Roadha Mihaaru
މި ކުދިން ކޯޑުކުރަނީ ކުރިމަގު

މި ކުދިން ކޯޑުކުރަނީ ކުރިމަގު

09 ޖުލައި 2023

ދިރިއުޅުމާއި މަސައްކަތް އެތައް ގުނައެއް ފަސޭހަކޮށްދޭ އެޕްލިކޭޝަންތަކާ އެކު އިމާދުއްދީން ސްކޫލްގެ ސްޓެމް ކްލާހުގެ ދަރިވަރުން މި ތިބީ ކޯޑިންގެ ދުނިޔެއެއްގަ އެވެ. ޑިޖިޓަލް ދުނިޔެއަށް ވަދެ ކުރިމަގު ބިނާކުރަން އަޒުމުގައި ތިބި މި ކުދިންގެ ހުނަރު ތަފާތެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ދިރިއުޅުމާއި މަސައްކަތް އެތައް ގުނައެއް ފަސޭހަކޮށްދޭ އެޕްލިކޭޝަންތަކާ އެކު އިމާދުއްދީން ސްކޫލްގެ ސްޓެމް ކްލާހުގެ ދަރިވަރުން މި ތިބީ ކޯޑިންގެ ދުނިޔެއެއްގަ އެވެ. ޑިޖިޓަލް ދުނިޔެއަށް ވަދެ ކުރިމަގު ބިނާކުރަން އަޒުމުގައި ތިބި މި ކުދިންގެ ހުނަރު ތަފާތެވެ.

އުމުރުން 13،14 އަހަރުގެ މި ކުދިންގެ ވާހަކައިން އެނގުނު ގޮތުގައި މިއީ ކޯޑިން އަށް އަބަދުވެސް ޝައުގުވެރިކަން ހުރެ އެކަމަކު ފުރުސަތެއް ނުލިބި ތިބި ކުދިންނެވެ.

މިއަހަރުގެ އަންހެނުންގެ ދުވަހާ ގުޅުވައިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެހީގައި ފޯލޫޕް ކޯޑިން އެކެޑެމީން 12-14 އަހަރާ ދެމެދުގެ 30 އަންހެން ދަރިވަރަކަށް ހުޅުވާލި ކޯޑިން އަދި އެންޖިއަނިރިން ޕްރޮގްރާމުގައި ތާޖުއްދީނު ސްކޫލްގެ ގްރޭޑް 7 ގެ ދަރިވަރު އާޔާ އަހުމަދު މުޖުތަބާ ބައިވެރިވީ ވެސް އެހެންވެ އެވެ.

"ކޯޑިން އަށް އަބަދުވެސް އިންޓަރެސްޓު ހުރޭ. އެހެންވެ މި ފުރުސަތު ލިބުމާ އެކު ޕްރޮގްރާމުގައި އަވަހަށް ބައިވެރިވީ،" އުމުރުން 14 އަހަރުގެ އާޔާ ބުންޏެވެ.

ޕްރޮގްރާމްގައި ބައިވެރިވިއިރު، ކޯޑިން އަކީ ވަރަށް އުނދަގޫ ކަމެއްގެ ގޮތުގައި ހީވެފައި އޮތަސް، ފަހުން އޭގެ ފަސޭހަކަމާއި ބޭނުންތެރިކަން އެނގުނު ކަމަށް އާޔާ ބުންޏެވެ.

މި ޕްރޮގްރާމުގައި ބައިވެރިވި ހިރިޔާ ސްކޫލްގެ ގްރޭޑް 7 ގެ ދަރިވަރު މަރިޔަމް އީޝަލް ބުނީ ވިޝުއަލް ބްލޮކްސް ބޭނުންކޮށްގެން ގޭމް ޑިވެލޮޕްކުރުމާއި، ޕައިތަން ބޭނުންކޮށްގެން އެޕް ޑިވެލޮޕްކުރުމާއި ބްލޫޓޫތު ކޮންޓްރޯލް ރޮބޮޓް ހެދުން ފަދަ ގިނަ ކަންކަން ދަސްވި ކަމަށެވެ.

ޝައުގުވެރި އެތައް ކަމެއް ދަސްވުމުގެ އިތުރަށް، އީޝަލް މި ޕްރޮގްރާމް ސިފަކުރީ "ފަން" ހަރަކާތެއްގެ ގޮތުގަ އެވެ.

މި ޕްރޮގްރާމްގެ ގިނަ ބައިވެރިން ޅަ އުމުރުގައި ވެސް ތިބީ ކުރިއަށްދާނެ ކެރިއާ ވެސް ވިސްނައިގެންނެވެ.

ކޯޑިންއަށް ޝައުގުވެރިކަން ހުއްޓަސް އަޝާ މުހައްމަދު، 15، ގެ މުސްތަގުބަލުގެ މިސްރާބު ހުރީ މެޑިސިން ކިޔަވާށެވެ. އެކަމަކު، އިސްކަންދަރު ސްކޫލްގެ ގްރޭޑް 8 ގެ މި ދަރިވަރު މި ޕްރޮގްރާމްގެ މުހިންމު ބޭނުން ކިޔައިދިނެވެ.

"މިއީ ވެސް އަޝާއަށް ދަސްވެގެން ދިޔަ ވަރަށް މުހިންމު ހުނަރެއް. ކެރިއަރެއްގެ ގޮތުގައި ހިޔާރު ނުކުރިޔަސް ކޯޑިން އަކީ ވަރަށް މުހިންމު ލައިފް ސްކިލްއެއް،" އޭނާ ބުންޏެވެ.

އިންޖިނިއަރިން ނުވަތަ ރޮބޮޓިކްސްގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ވެސް މިއީ ލިބޭނެ ހިތްވަރެއްގެ ގޮތުގައި އަޝާ ސިފަކުރި އެވެ.

ހާއްސަކޮށް އަންހެންކުދިންގެ މެދުގައި މިފަދަ ދާއިރާތަކަށް ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ގަބޫލުކުރެ އެވެ.

އުމުރުން 15 އަހަރުގެ އައިމިނަތު ފައިހާ ފަޒީލް ކުޑައިރުއްސުރެ ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިކަން ހުރެ އެވެ. ކޯޑިންގެ ތެރެއަށް ކޮންމެވެސް ވަރަކަށް ވަދެވިފައިހުރި ފައިހާ މި ޕްރޮގްރާމްގައި ބައިވެރިވާން ސްކޫލްގައި އަމިއްލަ އެދުނީ ވެސް އެހެންވެ އެވެ.

ފައިހާ ކިޔައިދިން ގޮތުގައި އޭނާ ކޯޑިން ވަކި ދާއިރާއަކަށް ހާއްސައެއް ނުވެ އެވެ. އެކަމަކު ބުނީ މުސްތަގުބަލުގައި ކުރާ ކޮން ކަމެއްގައި ވެސް މި ޕްރޮގްރާމުން ދަސްވި ކަންކަން ބޭނުންކުރެވޭނެ ކަމަށެވެ.

"މިސާލަކަށް ޓީޗިންގެ ދާއިރާގައި ދަރިވަރުންގެ މާކްސް އެންޓާ ކުރާއިރު އެއަށް ވެސް ކޯޑިން ބޭނުންކުރެވިދާނެ. ދަރިވަރުން ޕްރޮޖެކްޓްސްތައް ހަދާއިރު ކޯޑިން ބޭނުންކުރެވިދާނެ،" ފައިހާ ބުންޏެވެ.

އެ ކްލާހަށް އާންމު މީހަކު ވަދެ ނަޒަރު ހިންގާލައިފި ނަމަ ފަހަރުގައި ވަރަށް ބީރައްޓެހި އިހުސާސެއް ކުރެވިދާނެ އެވެ. ވާނުވާ ނޭނގޭ، މާ މޮޅު ޓެކްނޮލޮޖީގެ ވާހަކަތަކެއް ކަމަށް ހީވެދާނެ އެވެ.

އެކަމަކު ފައިހާ ވެސް ބުނި ގޮތަށް މިއީ 21 ވަނަ ގަރުނެވެ. ކޮންމެ ދުވަހަކު އާ ޓެކްނޮލޮޖީއެއް ތައާރަފުވެ، އެއާ ނުލައި ނޫޅެވޭ ޒަމާނެކެވެ. އެ ކްލާހުގައި ތިބީ ރާއްޖޭގެ މުސްތަގުބަލުގެ ލީޑަރުންނެވެ. އެ ކުދިންނަށް މި ޕްރޮގްރާމަކީ އަދި ފެށުމެކެވެ. ކޮންމެ ކުއްޖަކު ވެސް އެދިގެން ތިބީ، މުސްތަގުބަލުގައި އެހެން ގައުމުތަކާ ފައިހަމަކޮށްލައިގެން ކުރިއަށް ދެވޭނެ މިފަދަ އިތުރު ފުރުސަތުތަކަށެވެ.