Roadha Mihaaru
ތުރުކީ އިންތިޚާބުގެ ވޯޓުލުން ކުރިއަށް

ތުރުކީ އިންތިޚާބުގެ ވޯޓުލުން ކުރިއަށް

14 މެއި 2023

ތުރުކީގެ މި ފަހުގެ ތާރީޚުގައި ބާއްވާ އެންމެ ވާދަވެރި ރިއާސީ އިންތިޚާބާއި އާންމު އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނުން ފަށައިގެން ކުރިއަށް އެބަދެ އެވެ.

ތުރުކީގެ މި ފަހުގެ ތާރީޚުގައި ބާއްވާ އެންމެ ވާދަވެރި ރިއާސީ އިންތިޚާބާއި އާންމު އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނުން ފަށައިގެން ކުރިއަށް އެބަދެ އެވެ.

މިފަހަރުގެ އިންތިޚާބަކީ މީގެ 20 އަހަރު ކުރިން ވެރިކަމާ ހަވާލުވެވަޑައިގެންނެވި މިހާރުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާންގެ ވެރިކަން، އިތުރަށް ދެމިއޮންނާނެތޯ އެ ގައުމުގެ ސިޔާސީ މަސްރަހުގައި މިހާރު ކުރަމުން އަންނަ ސުވާލަށް ޖަވާބެއް ލިބިގެންދާނެ އިންތިޚާބެކެވެ. ނަމަވެސް އޭނާއާ އެންމެ ގާތުން ވާދަކުރައްވާ ކަމާލް ކިލިޗްދްރޯލޫ އަށް އާންމުންގެ ތާއީދު ބޮޑު ކަމަށް، ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާތީ، އުރުދުޣާންގެ ވެރިކަން ނިމުމަކަށް އަތުވެދާނެ ކަމަށް ވެސް ބެލެވެ އެވެ.

މިއަދުގެ އިންތިޚާބުގައި ރައީސް އުރުދުޣާންއާ އެންމެ ގާތުން ވާދަކުރައްވާ ކަމާލް ކިލިޗްދްރޯލޫއަކީ އިދިކޮޅު ހަ ސިޔާސީ ޕާޓީއެއްގެ ތާއީދާއެކު، އުރުދުޣާންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ނުކުމެ ހުންނެވި ކެންޑިޑޭޓެވެ. ސެކިއުލާ ސިޔާސަތެއް ގެންގުޅުއްވާ ކަމާލް އަކީ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ޗެއާމަނެވެ.

މިއަދުގެ އިންތިޚާބުގައި ތުރުކީގެ ރައީސް ކަމުގެ މަގާމަށް ހަތަރު ބޭފުޅަކު ވާދަކުރައްވަ އެވެ. އެއީ، މިހާރުގެ ރައީސް އަދި އަދާލަތު ޕާޓީގެ ލީޑަރު ރަޖަބު ތައްޔިބު އުރުދުޣާން އާއި ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ލީޑަރު ކަމާލް ކިލިޗްދްރޯލޫ އާއި ހޯމް ލޭންޑް ޕާޓީގެ ލީޑަރު މުހައްރަމް އިންޖޭ އާއި މިނިވަން ކެންޑިޑޭޓް ސިނާން އޮއާން އެވެ.

އިންތިޚާބަށް ކެމްޕޭން ކުރުމުގެ އެންމެ ފަހު ފަހު ވަގުތު އިއްޔެގެ އިރު އޮއްސުމާއެކު ނިންމައިލީ، ވާދަވެރި ދެ ކެންޑިޑޭޓުން ވެސް ބޭއްވި ބޮޑު އެއްވުމަކުންނެވެ. ރައީސް އުރުދުޣާންގެ ކެމްޕޭން ނިންމަވައިލެއްވީ، އާޔާ ސޯފިޔާ މިސްކިތުގައި އިއްޔެ ބޭއްވި އަސްރު ނަމާދުގެ ޖަމާއަތުންނެވެ.

މިއަދުގެ ވޯޓުލުމުގައި އެއްވެސް ކެންޑިޑޭޓަކަށް، 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ލިބިވަޑައިނުގެންފި ނަމަ، މިއަދުގެ ވޯޓުގައި އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި، މި މަހުގެ 28 ވަނަ ދުވަހު އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނެ އެވެ.

މެއި 14، 2023؛ ތުރުކީ ވިލާތުގެ ރިއާސީ އިންތިޚާބުގައި އެ ގައުމުގެ އިދިކޮޅު ލީޑަރު އަދި ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ލީޑަރު ކަމާލް ކިލިޗްދްރޯލޫ ވޯޓު ލައްވަނީ. --އޭއެފްޕީ

މެއި 14، 2023؛ ތުރުކީ ވިލާތުގެ ރިއާސީ އިންތިޚާބުގައި އެ ގައުމުގެ އިދިކޮޅު ލީޑަރު އަދި ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ލީޑަރު ކަމާލް ކިލިޗްދްރޯލޫ ވޯޓު ލައްވަނީ. --އޭއެފްޕީ

ތުރުކީ ވިލާތުގައި މިއަދު ކުރިއަށް ދާ އިންތިޚާބަކީ، ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން އެ ގައުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ އިންތިޚާބަކަށް ވާނެ ކަމަށް، އެ ގައުމުގެ މީޑިއާ އިން ބުނެ އެވެ. އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ހީނަރުކަމާއި އިންފްލޭޝަން ރޭޓް މަތިވުމާއި، ފެބްރުއަރީ 6، 2023 ގައި އެ ގައުމަށް އައި ބާރުގަދަ ބިންހެލުމުގައި ލިބުނު ގެއްލުންތައް ފޫބެއްދުމަކީ، ދެން އަންނަ ސަރުކާރަކަށް ކުރިމަތިވާނެ އެންމެ އުނދަގޫ ކަންކަމެވެ.

މިއަދުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 64 މިލިއަން މީހުން ލިބިފައިވާ އިރު، އުރުދުޣާންގެ ވެރިކަން ދިފާއުކުރަން ބޭނުންވާ މީހުންނާއި، އޭނާގެ ވެރިކަން ނިމުމަކަށް ގެންނަން ބޭނުންވާ މީހުން ވެސް، ވޯޓުލުމަށް ނުކުންނާތީ، ގިނަ ވިޔަފާރިތަކާއި ބައެއް ސްކޫލް މަދަރުސާތައް ވަނީ ބަންދުކޮށްފަ އެވެ.

އުރުދުޣާންގެ ވެރިކަން ދިފާއުކުރަން ބޭނުންވާ މީހުން ދެކޭ ގޮތުގައި އެމެރިކާގެ އިސްތިއުމާރީ ނުފޫޒުން ތުރުކީ ވިލާތް މިންޖުކުރެވޭނީ، އަދާލަތު ޕާޓީގެ އުރުދުޣާން ވެރިކަމުގައި ބަހައްޓައިގެންނެވެ. އުރުދުޣާންގެ ވެރިކަމާ ދެކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި އެ ގައުމުގައި ޑިމޮކްރެސީގެ ހަމަތައް ނެގެހެއްޓޭނީ އާ ވެރިއަކާ ގައުމު ހަވާލުކޮށްގެންނެވެ.