Roadha Mihaaru
ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓައިފި

ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓައި އެއާޕޯޓުން ހުރަސް އަޅައިފި

26 ޖެނުއަރީ 2017

އިދިކޮޅު އިއްތިހާދުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޝިދާތާ ޝަރީފްގެ ޕާސްޕޯޓް މިއަދު ހިފަހައްޓައި އެއާޕޯޓުން އޭނާ އަށް ހުރަސް އަޅައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

އިދިކޮޅު އިއްތިހާދުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޝިދާތާ ޝަރީފްގެ ޕާސްޕޯޓް މިއަދު ހިފަހައްޓައި އެއާޕޯޓުން އޭނާ އަށް ހުރަސް އަޅައިފި އެވެ.

ޝިދާތާ ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީން ކުރި ޓުވީޓެއްގައި ބުނި ގޮތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށް ބުނެ ޝިދާތާގެ ޕާސްޕޯޓް މިއަދު ހެނދުނު ވަނީ ހިފަހައްޓައިފަ އެވެ. އަދި އެއާޕޯޓުން ޝިދާތާ ވެސް ހިފަހައްޓާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

ޝިދާތާ ފަހުން "މިހާރު" އަށް ވިދާޅުވީ އެއާޕޯޓުން އޭނާ ހިފެހެއްޓީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އަމިއްލަ ދަތުރެއްގައި އިންޑިއާ އާއި ސްރީ ލަންކާ އަށް ވަޑައިގަތުމަށް ފަހު، މިއަދު ހެނދުނު އެނބުރި މާލެ ވަޑައިގަތް ތަނުން ކަމަށެވެ. އެއާޕޯޓުގައި ހުންނަ ޓޫރިސްޓް ޕޮލިހަށް ގެންގޮސް، އެ ތަނުގައި ބައި ގަޑިއިރަށް ވުރެ ގިނައިރު ބެހެއްޓުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ތަނުން ދިން ލިއުމުގައި އޮތީ އިމިގްރޭޝަނުން ޕާސްޕޯޓް ހިފަހައްޓާފައިވާތީ އަދި ފުލުހުންނާ ހަވާލުކުރީމާ މައުލޫމާތު ސާފުކުރުމަށް އެ ތަނުގައި ބެހެއްޓީ ކަމަށް. އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ބުނެފައެއް ނެތް. ޕާސްޕޯޓް ހިފެހެއްޓީ ކީއްވެގެން ކަމެއް އަޅުގަނޑަކަށް ނޭނގޭ،" ޝިދާތާ ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ރަސްމީ އެއްވެސް ފަރާތެއްގެ ބަހެއް އަދި ނުލިބެ އެވެ. އެހެންވެ، ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެ އެވެ.

އިދިކޮޅު އިިއްތިހާދުގެ ހިޔަނި ކެބިނެޓުގެ ހެލްތު މިނިސްޓަރުކަން ވެސް ކުރައްވާ ޝިދާތާ ވަނީ މީގެ ކުރިން ފުލުހަށް ހާޒިރުކޮށް، ފޯނު އަތުލައިފަ އެވެ. އެއީ މުޒާހަރާތަކާއި އެއްވުންތަކުން ހައްޔަރުކުރާ މީހުންނަށާއި އެ މީހުންގެ އާއިލާތަކަށް އެހީ ދޭން އެ އިއްތިހާދުން އުފެއްދި ފަންޑާ ގުޅޭ މައްސަލައެއްގަ އެވެ.