Roadha Mihaaru

އުރުދުޣާން އަށް އިތުރު ދައުރެއްގެ މަގު ތަނަވަސްވެއްޖެ

ތުރުކީ ވިލާތުގައި މި މަހުގެ 14 ވަނަ ދުވަހު ބޭއްވި ރިއާސީ އިންތިޚާބުގައި، 50 ޕަސެންޓަށް ވުރެ މަތިން ވޯޓު ލިބިވަޑައިނުގަތަސް، ދެ ވަނަ ބުރު ކާމިޔާބުކޮށް، ރައީސްކަމުގެ ތިން ވަނަ ދައުރެއް ކަށަވަރުވުމުގެ ފުރުސަތު މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނަށް ބޮޑުވެއްޖެ އެވެ.

އުރުދުޣާން އަށް އިތުރު ދައުރެއްގެ މަގު ތަނަވަސްވެއްޖެ

ތުރުކީ ވިލާތުގައި މި މަހުގެ 14 ވަނަ ދުވަހު ބޭއްވި ރިއާސީ އިންތިޚާބުގައި، 50 ޕަސެންޓަށް ވުރެ މަތިން ވޯޓު ލިބިވަޑައިނުގަތަސް، ދެ ވަނަ ބުރު ކާމިޔާބުކޮށް، ރައީސްކަމުގެ ތިން ވަނަ ދައުރެއް ކަށަވަރުވުމުގެ ފުރުސަތު މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނަށް ބޮޑުވެއްޖެ އެވެ.

ރައީސް އުރުދުޣާނަށް އެ ފުރުސަތު ބޮޑުވީ، ފުރަތަމަ ބުރުގައި ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި މިނިވަން ކެންޑިޑޭޓް ސިނާން އޮއާން، ދެ ވަނަ ބުރުގައި ރައީސް އުރުދުޣާނަށް ތާއީދުކުރައްވަން އިއްޔެ ނިންމެވުމާ ގުޅިގެންނެވެ. އޭނާގެ އެ ނިންމެވުމާއެކު، ފުރަތަމަ ބުރުގައި އޭނާ އަށް ވޯޓު ދިން 2.8 މިލިއަން މީހުންގެ ތެރެއިން ގިނަ ބަޔަކު، ދެ ވަނަ ބުރުގައި އުރުދުޣާނަށް ވޯޓު ދޭނެ ކަމަށް ބެލެވެ އެވެ.

އުރުދުޣާނަށް ތާއީދުކުރައްވަން ނިންމެވިކަން އިއުލާން ކުރެއްވުމަށް އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި ސިނާން އޮއާން ވިދާޅުވި ގޮތުގައި އޭނާގެ އެ ނިންމެވުމުގެ ސަބަބުން، ވަތަނީ ފިކުރުގެ ސިޔާސީ ބޭފުޅުންގެ ތާއީދު އުރުދުޣާނަށް ލިބިވަޑައިގަންނަވާނެ އެވެ. އަދި އުރުދުޣާނަށް ތާއީދުކުރައްވަން ނިންމެވީ، އުރުދުޣާންގެ އަދާލަތު ޕާޓީން މިފަހަރުގެ އިންތިޚާބުގައި ހޯދި ފުރިހަމަ ކާމިޔާބީގެ ސަބަބުން ކަމަށް ވެސް އޮއާން ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުގެ މި ނިންމުމަކީ، މި ޤައުމަށް މިވަގުތަށް އެންމެ ރަނގަޅު ނިންމުން. މިވަގުތު އެންމެ މުހިންމީ، އާ ދައުރަކަށް އިންތިޚާބުވާ ރައީސަކީ ވެސް ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދި ޕާޓީގެ ބޭފުޅަކަށް ވުން،" ސިނާން އޮއާން ވިދާޅުވި އެވެ.

"އަނެއްކޮޅުން އިދިކޮޅު ލީޑަރު (ކަމާލް ކިލިޖްދާރް އޯގްލޫ)އާ ގުޅިފައިވާ ކޯލިޝަނަކީ، މިދިޔަ 20 އަހަރު މި ގައުމުގައި ވެރިކަން ކުރި ރައްޔިތުންގެ އިއްތިހާދާ ދެކޮޅަށް ކާމިޔާބު ހޯދޭ ވަރުގެ ބައެއް ނޫން. އަދި ގައުމުގެ ކުރިމަގާ މެދު މި ނޫން ގޮތެއް އޮތްކަން އަހަރެމެންނަށް ވިސްނައިދެވުނު ބައެއް ވެސް ނޫން."

ސިނާން އޮއާން ވިދާޅުވި ގޮތުގައި ރިއާސީ އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓުލުމުގައި ރައީސް އުރުދުޣާނަށް ތާއީދުކުރައްވަން އޭނާ ނިންމެވި މައިގަނޑު އެއް ސަބަބަކީ، ޓެރަރިޒަމާ ދެކޮޅަށް ހުއްޓުމެއް ނެތި އުރުދުޣާން ކުރައްވަމުން ގެންދަވާ މަސައްކަތެވެ. ދެ ވަނަ ބުރުގެ ވޯޓާ ބެހޭ ގޮތުން ރައީސް އުރުދުޣާން ވަނީ މިދިޔަ ހުކުރު ދުވަހު ސިނާން އޮއާންއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފަ އެވެ.

ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. ދެ ވަނަ ބުރުގައި ވާދަކުރާނީ، ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ރައީސް އުރުދުޣާން އާއި ދެ ވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވި، އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ލީޑަރު ކަމާލް ކިލިޖްދާރް އޯގްލޫ އެވެ.

ފުރަތަމަ ބުރުގެ ވޯޓުލުމުގައި ރައީސް އުރުދުޣާނަށް ލިބިވަޑައިގަތީ 49.52 ޕަސެންޓް ވޯޓެވެ. އެއީ ގާތްގަނޑަކަށް 27.13 މިލިއަން ވޯޓެވެ. އިދިކޮޅު ލީޑަރު ކަމާލް ކިލިޖްދާރް އޯގްލޫ އަށް ލިބިވަޑައިގަތީ، 44.88 ޕަސެންޓް ވޯޓެވެ. އެއީ ގާތްގަނޑަކަށް 24.5 މިލިއަން ވޯޓެވެ.

ފުރަތަމަ ބުރުގައި ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ މިނިވަން ކެންޑިޑޭޓް ސިނާން އޮއާން އަށެވެ. އޭނާ އަށް 5.17 ޕަސެންޓް ވޯޓު ލިބިވަޑައިގެންނެވި އިރު، އެއީ ގާތްގަނޑަކަށް 2.8 މިލިއަން ވޯޓެވެ.

ތުރުކީ ވިލާތުގެ ގާނޫނު ބުނާ ގޮތުން ރިއާސީ އިންތިޚާބު ކާމިޔާބުކުރި ކަމަށް ބަލާނީ، ޖުމްލަ ސައްހަ ވޯޓުގެ 50 ޕަސެންޓަށް ވުރެ އެންމެ ވޯޓެއް ވެސް އިތުރަށް ލިބޭ ކެންޑިޑޭޓެކެވެ. އެ މިންވަރަށް އެއްވެސް ކެންޑިޑޭޓަކަށް ފުރަތަމަ ބުރުގައި ވޯޓު ނުލިބިއްޖެ ނަމަ، ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއްގެ ވޯޓުލުން ބާއްވައިގެން، އިންތިޚާބު ކާމިޔާބުވި ކެންޑިޑޭޓެއް ކަނޑައަޅާނީ އެވެ.