Roadha Mihaaru
ފުއާދަށް އިތުބާރުނުކުރާތީ އީސީގެ ޖަލްސާ ނުބޭއްވުނު!

ދެ މެމްބަރަކު ފުއާދަށް އިތުބާރުނުކުރާތީ ކޮމިޝަންގެ ޖަލްސާ ނުބޭއްވުނު!

21 ޖޫން 2023

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ރިޔާސަތު ބަލަހައްޓަވާ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަން އެ ކޮމިޝަނުގެ ދެ މެމްބަރަކު އިންކާރު ކުރެއްވުމާ ގުޅިގެން، މެމްބަރުންގެ ޖަލްސާތައް ހުއްޓިއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ރިޔާސަތު ބަލަހައްޓަވާ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަން އެ ކޮމިޝަނުގެ ދެ މެމްބަރަކު އިންކާރު ކުރެއްވުމާ ގުޅިގެން، މެމްބަރުންގެ ޖަލްސާތައް ހުއްޓިއްޖެ އެވެ.

އީސީގެ މެމްބަރުންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދުނީ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުންނެވެ.

އީސީގެ މިއަދު ބައްދަލުވުމުގައި ފުއާދު އާއި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވޯޓު ދެއްވީ ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން ހުއްދަ ދޭން ފެންނަ ކަމަށެވެ. އެ ހުއްދަ ނުދެވުނީ އަލީ ނަޝާތު އާއި މުހައްމަދު އާސިފް ޑިމޮކްރެޓްސް އިން ހުށަހެޅި ފޯމުތައް ޗެކު ކުރުމަށް ބޭނުންވުމުންނެވެ. އަދި އެ ހުއްދަ ދިނުން ގާނޫނުގައި ބުނާ އެންމެ ދިގު މުއްދަތުކަމަށްވާ ތިން މަސް ދުވަހަށް ލަސްކޮށްލަން ވެސް އެ ދެ މެމްބަރުން ބޭނުންވި ކަމަށް ފުއާދު ވަނީ ޑިމޮކްރެޓްސް އުފެއްދެވުމުގައި އުޅުއްވާ ބޭފުޅުން ގާތު ވިދާޅުވެފަ އެވެ. އެއާ އެކު އެ ދެ މެމްބަރުންނަށް ޑިމޮކްރެޓްސްގެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އީސީ މެމްބަރުންގެ މިއަދު ތާވަލުކުރި ބައްދަލުވުން ނުބޭއްވުނީ ކޯރަމް ހަމަނުވެގެންނެވެ. ނަޝާތާއި އާސިފް ވަނީ ފުއާދު ރިޔާސަތު ބަލަހައްޓަވައި ޖަލްސާގައި ބައިވެރިނުވާނެ ކަމަށް ވިދާޅުވެފައިވާކަން އެނގިފައި ވެ އެވެ.

އެކަމާ ގުޅިގެން ނަޝާތު "މިހާރު" އަށް ވިދާޅުވީ ފުއާދުގެ އަމަލުތައް މިހާރު ހުރި ގޮތުން އޭނާއަށް އިތުބާރު ނެތް ކަމަށެވެ. އޭނާ އާއި އާސިފްގެ އިތުރުން މިވަގުތު ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާގައި ހުންނެވި މެމްބަރު މުހައްމަދު ޒާހިރު އިތުބާރު ވެސް ފުއާދުގެ މައްޗަށް ނެތް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކޮމިޝަނުގެ ބައްދަލުވުންތަކުގައި ފާޅުކުރާ މިނިވަން ހިޔާލުތައް ވެސް ފުއާދު އެ ހާމަކުރައްވަނީ،" ނަޝާތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުއާދު ސުލޫކާ ހިލާފަށް ކުރައްވަމުން ގެންދަވާ ކަންތައްތައް ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނަވާނެ އެވެ. އަދި ސުލްހަވެރި ހައްލެއް ލިބެންދެން ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ދެ މެމްބަރުން ޖަލްސާތަކުގައި ބައިވެރިނުވެ، ކޯރަމް ހަމަނުވެ އީސީ ހުއްޓުނީތޯ ސުވާލު ކުރުމުން، ނަޝާތު ވިދާޅުވީ އެފަދަ ހާލަތަކަށް ނުދާނެ ކަމަށެވެ. އަދި މުހައްމަދު ޒާހިރު މައްކާއިން ވަޑައިގަތުމާއެކު މި މައްސަލަ ހައްލުކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް ރިޔާސީ އިންތިހާބު އޮއްވައި ފުއާދު ރިޔާސަތުގައި އިންނަވައިގެން އަޅުގަނޑުމެންނަށް އިތުރަށް ކުރިއަށް ދެވޭކަށް ނެތް،" ނަޝާތު ވިދާޅުވި އެވެ.

އިލެކްޝަންސްގެ މެމްބަރުންގެ ބައްދަލުވުންތައް ނުބޭއްވޭ ހާލަތަށް ދިޔުމާއެކު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވަން މަސައްކަތް ކުރައްވާ ޑިމޮކްރެޓްސް އުފެއްދުން އިތުރަށް ލަސްވީ އެވެ.

އީސީން ކުރިން ވެސް ބުނެފައިވާ ގޮތުގައި، ޑިމޮކްރެޓްސް އިން ހުށަހެޅި މެމްބަރުންގެ ފޯމުތައް ޕްރޮސެސްކޮށް ނިމުމުން ޕާޓީ ރަޖިސްޓްރީ ކޮށްދޭނެ އެވެ. އަދި އެކަމަށް 3-4 މަސް ހޭދަވާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

މިދިޔަ މަހު 24 ގައި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމާއެކު އެ ޕާޓީ ރަޖިސްޓްރީ ކުރަން 3،560 ފޯމު މި މަހުގެ ފުރަތަމަ ދުވަހު އީސީއަށް ވަނީ ހުށަހަޅައިފަ އެވެ.