Roadha Mihaaru
ތިލަފުށީގަ ކުނި އަންދާ ޕްލާންޓެއް ހަދަން ބަޔަކު ހޯދަނީ

ތިލަފުށީގައި ދުވާލަކު 500 ޓަނުގެ ކުނި އެންދޭނެ ޕްލާންޓެއް ގާއިމްކުރަން ބަޔަކު ހޯދަނީ

27 ޖެނުއަރީ 2017

ކ. ތިލަފުށީގައި ދުވާލަކު 500 ޓަނުގެ ކުނި އެންދޭނެ އިންސިނިރޭޓަރެއް ބަހައްޓަން ޝައުގުވެރިވާ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ކ. ތިލަފުށީގައި ދުވާލަކު 500 ޓަނުގެ ކުނި އެންދޭނެ އިންސިނިރޭޓަރެއް ބަހައްޓަން ޝައުގުވެރިވާ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ނެރުނު އިއުލާނުގައިވާ ގޮތުން މާލެ އާއި މާލެ އަތޮޅުގެ ރަށްތަކާއި ރިސޯޓްތަކުގެ އިތުރުން އއ. އަދި އދ. އަތޮޅާއި ވ. އަތޮޅުން ތިލަފުއްޓަށް ދުވާލަކު 500 ޓަނުގެ ކުނި އުކާލަ އެވެ.

އެހެންވެ، ދެ ފޭހަކަށް ބަހާލައިގެން އެ ރަށުގައި ކުނި އަންދާ ޕްލާންޓެއް ގާއިމްކުރަން ޝައުގުވެރިވާ ރާއްޖެ އާއި ބޭރުގެ ފަރާތްތަކުން އަންނަ މަހު 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމަށް ފިނޭންސް މިނިސްޓްރީން ވަނީ ހުޅުވާލައިފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެންވަޔަރަމަންޓް މިނިސްޓްރީއާ ގުޅިގެން ހިންގާ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ބަހައްޓަން ޖެހެނީ ދުވާލަކު 100 ޓަނުގެ ކުނި އެންދޭނެ މެޝިނެކެވެ. އެކަމަކު، އެ ނިޒާމް ގާއިމުކުރަން ޖެހޭނީ ކައިރި މުސްތަގުބަލެއްގައި އިތުރު 400 ޓަނުގެ ކުނި އެންދުމުގެ އިތުރުން، ރީސައިކަލް ކުރާ ޕްލާންޓެއް ވެސް ބެހެއްޓޭނެ ގޮތަށް ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ބުނީ ފުރަތަމަ ފިޔަވަހި ކުރިއަށް ގެންދަން ޖެހޭނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކަމަށެވެ. އެ ގޮތުން، ފުރަތަމަ ފިޔަވަހީގައި ކުނި ނައްތާލާނެ ނިޒާމު ޑިޒައިންކޮށް، އެ މަސައްކަތްކުރެވޭނެ ގޮތް ހެދުމުގެ އިތުރަށް، ކުނި ޖަމާކުރާނެ ތަނަކާއި އެކަމާ ގުޅޭ ކަންތައްތައް ކުރަން ޖެހެނީ ކޮންޓްރެކްޓަރު އަމިއްލަ އަށް ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ފިނޭންސްގެ އިއުލާނުގައިވާ ގޮތުން ކުނި ނައްތާލުމަށް ގާއިމުކުރާ ނިޒާމްގެ ފުރަތަމަ ފިޔަވަހީގައި، އުކާލެވޭ ކުނިން ހަކަތަ އުފެއްދޭނެ ގޮތް ވެސް ގާއިމުކުރަން ޖެހެ އެވެ.

އެ އިއުލާނުގައިވާ ގޮތުން، މި މަޝްރޫއު އަށް ކުރިމަތިލެވޭނީ ކުނި ނައްތާލުމުގެ މަސައްކަތްކުރުމުގެ ތަޖުރިބާ ހުރި އަދި މިދިޔަ ހަތް އަހަރުގެ ތެރޭގައި މަދުވެގެން 10 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގާފައިވާ ކުންފުންޏަކަށެވެ.

ތިލަފުށީގައި ކުނި އަންދާ ޕްލާންޓެއް ގާއިމުކުރަން ބަޔަކު ހޯދަން ހުޅުވާލިއިރު، އެ ކަމަށް 100 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.