޗާޓްޔިންޗީޕް ގެ އިރުޝާދުގެ ދަށުން ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފަ އެވެ.

މި އަހަރުގެ ކުރީކޮޅު ރާއްޖޭގައި ވަނީ ބައިނަލްއަގުވާމީ އިންވިޓޭޝަނަލް ފޯ ނޭޝަންސް މުބާރާތެއް ބާއްވައިފަ އެވެ. އެ މުބާރާތުގައި ރާއްޖޭން ވަނީ ކޯޗު އިބްރާހިމް ނިޒާރު (ބޮޑޭ)ގެ އިރުޝާދުގެ ދަށުން ކުޅެ ރަނގަޅު ތަޖުރިބާއަކާ އެކު ރިހި މެޑަލް ހޯދައިފަ އެވެ.