Roadha Mihaaru
ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދޭން ފާހެއް ނުވި

ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދޭން ފާހެއް ނުވި

18 ޖޫން 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން އުފައްދަވާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ ދޭން ފެނޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މިރޭ ބޭއްވި ބައްދަލުވުމުގައި އެކަމަށް މެންބަރުންގެ ތާއީދު ނުލިބުމުން ފާސް ނުވި ކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޕާޓީ އުފެއްދުމުގެ ހުއްދައާ މެދު ގޮތެއް ނުނިންމަނީސް އިލެކްޝަންސް ކޮމިޝަނުން ނުދާނެ ކަމަށް ބުނެ، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅޭ ބޭފުޅުންނާއި ބައެއް ސަޕޯޓަރުން މިއަދު މެންދުރުން ފެށިގެން ތިބީ ކޮމިޝަނުގަ އެވެ.

މި ޑިމާންޑާ އެކު އީސީގެ މެންބަރުން ބޭއްވެވި ބައްދަލުވުމަށް ފަހު ޑިމޮކްރެޓްސްގެ ބޭފުޅުންނަށް ދެއްވި ޖަވާބުގައި ފުއާދު ވިދާޅުވީ މިރޭގެ ބައްދަލުވުގައި އީސީގެ ފަސް މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރަކު ބައިވެރިވެވަޑައިގެންނެވި ކަމަށާއި ދެ މެންބަރަކު ފިޔަވައި އެހެން ބޭފުޅުން ވޯޓު ދެއްވީ ޕާޓީ އުފެއްދުމުގެ ހުއްދަ އަދި ނުދޭން ކަމަށެވެ.

ހުއްދަ ނުދޭން ދެ މެމްބަރަކު ވޯޓު ދިން ސަބަބަކީ ކޮބައިތޯ، އެ ޕާޓީ އުފައްދަން ހުށަހެޅުއްވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު އެއްސެވުމުން ފުއާދު ވިދާޅުވީ "އެ ބޭފުޅުން ބޭނުންވާ ފެކްޓުތަކެއް ޗެކުކޮށް ނުނިމޭތީ" ކަމަށެވެ. އަދި ފުއާދު މަސައްކަތް ކުރައްވަނީ ވަކި ބައެއްގެ ނުފޫޒުގެ ދަށުން ކަމަށް، ދެކޮޅަށް ވޯޓު ދެއްވި މެމްބަރުން ތުހުމަތުކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެން އެ ބޭފުޅުން ބޭނުންފުޅުވަނީ އަދިވެސް ހުރިހާ އެއްޗެއް ޗެކުކުރަން ކަމަށް. ތިން މަސްދުވަސް ގާނޫނުން ދޭތީވެ،" އޭނާ ވިދާޅުވި އެވެ.

ފުއާދު ވިދާޅުވި ގޮތުގައި، ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުން ތިން މަސް ދުވަހަށް މަޑުޖައްސާލަން ވޯޓު ދެއްވީ ކޮމިޝަނަރު އަލީ ނަޝާތު އާއި މުހައްމަދު އާސިފެވެ. އޭނާ އާއި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވޯޓު ދެއްވީ ރަޖިސްޓްރީކުރަން ހުއްދަ ދޭން ފެންނަ ކަމަށެވެ.

އީސީގެ މެމްބަރު މުހައްމަދު އާސިފް (ކ) އަދި އަލީ ނަޝާތު (މ): ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ނުދޭން ވޯޓު ދެއްވީ އެ ދެ ބޭފުޅުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އީސީގެ މެމްބަރު މުހައްމަދު އާސިފް (ކ) އަދި އަލީ ނަޝާތު (މ): ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ނުދޭން ވޯޓު ދެއްވީ އެ ދެ ބޭފުޅުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިލެކްޝަންގެ މެމްބަރުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވާ ކޮމިޝަނަރު މުހައްމަދު ޒާހިރު މި ވަގުތު ހުންނެވީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާގަ އެވެ.

ޑިމޮކްރެޓްސް އިން ތުހުމަތުކުރާ ގޮތުގައި ނަޝާތު އާއި އާސިފު އުޅުއްވަނީ އެ ޕާޓީ ރަޖިސްޓްރީ ވިޔަ ނުދިނުމަށެވެ.

އީސީން ކުރިން ވެސް ބުނެފައިވާ ގޮތުގައި، ޑިމޮކްރެޓްސް އިން ހުށަހެޅި މެމްބަރުންގެ ފޯމުތައް ޕްރޮސެސްކޮށް ނިމުމުން ޕާޓީ ރަޖިސްޓްރީ ކޮށްދޭނެ އެވެ. އަދި އެކަމަށް 3-4 މަސް ހޭދަވާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

މިދިޔަ މަހު 24 ގައި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމާއެކު އެ ޕާޓީ ރަޖިސްޓްރީ ކުރަން 3،560 ފޯމު މި މަހުގެ ފުރަތަމަ ދުވަހު އީސީއަށް ވަނީ ހުށަހަޅައިފަ އެވެ.