Roadha Mihaaru
އޮލިމްޕަހުގައި "ނީނާ" އަޅުވަނީ އޮގަސްޓް 6 ގައި

އޮލިމްޕަހުގައި "ނީނާ" އަޅުވަނީ އޮގަސްޓް 6 ގައި

31 މެއި 2023

ގިނަ އެކްޝަން ސީކުއެންސްތަކާއެކު ތަފާތު މަންޒަރުތަކެއް ފެންނަ ދިވެހި ފިލްމު "ނީނާ" އަންނަ އޮގަސްޓް މަހުގެ ހަ ވަނަ ދުވަހު އޮލިމްޕަހުގައި އަޅުވަން ނިންމައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ގިނަ އެކްޝަން ސީކުއެންސްތަކާއެކު ތަފާތު މަންޒަރުތަކެއް ފެންނަ ދިވެހި ފިލްމު "ނީނާ" އަންނަ އޮގަސްޓް މަހުގެ ހަ ވަނަ ދުވަހު އޮލިމްޕަހުގައި އަޅުވަން ނިންމައިފި އެވެ.

ރޭ ސޮލައިޓް ރެސްޓޯރެންޓުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި "ނީނާ" ފިލްމުގެ ޕްރޮމޯޝަން ވަނީ ރަސްމީކޮށް ލޯންޗުކޮށްފަ އެވެ. އެ ހަފުލާގައި ފިލްމުގެ ރަސްމީ ޕޯސްޓަރުތަކާއި ޕްރޮމޯޝަނަލް ލަވައިގެ ވީޑިއޯ އާއި ޓީޒާ އަދި މެއިން ޓްރެއިލާ ވަނީ ދައްކާލައިފަ އެވެ.

ފިލްމު އުފެއްދި "އައިފިލްމްސް" އިން ބުނީ އެ ހުރިހާ އެއްޗެއް ވެސް ކުރިއަށް ހުރި ދުވަސްތަކުގައި ދައްކާލާނެ ކަމަށެވެ. މިއީ "އައިފިލްމްސް" އިން ރިލީޒްކުރާ ދެވަނަ ފީޗާ ފިލްމެވެ. އެންމެ ފުރަތަމަ 2019 ވަނަ އަހަރު ނެރުނު "ބަވަތި" އަށް ވަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ހިތްވަރުގަދަ އަންހެނެއް ކަމަށްވާ ނީނާގެ ހަޔާތަށެވެ. މީގެ ތިން އަހަރުކުރިން، 2020 ގައި ޕްރޮޑަކްޝަން ފެށި މި ފިލްމަށް 600،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ބުންޏެވެ.

"ނީނާ" ފިލްމުގެ ބައެއް ކާސްޓުންނާއި ޕްރޮޑަކްޝަން ޓީމު.

"ނީނާ" ފިލްމުގެ ބައެއް ކާސްޓުންނާއި ޕްރޮޑަކްޝަން ޓީމު.

ފިލްމުގެ ޓައިޓަލް ކެރެކްޓާ ނީނާގެ ރޯލު ކުޅެނީ "ބަވަތި"ގައި ވެސް ކުޅަދާނަ އެކްޓިންއެއް ދެއްކި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. އޭނާއާއެކު ދެން ލީޑުން ފެންނަނީ ރިހި ސްކްރީނަށް އަލަށް ތައާރަފުވާ އެކްޓަރު ޝަރަފުއްދީން އަބްދުﷲ (ޝަރަފް) އެވެ. އޭގެ އިތުރުން، 30 އަހަރު ފަހުން ކުރީގެ އެކްޓަރު މަރިޔަމް ރަޝީދާ ވެސް މި ފިލްމުން ދިވެހި ސިނަމާއަށް އެނބުރި އައުމަށް ވަނީ ހަމަޖެހިފަ އެވެ.

ރޭގެ ހަފްލާގައި އިއްލެ ބުނީ ފިލްމުގައި އެކްޓަރު ޖުމައްޔިލް ނިމާލް އުޅުނު ނަމަވެސް، އޭނާއާ ގުޅޭގޮތުން ފެތުރުނު އަޑުތަކާއި ކުޑަކުއްޖަކު ރޭޕުކުރި ކަމަށް ބުނެ ކުރި ތުހުމަތުތަކާ ގުޅިގެން ޖުމައްޔިލް އުޅޭ މަންޒަރުތައް ކެނޑެން ހުރި މިންވަރަކުން ކަނޑާފައިވާ ކަމަށެވެ.

"...އެވާހަކަތައް ފެތުރުނީ އަޅުގަނޑުމެން ޝޫޓު ނިންމައިފައި މާލެ އައިތަނުން. ކޮވިޑާއެކު މާލެ ވެސް ލޮކްޑައުން ކުރީ އޭރު. ނުޒޫ ވެސް ބޯކޮށާ ބޮޑެތި ބަދަލުތަކެއް ގެނަ. އެ ހުރިހާ ކަމަކާއެކު އަޅުގަނޑުމެންނަށް ރިޝޫޓު ކުރެވޭ ގޮތެއް ނުވި. އެހެންވެ، ކުރެވެން އޮތް ހަމައެކަނި ކަމަކީ މަންޒަރުތައް އުނިކުރުން. ކެނޑެން ހުރި މިންވަރަކަށް ޖުމައްޔިލްގެ މަންޒަރުތައް ހުންނާނީ ކަނޑައިފައި،" އިއްލެ ބުންޏެވެ.

މަންޒަރުތަކެއް އުނިކުރިޔަސް، އިއްލެ ބުނިގޮތުގައި، ފިލްމުގެ ވާހަކައަށް އެއްވެސް ކަހަލަ އުނިކަމެއް ނާންނާނެ އެވެ.

މި ފިލްމުގެ ޝޫޓިންގެ ކުރިން ދެ މަސްދުވަހުގެ ވެއިޓް ޓްރެއިނިންއަކާއި މާޝަލް އާޓްސް ކްލާސްތަކެއް ނުޒޫ އާއި ވިލަންގެ ރޯލު ކުޅޭ ހަމްދޫން ފާރޫގް ވަނީ ފުރިހަމަކޮށްފަ އެވެ. ވަރުގަދަ ތައްޔާރީތަކާއެކު ކުޅެފައިވާ މި ފިލްމުގައި އެކްޝަން ގިނަ މަންޒަރުތަކާއި ހިތާމަވެރި، ހިތްގައިމު އަދި ލޯބީގެ ބައެއް މަންޒަރުތަކެއް ފެންނާނެ އެވެ. މިއީ ދިވެހި ސިނަމާއިން އާންމުކޮށް ނުފެންނަ، އެކްޝަން/ތުރިލާ ޖޯންރާގެ ފިލްމެކެވެ.

އަންނަ އޮގަސްޓު މަހުގެ ހަ ވަނަ ދުވަހުން ފެށިގެން މި ފިލްމުގެ 30 ޝޯ އޮލިމްޕަހުގައި ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އުންމީދަކީ ހައުސްފުލް ޝޯތަކާއެކު "ބަވަތި" އަށް ވުރެ ވެސް މި ފިލްމު ކާމިޔާބުވުން ކަމަށް ފިލްމުގެ ޕްރޮޑިއުސަރުން ބުންޏެވެ.