Roadha Mihaaru
ތުރުކީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ފެށިއްޖެ

ތުރުކީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ފެށިއްޖެ

28 މެއި 2023

ތުރުކީ ވިލާތުގެ ރިއާސީ އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން، މިއަދު ހެނދުނުން ފަށައިގެން އެ ގައުމުގެ ހުރިހާ ސަރަހައްދެއްގައި ކުރިއަށް އެބަދެ އެވެ.

ތުރުކީ ވިލާތުގެ ރިއާސީ އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން، މިއަދު ހެނދުނުން ފަށައިގެން އެ ގައުމުގެ ހުރިހާ ސަރަހައްދެއްގައި ކުރިއަށް އެބަދެ އެވެ.

ދެ ވަނަ ބުރުގެ ވޯޓުލުމުގައި ވާދަކުރައްވަނީ، މިމަހުގެ 14 ވަނަ ދުވަހު ބޭއްވި ފުރަތަމަ ބުރުގެ ވޯޓުލުމުގައި ވާދަކުރެއްވި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުން ކަމަށްވާ، މިހާރުގެ ރައީސް، އަދާލަތު ޕާޓީގެ ރަޖަބު ތައްޔިބު އުރުދުޣާން އާއި އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ލީޑަރު ކަމާލް ކިލިޖްދާރް އޯގްލޫ އެވެ.

މިއަދުގެ ވޯޓަށް އާންމު ރައްޔިތުން ނުކުތް އިރު، އިންތިޚާބުގެ ނަތީޖާ ބުރަވާނެ ކަމަށް ގިނަ ބަޔަކު ލަފާކުރަނީ، ރައީސް އުރުދުޣާން އަށެވެ. ސަބަބަކީ ފުރަތަމަ ބުރުގައި ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވި، މިނިވަން ކެންޑިޑޭޓް ސިނާން އޮއާން، ދެ ވަނަ ބުރުގައި ރައީސް އުރުދުޣާނަށް ތާއީދުކުރައްވަން ނިންމަވާފައިވާތީ އެވެ.

ފުރަތަމަ ބުރުގައި ރައީސް އުރުދުޣާން އަށް ލިބިވަޑައިގެންނެވި ވޯޓާއި ވާދަވެރި ކެންޑިޑޭޓް ކަމާލް ކިލިޖްދާރް އޯގްލޫ އަށް ލިބިވަޑައިގެންނެވި ވޯޓާ ދެމެދު ހުރީ އެންމެ 2.5 މިލިއަން ވޯޓުގެ ތަފާތެވެ. އަދި އެ ބުރުގައި ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ސިނާން އޮއާން އަށް 2.5 މިލިއަން ވޯޓު ލިބިވަޑައިގެންފައިވާ އިރު، ދެ ވަނަ ބުރުގައި އުރުދުޣާން އަށް ސިނާންގެ ތާއީދު ލިބިވަޑައިގަތުމުން، ދެ ވަނަ ބުރު ކާމިޔާބު ކުރެއްވުމުގެ ފުރުސަތު އުރުދުޣާނަށް ބޮޑެވެ.

އިންތިޚާބުގެ ދެ ވަނަ ބުރު ކާމިޔާބު ކުރެއްވުމަށް ހިންގެވި ކެމްޕޭން ހަރަކާތްތައް، ރައީސް އުރުދުޣާން އިއްޔެ ނިންމަވައިލެއްވީ، ވެރިރަށް އިސްތަންބޫލްގައި ހުންނަ އައްޔޫބު ސުލްތާން މިސްކިތުންނެވެ. އެއީ އުސްމާނީ ދައުލަތުގެ ޚަލީފާއިން ވެރިކަމުގެ ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގައި މުހިންމު ދައުރެއް އަދާކުރި މިސްކިތެކެވެ.

ރިއާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގައި ބައިވެރިވުމަށް، ބޭރު ގައުމުތަކުގައި ރަޖިސްޓްރީ ކުރި މީހުން ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ވޯޓުލައި ނިންމައިފަ އެވެ. ތުރުކީ ވިލާތުގައި މިހާރު ކުރިއަށް ދާ ވޯޓުލުން ނިމޭނީ މިއަދު ހަވީރު 5:00ގަ އެވެ.

ފުރަތަމަ ބުރުގެ ވޯޓުލުމުގައި، ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ 88.8 އިންސައްތަ މީހުން ވޯޓު ލާފައިވެ އެވެ. އެ ބުރުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ދެ ކެންޑިޑޭޓުންގެ މެދުގައި ހުރީ އެންމެ 2.5 މިލިއަން ވޯޓުގެ ތަފާތު ކަމަށްވާތީ އާއި ބަދަލަކަށް އެދި އަޑު އުފުލާ ޒުވާނުންގެ އަދަދު އިތުރުވަމުން އަންނާތީ، އުރުދުޣާން ނޫން ވެރިއަކު ހޯދުމުގެ އުންމީދުގައި ގިޔަ ބަޔަކު މިއަދު ވޯޓުލުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

މިއަދުގެ ނަގާ ވޯޓުގެ ނަތީޖާތައް ލިބެން ފަށާނީ މިރޭގެ މެންދަމެއްހާއިރު ކަމަށްވާތީ، އިންތިޚާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓެއް މުޅިން ކަށަވަރުވާނީ މާދަމާ ހަވީރު ނުވަތަ މާދަމާ ރޭގެ ވަގުތެއްގަ އެވެ. މިއަދުގެ ވޯޓުލުން ފެށުނު އިރު، މިދިޔަ ފެބްރުއަރީ މަހު ތުރުކީ ވިލާތަށް އައި ބާރު ގަދަ ބިންހެލުމުގައި ސުންނާފަތިވި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ވޯޓުލާން ދިއުމަށް، ސަރުކާރުގެ ފަރާތުން ވަނީ އެއްގަމު ދަތުރުތައް އިންތިޒާމުކޮށްދީފަ އެވެ.