Roadha Mihaaru
ސިއްހީ ދާއިރާ ޑިޖިޓަލައިޒްކުރާ ސާމާނު ހަވާލުކޮށްފި

ސިއްހީ ދާއިރާ ޑިޖިޓަލައިޒްކުރަން ބޭނުންވާ ސާމާނު ސެންޓަރުތަކާ ހަވާލުކޮށްފި

11 ޖޫން 2023

ރާއްޖޭގައި ސިއްހީ ހިދުމަތް ދޭ ހުރިހާ މަރުކަޒެއް ޑިޖިޓަލައިޒްކުރަން ހިންގާ 53 މިލިއަން ރުފިޔާގެ މަޝްރޫއުގެ ބައެއް ސާމާނު މިއަދު ސެންޓަރުތަކާ ހަވާލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ސިއްހީ ހިދުމަތް ދޭ ހުރިހާ މަރުކަޒެއް ޑިޖިޓަލައިޒްކުރަން ހިންގާ 53 މިލިއަން ރުފިޔާގެ މަޝްރޫއުގެ ބައެއް ސާމާނު މިއަދު ސެންޓަރުތަކާ ހަވާލުކޮށްފި އެވެ.

ރީޖަނަލް ފަސް ހޮސްޕިޓަލާއި 15 އަތޮޅު ހޮސްޕިޓަލް އަދި 163 ސިއްހީ މަރުކަޒަށް ބޭނުންވާ ކޮމްޕިއުޓަރާއި ޓެބްލެޓް ފަދަ ތަކެތި، އެ ތަންތަނުގެ އިސްވެރިންނާ ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ހެލްތު މިނިސްޓްރީން ބުނީ އެއީ ސިއްހީ ދާއިރާ ޑިޖިޓަލައިޒްކޮށް އައިޓީ އިންފްރާސްޓްރަކްޗާ ތަރައްގީކުރަން ސަރުކާރުން ކުރާ އެންމެ ބޮޑު އެއް މަސައްކަތް ކަމަށެވެ.

އެ ތަންތަނަށް؛

- 608 ކޮމްޕިއުޓާ ސިސްޓަމް

- 44 ލެޕްޓޮޕް

- 500 ޓެބްލެޓް

- 14 ވީޑިއޯ ކޮންފަރެންސް ސިސްޓަމް

- 551 ޕްރިންޓާ

އެ އެހީއާއެކު އައިޓީ ސާމާނު ލިބުން ދަތި މައްސަލައަށް ހައްލެއް ލިބި، ރާއްޖޭގެ ސިއްހީ ދާއިރާ ޑިޖިޓަލައިޒްކޮށް އެއް ސިސްޓަމަކުން ގުޅާލުމަށް ކުރާ މަސައްކަތަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އެއާއެކު، ފ. އަތޮޅިގައި ފަށާފައިވާ ޕްރައިމަރީ ހެލްތު ކެއާ މުޅި ރާއްޖެއަށް ފުޅާކުރެވޭނެ ކަން ފާހަގަކުރެ އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ މީގެ ކުރިން ރާއްޖެއަށް ކުރިމަތިވި ބޮޑެތި އެކި ރޯގާތަކާއި ބަލިތައް ކޮންޓްރޯލްކޮށް އަދި ވެކްސިން ޖެހުމުގައި އޭނާ އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއިރު، ސިއްހީ ދާއިރާ އޮތީ މުޅިން އެހެން ހާލަތެއްގައި ކަމަށެވެ.

ޑޮކްޓަރުންނާއި ފަރުވާ ދޭ މަރުކަޒުތައް އަދި ފަރުވާ ދިނުމަށް ބޭނުންވާ ސާމާނުން ފެށިގެން މީހުންގެ މައުލޫމާތު އެއްކޮށް، ބަލަހައްޓައި އަދި އެ މައުލޫމާތު އެހެން ފަރާތްތަކަށް ހިއްސާކޮށް ދުވަހުން ދުވަހަށް އާއްމުންގެ ސިއްހީ ހާލަތު ބަލަން އިސްކޮށް ތިއްބެވި ބޭފުޅުންނަށް އެ މައުލޫމާތުތައް ފޯރުކޮށް ދިނުމަށް ވެސް އޭރު ބުރަ މަސައްކަތެއް ކުރަން ޖެހުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެކަންކަމަށް އޭރު ހުރި ހަމައެކަނި ވަސީލަތްތަކަކީ، ނަސީމް ވިދާޅުވި ގޮތުގައި، ފަންސޫރާއި ގަލަމާއި ކަރުދާސް އަދި ވޯކީ ޓޯކީ އެވެ.

"ވޯކީ ޓޯކީގެ ސިގްނަލް ރަނގަޅަށް ނުލިބޭތީ، ރަށުގެ ފުއްޓަރު ފަރާތުގެ ގާތަކު މަތިން، ދަނޑުގެ ހާމަ ސަރަހައްދުން ބަނދަރުމަތިން، އަދި ފަޅުގައި އަޅާފައިވާ ދޯނިފަހަރަށް އަރައިގެންވެސް ސިގްނަލް ލިބޭތޯ މަސައްކަތް ކުރަންޖެހޭ." އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ސިއްހީ ދާއިރާއަށް އައި ކުރިއެރުންތަކާއެކު ލުއިތަކެއް ލިބިފައިވާކަން ފާހަގަކުރެއްވި އެވެ. އެކަމަކު، ފެންވަރު ރަނގަޅު ފަރުވާ އާއި ހިދުމަތްތައް ވީހާ ވެސް ކައިރިން ފޯރުކޮށްދިނުމަށް ސިއްހީ ދާއިރާގެ ކަންކަން ޑިޖިޓަލް ކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ޓާގެޓް ހާސިލްކުރަން މި ފެށީ ކުރިމަގަށް ތަސައްވަރު ކޮށްފައިވާ ސިއްހީ ދާއިރާ ޑިޖިޓަލް ކުރުމުގެ މުހިއްމު މަސައްކަތުގެ ބިންގާ ކަމަށާއި ފުރިހަމަ އައިޓީ އިންފްރާސްޓްރަކްޗަރާއެކު ނޫނީ އެ ތަސައްވަރުގައި ކުލަ ނުޖެއްސޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސިއްހީ ހިދުމަތްތެރިންނަށް ހިންގަންޖެހޭ ކުރު ތަމްރީން ޕްރޮގްރާމްތަކާއި ދޭންޖެހޭ އިރުޝާދުތައް އަދި ސިއްހީ ދުޅަހެޔޮކަމަށް މީހުން ހޭލުންތެރިކުރުމަށް ބާއްވަންޖެހޭ ސެޝަންތަކާ އާއްމުކުރަންޖެހޭ މައުލޫމާތު އެއްވަގުތެއްގައި އެ މީހަކު ހުރިތަނެއްގައި ހުއްޓާ ވަގުތުންވަގުތަށް ގިނަބަޔަކަށް އެއްފަހަރާ ފޯރުކޮށްދެވޭނެ." މިނިސްޓަރު ވިދާޅުވި އެވެ.