21 ޖޫން 2021
ޖޯޑަންގެ ކުރީގެ ވަލީ އަހުދު، އަދި ރަސްގެފާނު އަބްދުﷲގެ އެއްބަފާ ކޮއްކޯފުޅު، އަލްއަމީރު ހަމްޒާ ބިން ހުސައިން އިސްވެ ހުންނަވައިގެން ގައުމުގައި އުފައްދަން އުޅުނު ކަމަށް ބުނާ ފިތުނައިގެ ތުހުމަތުކުރެވޭ ދެ ބޭފުޅުންގެ ޝަރީއަތް މިއަދު ފަށައިފި އެވެ.
ޖޯޑަންގެ ކުރީގެ ވަލީ އަހުދު، އަދި ރަސްގެފާނު އަބްދުﷲގެ އެއްބަފާ ކޮއްކޯފުޅު، އަލްއަމީރު ހަމްޒާ ބިން ހުސައިން އިސްވެ ހުންނަވައިގެން ގައުމުގައި އުފައްދަން އުޅުނު ކަމަށް ބުނާ ފިތުނައިގެ ތުހުމަތުކުރެވޭ ދެ ބޭފުޅުންގެ ޝަރީއަތް މިއަދު ފަށައިފި އެވެ.
ފިތުނައިގެ ތުހުމަތުގައި ޝަރީއަތަށް ހުށަހެޅިފައިވަނީ، އުރްދުންގެ ޝާހީ ގަނޑުވަރުގެ ކުރީގެ ޗީފް އޮފް ސްޓާފް ބާސިމް ޢިވަޟުﷲ އާއި އޭނާގެ ގާތް، މެދުމިނު ވިޔަފާރިވެރިއެއް ކަމަށްވާ އައްޝަރީފް ހަސަން ބިން ޒައިދު އެވެ. މި ދެ ބޭފުޅުންގެ މައްޗަށް ކޮށްފައިވާ ދެ ތުހުމަތަކީ، ޖޯޑަންގައި ގާއިމުވެ ހިނގަމުން އަންނަ ރަސްކަމާ މެދު ރައްޔިތުންގެ ހިތްތަކުގައި ދެކޮޅުވެރިކަން އުފެއްދުމަށް މަސައްކަތް ކުރުމުގެ ތުހުމަތާއި، މީސްތަކުންގެ މެދުގައި ފިތުނަ އުފެއްދުމާއި، މުޖަތަމައުގެ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާތެރިކަން ކުރިމަތިކުރުވާ ފަދަ އަމަލުތައް ހިންގުމުގެ ތުހުމަތެވެ. މީގެ އިތުރުން، މަސްތުވުމުގެ ބޭނުމުގައި އަތުގައި މަސްތުވާތަކެތި ގެންގުޅުމުގެ ތުހުމަތާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތު ވެސް، މީގެ ތެރެއިން އައްޝަރީފްގެ މައްޗަށް ކޮށްފައިވެ އެވެ.
ޝަރީއަތުގެ މިއަދުގެ އަޑުއެހުންތައް ކުރިއަށް ގެންދިޔައީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި، އެއްވެސް ނޫސްވެރިއަކު ނުވައްދަ އެވެ. އެހެންކަމުން މިއަދުގެ އަޑުއެހުން ކުރިއަށް ދިޔަ ގޮތާ މެދު ކޯޓުން ނުވަތަ ޕްރޮސެކިއުޓާގެ އޮފީހުން ބަޔާނެއް ނެރޭނެ ކަމަށް ބެލެވެ އެވެ.
މިއަދުގެ އަޑުއެހުން ފެށުމުގެ ކުރިން، ބާސިމްގެ ދިފާއީ ވަކީލުން ވިދާޅުވީ، މައްސަލައިގެ ޝަރީއަތް ހައެއްކަ މަސްދުވަހަށް ދެމިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ކުރިއަށް އޮތް އަޑުއެހުންތަކުގައި، ހެކިވެރިއެއްގެ ގޮތުން، އަމީރު ހަމްޒާ ކޯޓަށް ހާޒިރުކޮށްދޭން އެދޭނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ޖޯޑަންގެ ކުރީގެ ވަލީ އަހުދު އަމީރު ހަމްޒާގެ މައްޗަށް ކުރެވޭ ތުހުމަތުތައް، އެ ގައުމުގެ ސަރުކާރުން ރަސްމީކޮށް އެންމެ ފުރަތަމަ އިއުލާން ކުރީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ. ޖޯޑަންގެ ރަސްގެފާނު އަބްދުﷲއާ ދެކޮޅަށް އަމީރު ހަމްޒާ ސިއްރިޔާތުގައި ކަންތަކެއް ކުރައްވަމުން ގެންދަވާ ކަމުގެ ޖާސޫސީ މައުލޫމާތު ލިބުމާ ގުޅިގެން، ޖޯޑަން ސަރުކާރުން އެ މައްސަލަ ތަހުގީގުކުރި އެވެ.
ތަހުގީގުގެ ފުރަތަމަ ހޯދުންތަކަށް ފަހު، ސަރުކާރުން ބުނި ގޮތުގައި ބޭރުގެ ފަރާތްތަކަކާ ގުޅިވަޑައިގެން، ގައުމުގެ ހަމަޖެހުމާއި ސުލްހަ ނަގައިލުމަށާއި، ދައުލަތާ ދެކޮޅަށް ރައްޔިތުން ނެރުމަށް، އަމީރު ހަމްޒާ މަސައްކަތްކުރައްވާކަން ވަނީ އެނގިފަ އެވެ. ނަމަވެސް އެ ތުހުމަތުތައް އަމީރު ހަމްޒާ ދޮގުކުރައްވަ އެވެ. އެމެރިކާގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، އަމީރު ހަމްޒާ މަސައްކަތް ކުރެއްވީ، އިންގިލާބެއް ގެންނަވައިގެން ރަސްގެފާނު އަބްދުﷲގެ ވެރިކަން ބަދަލުކޮށްލެއްވުމަށެވެ.
ޖޯޑަން ސަރުކާރުން ކުރި ތަހުގީގުތަކަށް ފަހު، އަމީރު ހަމްޒާ އާއި އެހެން ބައެއް ސިޔާސީ ބޭފުޅުން ހިމެނޭ ގޮތުން 18 މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން ދެ މީހަކު ފިޔަވައި އެހެން މީހުން ވަނީ، ރަސްގެފާނު އަބްދުﷲގެ އެދިވަޑައިގަތުމަކަށް، ކޯޓުން ދޫކޮށްލައިފަ އެވެ.
ޖޯޑަންގެ ޝާހީ އާއިލާގެ ތެރޭގައި އުފެދުނު މި ފިތުނައިގެ ހުޅުގަނޑު ބޮޑުވިޔަ ނުދީ ނިއްވައިލުމަށް، ރަސްގެފާނު އަބްދުﷲގެ ބޮޑުބޭބޭފުޅު އަލްއަމީރް އަލްހަސަން މެދުވެރިއަކަށް ވެވަޑައިގެން ކުރެއްވި މަސައްކަތްތަކުން، އަމީރު ހަމްޒާ، އޭނާގެ އާއިލާގެ ގާތަށް ގަނޑުވަރަށް ބަދަލުކުރެއްވި އެވެ. އަދި އަމީރު ހަމްޒާގެ މައްޗަށް ދައުވާ ނުކުރަން ނިންމުމާ ގުޅިގެން، ރަސްގެފާނު އަބްދުﷲ އަށް ވަފާތެރިކަމުގައި ހުންނެވި ކަމަށް ވިދާޅުވެ، އަމީރު ހަމްޒާ ވަނީ ބަޔާނެއް ވެސް ނެރުއްވައިފަ އެވެ.
މި މައްސަލަ އުފެދިފައިވަނިކޮށް، ރަސްގެފާނު އަބްދުﷲ އާއި އަމީރު ހަމްޒާ ވަނީ، މިދިޔަ އެޕްރީލް މަހުގެ 11 ވަނަ ދުވަހު އެކުގައި އުޅުއްވަނިކޮށް މީޑިއާ އިން ދައްކާލައިފަ އެވެ. އެ ދުވަހު، ޝާހީ އާއިލާގެ އެހެން އަމީރުންނާއެކު ދެ ބޭފުޅުން އެކުގައި ބައިވެރިވެވަޑައިގަތީ، ޝާހީ އާއިލާގެ މަގްބަރާއަށް ކުރެއްވި ޒިޔާރަތެއްގަ އެވެ.
ފިތުނައިގެ ޝަރީއަތް މިއަދު ފަށާފައިވާ އިރު، މި މައްސަލައިގެ އެންމެ ބޮޑު ތުހުމަތެއް ކުރެވޭ ބާސިމް އިވަޟުﷲގެ އިއުތިރާފް ބަޔާނެއް ކަމަށް ބުނާ ބަޔާނެއް، ޖޯޑަންގެ އަމޫން ނިއުސް އޭޖެންސީން ވަނީ މިމަހުގެ 15 ވަނަ ދުވަހު އާންމުކޮށްފަ އެވެ.
އެ ބަޔާނުގައި ބާސިމް ވިދާޅުވެފައިވަނީ، އޭނާ އާއި އަމީރް ހަމްޒާއާ ދެމެދު ބައްދަލުވުންތަކެއް ބާއްވަން ފެށުނީ 1441 ވަނަ އަހަރު ރޯދަ މަހުގެ ތެރޭގައި ކަމަށެވެ. އަދި އެ ބައްދަލުވުންތައް ފެށުނީ، ވިޔަފާރިވެރިޔާ އައްޝަރީފްގެ އެދުމުގެ މަތިން ކަމަށެވެ. އަދި އަމީރް ހަމްޒާ، އޭނާއާ ބައްދަލުކުރައްވަން ބޭނުންފުޅުވަނީ، އެ ގައުމުގެ ދާހިލީ މައްސަލަތަކާ މެދު ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާތީ، އެކަންކަމަކާ މެދު ލަފައެއް ހޯއްދަވަން ކަން ވެސް އައްޝަރީފްގެ ފަރާތުން އެނގުނު ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"އަޅުގަނޑު އެކަމަށް އެއްބަސްވެ، އޭގެ ފަހުން މަދުމަދުން އަމީރް ހަމްޒާ އަޅުގަނޑުގެ ގެއަށް ވަޑައިގެން ބައްދަލުކުރައްވާ. އަމީރުގެ ވާހަކަތަކުން ވަރަށް ސާފުކޮށް އެނގުނު އަމީރު ހުންނެވީ، ދާހިލީ ކަންކަން ދާ ގޮތާ މެދު ވަރަށް ނުރުހުންވެފައި ކަމާއި، އެހުރިހާ ކަމެއްގެ ޒިންމާ އުފުއްލަވަންޖެހިވަޑައިގަންނަވާނީ ރަސްގެފާނު ކަމަށް ވެސް އަމީރު ވިދާޅުވި،" ބާސިމްގެ ބަޔާނުގައިވެ އެވެ.
ބައިޑެންއާ ބައްދަލުނުކުރަން މިސްރާއި ޖޯޑަން ނިންމައިފި
އަގްސާ ތޫފާން: ނަތީޖާއެއް ނެތް ކަންބޮޑުވުންތަކެއް
ތިން ވެރިން އިޒްރޭލު ކުށްވެރި ކުރައްވައިފި
ޖޯޑްންގެ ވަލީ އަހުދުގެ ކާވެނި މިއަދު
އެމެރިކާގެ ދިފާއީ ވަޒީރު މެދުއިރުމައްޗަށް
ބައެއް ވެރިންގެ ސިއްރު މިލްކިއްޔާތު ފަޅާއަރުވާލައިފި
އަބްދުﷲ ރަސްގެފާނު އެމެރިކާގެ ވެރިންނާއެކު
ސުލްހަ ގެނެވޭނެ ހަމައެކަނި ގޮތަކީ ފަލަސްތީންގެ ދައުލަތް
ޓެކްސް ބިލް އަލުން މުރާޖައާ ކުރަން ރަސްގެފާން އަންގަވައިފި
ޖޯޑަންގެ މުޒާހަރާތައް ވަރުގަދަވެ ބޮޑު ވަޒީރު އިސްތިއުފާ ދެނީ