Roadha Mihaaru
ރައީސް އުރުދުޣާން، ވެރިކަމުގެ އާ ދައުރަކަށް ހޮވިއްޖެ

ރައީސް އުރުދުޣާން، ވެރިކަމުގެ އާ ދައުރަކަށް އިންތިޚާބުކޮށްފި

28 މެއި 2023

ތުރުކީ ވިލާތުގައި މިއަދު އޮތް ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓުލުމުގައި، މިހާރުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އެކަށީގެންވާ ބޮޑު އަޣުލަބިއްޔަތަކުން އިންތިޚާބު ކާމިޔާބުކުރައްވައި، ވެރިކަމުގެ އިތުރު ދައުރެއް ކަށަވަރު ކުރައްވައިފި އެވެ.

ތުރުކީ ވިލާތުގައި މިއަދު އޮތް ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓުލުމުގައި، މިހާރުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އެކަށީގެންވާ ބޮޑު އަޣުލަބިއްޔަތަކުން އިންތިޚާބު ކާމިޔާބުކުރައްވައި، ވެރިކަމުގެ އިތުރު ދައުރެއް ކަށަވަރު ކުރައްވައިފި އެވެ.

މިއަދު ބޭއްވި އިންތިޚާބުގެ ގާތްގަނޑަކަށް 99 ޕަސެންޓް ވޯޓުގެ ނުރަސްމީ ނަތީޖާ އިއުލާންކޮށްފައިވާ އިރު، މިހާރުގެ ރައީސް، އަދާލަތު ޕާޓީގެ ރަޖަބު ތައްޔިބު އުރުދުޣާން ވަނީ، ވޯޓުގެ 52 ޕަސެންޓަށް ވުރެ މަތިން ހޯއްދަވައިފަ އެވެ. އޭނާއާ ވާދަކުރެއްވި އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ލީޑަރު ކަމާލް ކިލިޖްދާރް އޯގްލޫ އަށް މިހާތަނަށް ލިބިވަޑައިގަތީ 47 ޕަސެންޓް ވޯޓެވެ.

ވަގުތީ ނަތީޖާގައި ބޮޑު ތަފާތަކުން ކުރި ލިބިވަޑައިގަތުމާއެކު، ތުރުކީ ވިލާތުގެ ހުރިހާ ސަރަހައްދެއްގައި ވެސް މިހާރު އަންނަނީ، އުރުދުޣާން އަށް ތާއީދުކުރާ އާންމުންނާއި، ވެރިކަން ކުރާ އަދާލަތު ޕާޓީގެ މެމްބަރުން މަގުތަކަށާއި މައިދާންތަކަށް އެއްވެ އުފާ ފާޅުކުރަމުންނެވެ. ވަގުތީ ނަތީޖާގައި 52 ޕަސެންޓުގެ ތާއީދެއް ލިބިވަޑައިގަތުމާ ގުޅިގެން، ރައީސް އުރުދުޣާން ވަނީ، އިސްތަންބޫލުގައި ހުންނަ އޭނާގެ ގެކޮޅުގައި ބެލްކަންޏަށް ނުކުމެވަޑައިގެން ހުންނައި އާންމުންނާ މުޚާތަބު ކުރައްވައި، ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި މިއަދުގެ އިންތިޚާބުގައި ކާމިޔާބު ލިބުނީ ތުރުކީ ވިލާތުގެ ރައްޔިތުންނަށެވެ. އޭނާ ވިދާޅުވީ އިތުރު ފަސް އަހަރުގެ މުއްދަތަށް ގައުމު ކުރިއަށް ގެންގޮސްދިނުމުގެ މަސްއޫލިއްޔަތު ތުރުކީގެ ރައްޔިތުން އަނެއްކާ ވެސް އޭނާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

"މިއަދުގެ މި ކާމިޔާބާއެކު ތުރުކީ ވިލާތުގެ މި ގަރުނުގެ ދޮރު ހުޅުވިއްޖެ. މި އިންތިޚާބުގެ ނަތީޖާ އިން އެނގުނީ، މި ގައުމުން ހާސިލުކޮށްފައިވާ ކާމިޔާބާއި ކުރިއެރުން ނައްތައިލުމަކީ އެކަކަށް ވެސް ކުރެވޭނެ ކަމެއް ނޫންކަން،" އުރުދުޣާން ވިދާޅުވި އެވެ.

މިއަދުގެ އިންތިޚާބުގައި ވާދަކުރެއްވީ، މިމަހުގެ 14 ވަނަ ދުވަހު ބޭއްވި ފުރަތަމަ ބުރުގެ ވޯޓުލުމުގައި ވާދަކުރެއްވި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުން ކަމަށްވާ، މިހާރުގެ ރައީސް، އަދާލަތު ޕާޓީގެ ރަޖަބު ތައްޔިބު އުރުދުޣާން އާއި އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ލީޑަރު ކަމާލް ކިލިޖްދާރް އޯގްލޫ އެވެ.

މިއަދުގެ ވޯޓަށް އާންމު ރައްޔިތުން ނުކުތް އިރު، އިންތިޚާބުގެ ނަތީޖާ ބުރަވާނެ ކަމަށް ގިނަ ބަޔަކު ލަފާކުރީ، ރައީސް އުރުދުޣާން އަށެވެ. ސަބަބަކީ ފުރަތަމަ ބުރުގައި ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވި، މިނިވަން ކެންޑިޑޭޓް ސިނާން އޮއާން، ދެ ވަނަ ބުރުގައި ރައީސް އުރުދުޣާނަށް ތާއީދުކުރައްވަން ނިންމަވާފައިވާތީ އެވެ.

މިއަދުގެ އިންތިޚާބުގައި ވޯޓުލީ ހުރިހާ ސަރަހައްދަކުން ވެސް، ދެ ކެންޑިޑޭޓުން ވަނީ ފުރަތަމަ ބުރަށް ވުރެ ގިނަ ވޯޓު ހޯއްދަވައިފަ އެވެ. ބައެއް ސަރަހައްދުތަކުގައި ވޯޓު ލީ މީހުންގެ އަޣުލަބިއްޔަތު ވޯޓު، އިދިކޮޅު ކެންޑިޑޭޓަށް ލިބުނެވެ. ނަމަވެސް ޖުމްލަ ވޯޓުގެ 50 ޕަސެންޓަށް ވުރެ މަތިން ހޯއްދެވީ ރައީސް އުރުދުޣާން އެވެ.