13 އޮކްޓޯބަރ 2024
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަން ކަނޑަޅާފައި އޮންނަނީ، އެންމެ އިންސާފުވެރި އަދި ހަމަޖެހޭ އުސޫލަކަށް ނޫނެވެ. އެ ފައިސާ ލިބޭ ޕާޓީތަކުން، ހޭދަކުރާ ގޮތާ ގުޅޭ ވެސް ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަން ކަނޑަޅާފައި އޮންނަނީ، އެންމެ އިންސާފުވެރި އަދި ހަމަޖެހޭ އުސޫލަކަށް ނޫނެވެ. އެ ފައިސާ ލިބޭ ޕާޓީތަކުން، ހޭދަކުރާ ގޮތާ ގުޅޭ ވެސް ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި މިހާރު އޮންނަނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް ދައުލަތުގެ އަހަރީ ބަޖެޓުން 0.1-0.2 ޕަސެންޓުގެ އަދަދަކަށް ފައިސާ ދޭން ޖެހޭނެ ކަމަށެވެ. ދައުލަތުގެ ބަޖެޓުން އެތައް މިލިއަނެއް ދެތިން ހަތަރު ޕާޓީއެއްގެ މެދުގައި ކޮންމެ އަހަރަކު ބަހާލައި ދެން ހުރި ޕާޓީތަކަށް އެއްވެސް އަދަދެއް ނުލިބޭ މައްސަލާގައި ވެސް އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހަޅަ އެވެ.
އެކަމަކު ހަގީގަތަކީ، މިހާތަނަށް ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޫކޮށްގެން ވީ ފައިދާއެއް ވެސް ފެންނާކަށް ނެތެވެ.
ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ ގޮތާ މެދު އޮތް ހިތްހަމަނުޖެހުންތަކަށް މަޝްވަރާކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހާރު ނިންމާފައި ވަނީ 3،000 މެންބަރުން ހަމަވާ ހުރިހާ ސިޔާސީ ޕާޓީއަކަށް ވެސް ފައިސާ ލިބޭނެ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހު ކުރުމަށެވެ. ޕާޓީތަކުގެ މެމްބަޝިޕާއި އިންތިހާބުގައި ހޯދާ ވޯޓުގެ ނިސްބަތަށް ފައިސާ ދޫކުރުމަށް އެ ކޮމިޝަނުން އެކުލަވާލި ބިލް މިހާރު ވަނީ އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.
މި ބިލް ފޮނުވި ކަން އިލެކްޝަންސް އިން އާއްމުކުރުމާ އެކު، އެތައް ބައެއްގެ ފާޑުކިޔުން އަނެއްކާވެސް ވަނީ އަމާޒުވެފަ އެވެ.
ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޭން ޖެހޭ ހެއްޔެވެ؟ ފައިސާ ބެހުން ބޭނުންތެރި ހެއްޔެވެ؟ ސިޔާސީ ޕާޓީތަކަށް މި ބަހާ ހުރިހާ ފައިސާއަކަށް ހަދަނީ ކިހިނެއް ހެއްޔެވެ؟
"އެއްވެސް ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭނެ ކަމެއް ނެތް. ސިޔާސީ ޕާޓީތަކުގެ ސަބަބުން ގައުމަށް ފައިދާއެއް ނުވޭ. ލިބުނަސް ލިބެނީ ގެއްލުން. ޕާޓީ ހިންގަންޏާ އަމިއްލަ އަށް ފައިސާ ހޯދައިގެން ހިންގާނީ. ދައުލަތުން އެންމެ ލޯލާރިއެއްވެސް ދޭން ތާއީދެއް ނުކުރަން،" އިލެކްޝަންސްގެ ނިންމުމަށް މީހަކު ކުރި ކޮމެންޓެއްގައި ވެ އެވެ.
މަޖިލިސް އިންތިހާބާ ދިމާކޮށް ސިޔާސީ ޕާޓީތަކުން ދަމާފައިވާ ބެނާތަކެއް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް 2020 ވަނަ އަހަރުން ފެށިގެން އިލެކްޝަންސް ކޮމިޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކި ފަހަރު މަތިން ސިޔާސީ ޕާޓީތަކާ ބައްދަލުކޮށް އެކި ގޮތްގޮތަށް މަޝްވަރާ ކޮށްފައިވެ އެވެ.
އެއީ، ފައިސާ ދޫކުރާ އުސޫލުގައި މައްސަލަ ހުރި ކަމަށް ގިނަ ބަޔަކު އޭރު ވެސް އިއްތިފާގުވާތީ އެވެ.
މީގެ ކުރިން 2022 ވަނަ އަހަރު ވެސް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ބިލެއް ފޮނުވައިގެން ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އުސޫލު ބަދަލުކުރުމަށް މަޝްވަރާ ކޮށްފައި ވެ އެވެ.
Sir @FuwadThowfeek Adhives Hama Aharumen ge tax laarikolhu nubahaane gotheh hadhaakah noon dhehthoa thiya visnun hureekeee ?
— mfurqaan (@mfruqan) October 8, 2024
Aharumenah baladhu araa ehcheh tha party thakaky?? Party thah hingeyne gotheh nethiyyaa uvaaleema nimuneee. https://t.co/eSG1V0S6lb
އޭރު އީސީން ހުށަހެޅީ ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާގެ 80 ޕަސެންޓު ދޫކުރާނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ބަލައިގެން ކަމަށެވެ. ބާކީ 20 ޕަސެންޓު ރަޖިސްޓަރީ ކޮށްގެން ހިންގާ ހުރިހާ ސިޔާސީ ޕާޓީއެއްގެ މެދުގައި ބަހާ ގޮތަށެވެ.
އެ ކޮމިޝަނުން އެ އިސްލާހު އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވި ނަމަވެސް އެ ކަމުގައި ވަކި ކޮޅެއް ނުޖެހި ދައުރު ނިމުނީ އެވެ.
ޕާޓީތަކަށް ފައިސާ ދިނުމަށް އޭރު މަޝްވަރާކުރި ގޮތަށް ބަދަލުތަކެއް ގެނެސް އީސީން އަނެއްކާ ވެސް އޭޖީ އޮފީހަށް އިސްލާހުތަކެއް ފޮނުވީ އެވެ. މި ފަހަރުގެ އިސްލާހުތައް ތަފާތެވެ.
އެ އިސްލާހުތަކާ ގުޅިގެން އީސީގެ ރައީސް ފުއާދު ތައުފީގް "މިހާރު" އަށް ވިދާޅުވީ މެމްބަޝިޕްގައި 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަނި ފައިސާ ދިނުމުގެ ބަދަލުގައި އާ އިސްލާހުގައި 3،000 މެންބަރުންނަށް ހަމަވާ ހުރިހާ ޕާޓީތަކަށް ވެސް ފައިސާ ލިބޭނެ ގޮތް ހިމަނާފައިވާނެ ކަމަށެވެ.
- 3،000 މެންބަރުން ހަމަވާ ޕާޓީތަކަށް، ޕާޓީތަކަށް ކަނޑައަޅާ ޖުމްލަ ބަޖެޓުގެ 25 ޕަސެންޓް
- 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް، ޕާޓީތަކަށް ކަނޑައަޅާ ޖުމްލަ ބަޖެޓުގެ 25 ޕަސެންޓް
- ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕާޓީތަކަށް ލިބޭ ވޯޓުގެ ނިސްބަތަށް ބަލައިގެން 30 ޕަސެންޓް
- ލޯކަލް ކައުންސިލް އިންތިހާބުގައި ލިބޭ ވޯޓުގެ ނިސްބަތަށް ބަލައިގެން 20 ޕަސެންޓް
ފުއާދު ވިދާޅުވީ، މިގޮތަށް އިސްލާހު ކުރަން ނިންމީ ހުރިހާ ސިޔާސީ ޕާޓީތަކަކާ ވެސް މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. މި ބަދަލަށް ހުރިހާ ޕާޓީއަކުން ވެސް އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އީސީގެ ރައީސް ވިދާޅުވި ގޮތުގައި އަލަށް އުފެދިގެން އަންނަ ކުދި ޕާޓީތަކަށް ވެސް ފައިސާގެ ވަކި ވަރެއް ލިބުމަށް ބޮޑެތި ޕާޓީތަކުން ވެސް ތާއީދު ކުރެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއްގައި ފުއާދު. -- ފޮޓޯ: ނިޝާން އަލީ | މިހާރު
"ހުރިހާ ޕާޓީތަކުން ވެސް މި އެއްބަސްވަނީ މިހާރު މި ފައިސާ ދޭ ގޮތުން ކުދިކުދި ޕާޓީތަކަށް އެއްވެސް އެއްޗެއް ނުލިބޭތީވެ އިދާރީ ކަންކަމަށް ކޮންމެވެސް ވަރެއްގެ އެހީއެއް 3،000 މީހުން ހަމަވާ ޕާޓީއެއް ނަމަ ލިބެން ވާނެ ކަމަކަށް،" ފުއާދު ވިދާޅުވި އެވެ.
"ގޮނޑިއެއް ނުލިބުނަސް އިންތިހާބުގައި ވާދަކޮށްގެން ބައިވަރު ވޯޓު ލިބޭ ކަމަށް ވަންޏާ އެ ކަން ފާހަގަ ކުރަން ވާނެއޭ."
އީސީން ހުށަހެޅި އާ އިސްލާހާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް "މިހާރު" އަށް ވިދާޅުވީ އެ ބިލު އޭޖީ އޮފީހަށް ލިބިފައިވާ ކަމަށާއި ބިލާ މެދު ގޮތެއް ނިންމާނީ އެ އޮފީހުން ރިވިއު ކުރުމަށް ފަހު ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ޕާޓީތަކަށް ފައިސާ ދޭން ޖެހެނީ އިލެކްޝަންސް ކޮމިޝަންގައި އޮންނަ އެ ޕާޓީއެއްގެ ދަފްތަރުގައި ތިބި މެމްބަރުންގެ އަދަދަށް ބަލައިގެންނެވެ. އީސީ އާއި ޕާޓީތަކުގެ ބައެއް މެމްބަރުން ދެކޭ ގޮތުގައި ދައުލަތުން ބޮޑު އިސްރާފެއްކޮށް ހައްގު ނޫން ޕާޓީތަކަށް ފައިސާ ދިނުމާއި ވަގު ފޯމްތައް ހުށަހެޅުން ފަދަ ގިނަ މައްސަލަތަކެއް ކުރިމަތިވާ އެންމެ ބޮޑު ސަބަބަކީ ގާނޫނު އެގޮތަށް އޮތުމެވެ.
ނަމަވެސް، އީސީން ހުށަހެޅި އާ އިސްލާހުގައި ވެސް މެމްބަޝިޕްގެ އަދަދަށް ބަލައި 50 ޕަސެންޓު ހާއްސަ ކޮށްފައިވާތީ، ޖުމްލަ މައްސަލައަށް ހައްލެއް ލިބޭނެ ކަމަކަށް ނުބެލެވެ އެވެ.
ސިޔާސީ ހަރަކާތް ހިންގާ ޕާޓީތައް ބާރުވެރި ކުރުވުމުގެ ގޮތުން 2006 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އައިއިރު 300 މިލިއަނާ ގާތް ކުރާ އަދަދަކަށް ޕާޓީތަކަށް ވަނީ ފައިސާ ބަހައިފަ އެވެ. މިދިޔަ ފަސް އަހަރުގެ ހިސާބުތަކަށް އެކަނި ބެލިޔަސް 147 މިލިއަން ރުފިޔާ ޕާޓީތަކަށް ހަރަދު ކޮށްފި އެވެ. ކޮންމެ އަހަރަކު ޕާޓީތަކަށް 25 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދު ކުރަން ޖެހެ އެވެ.
މި އަހަރުގެ ބަޖެޓުން 44 މިލިއަން ރުފިޔާ ވަނީ ހަ ޕާޓީއަކަށް ދޫކޮށްފަ އެވެ.
ފަސް ލައްކަ މީހުން ދިރިއުޅޭ އާބާދީއަކުން ނަގާ ޓެކްސް ފައިސާ އިން ހަރަދު ކުރަން ޖެހޭ މި ހުރިހާ ފައިސާ ގޮސް ވަންނަ ގިނަ ޕާޓީތަކަކީ ފަސް އަހަރުން އެއް ފަހަރު ނޫނީ ސިޔާސީ މާ ބޮޑު ހަރަކާތެއް ހިންގާ ބައެއް ވެސް ނޫނެވެ.
އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެންބަރަކު "މިހާރު" އަށް ވިދާޅުވީ ޕާޓީތަކަށް ދައުލަތުން މިހާރު ބޮޑު ހޭދައެއް ކުރުމުގެ ކުރިން ސިޔާސީ ޕާޓީތައް ހިނގާތޯ ނުވަތަ ނުހިނގާތޯ އެ ކޮމިޝަނުން ބަލަން ޖެހޭ ކަމަށާއި އެ ބާރު އީސީއަށް ދޭން ޖެހޭ ކަމަށެވެ.
"ގާނޫނުއަސާސީގެ ރޫހަކީ ވެސް ގަވައިދުން ހިނގާ ޕާޓީތަކަށް ފައިސާ ދިނުން. އެހެންވީމާ އީސީން ހަދާ ގަވައިދެއްގެ ދަށުން ވެސް ބެލެން ޖެހޭ ސިޔާސީ ޕާޓީތަކަކީ ދައުލަތުން އެއްޗެއް ދޭން ޖެހޭ ވަރުގެ ހަރަކާތެއް ހިންގާ ބައެއްތޯ،" އޭނާ ވިދާޅުވި އެވެ.
"ނަމެއްގައި ރެޖިސްޓްރީ ވެފައި އޮންނަ އެއްވެސް ހަރަކާތެއް ނުހިންގާ ޕާޓީއަކަށް ފައިސާ ދިނުމަކީ ހަމަޖެހޭ ކަމެއް ނޫން."
Siyaasee party eh hadhanvee.
— Anusha Abdul Latheef ???? (@AnushaLatheef) October 9, 2024
Everybody gets their fare share. #Electoralbond mekuhah. @FuwadThowfeek, what a wonderful idea? @ElectionsMv https://t.co/6bP1JYIAFv
އޭނާ ވިދާޅުވި ގޮތުގައި ދައުލަތުން ދޭ ފައިސާގެ ނާޖާއިޒް ބޭނުން ގިނަ ޕާޓީތަކުން ހިފާ ކަން އިލެކްޝަންސް ކޮމިޝަނުގެ ސަމާލުކަމަށް އޮތީ އައިސްފަ އެވެ. އަނެއް ކަމަކަށް އޭނާ ފާހަގަކުރެއްވީ، ސިޔާސީ ޕާޓީތަކުގެ ހިސާބުތައް ރަނގަޅަށް ނުބެލެހެއްޓުމެވެ. އިންތިހާބުތަކުގައި ވާދަކުރާ ބައެއް ކެންޑިޑޭޓުންނަށް މިލިއަނުން ކޭޝް ނަގާފައި ދީފައި ހުރި މައްސަލަތައް މީގެ ކުރިން ފާހަގަވި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިފަދަ ގަވަައިދާ ހިލާފުވާ އެތައް ކަމެއް ފާހަގަވޭ. ދައުލަތުން ހަރަދެއް ކުރާ ކަމަށް ވަންޏާ އެ ހަރަދު ކުރަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާ އެއްގޮތަށްތޯ ބަލަން ޖެހޭ. ވަރަށް ބޮޑަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މި ކަން މި އޮންނަނީ. ސިޔާސީ ޕާޓީއަށް ފައިސާ ދިނީމާ އެ ފައިސާ ނާޖާއިޒް ގޮތުގައި ބޭނުން ކުރާ ކަން ވަރަށް ބޮޑަށް ފާހަގަ ކުރެވޭ،" އޭނާ ވިދާޅުވި އެވެ.
"ހަގީގަތުގައި ވެސް މި ލާރި މި ދެވެނީ އެންމެ ރަނގަޅަށްތޯ ލާރި ބޭނުން ކުރެވެނީ ޕާޓީތަކަށް ނުވަތަ ރައްޔިތުންނަށް ފައިދާ ހުރި ގޮތަށްތޯ އެބަ ބަލަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދިނުމަށް އެންމެ ބޮޑަށް ދެކޮޅު ހެއްދެވި އެއް ބޭފުޅަކީ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަދި ބަންޑާރަ ނައިބު އަހުމަދު އުޝާމެވެ. ނިމިދިޔަ 19 ވަނަ މަޖިލީހުގައި އުޝާމް ވަނީ މެމްބަރުންގެ އަދަދަށް ބަލައި ޕާޓީތަކަށް ފައިސާ ދޭން ޖެހޭނެ ކަމަށް ބުނާ މާއްދާ ސިޔާސީ ޕާޓީތަކުގެ ގާނޫނުން އުވާލަން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ވެސް ހުށަހަޅުއްވައިފަ އެވެ.
އޭނާ އޭރު ވިދާޅުވެފައިވާ ގޮތުގައި ދައުލަތުގެ ބަޖެޓުން މަދު ބަޔަކަށް ކޮންމެ އަހަރަކު މިލިއަނުން ފައިސާ ދޭން ޖެހޭ ގޮތަށް ގާނޫނު އޮތުމަކީ އިންސާފެއް ނޫނެވެ. އަދި އެ ފައިސާ އަށް އެ ޕާޓީތަކުން ހަދާ އެއްޗެއް ނޭނގުމާއި އޭގެ ސައްހަކަން ކަށަވަރުކޮށް ޖަވާބުދާރީ ކުރުވޭނެ އެކަށީގެންވާ ނިޒާމެއް ނެތް އިރު މިވަގުތު ގައުމު އޮތް ހާލަތަށް ބަލާފައި ވެސް އެންމެ ބުއްދިވެރި ގޮތަކީ ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން އެއްކޮށް ހުއްޓާލުމެވެ.
"މިހާ ވަރަށް ފައިސާ ދީގެން ރައްޔިތުންނަށްވި މާ ބޮޑު ފައިދާއެއް ފެންނާކަށް ނެތް. ރަނގަޅު ގޮތަކީ ފައިސާ ނުދިނުން،" އުޝާމް އޭރު ވިދާޅުވެފައިވެ އެވެ.
ރިޕޯޓަށް ވާހަކަ ދެއްކެވި އީސީގެ ކުރީގެ މެމްބަރު ވެސް ގަބޫލުކުރައްވާ ގޮތުގައި ސިޔާސީ ޕާޓީތަކުން ދައުލަތުން ދޭ ފައިސާއަކީ މިހާރު ބޮޑު އިސްރާފެކެވެ. މި ކަމަކީ ހުއްޓާލަން ޖެހޭ ކަމެއް ކަމަށާއި ދިގުދެމިގެންދާ ގޮތެއްގައި މި ކަން ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ފައިސާ ދޭން ފެށީ އަލަށް ޕާޓީ ސިސްޓަމް އުފެދިގެން އައިރު ޕާޓީތައް ހިނގައިގަތުމަށް އެހީތެރިވެދިނުމަށް ކަމަށެވެ. މިހާރު ގާނޫނު އޮތް ގޮތުން ސިޔާސީ ޕާޓީތަކަށް އަމިއްލަ އާމްދަނީ ހޯދުމަކީ ވެސް އޮތް ގޮތެއް ކަމަށާއި ދައުލަތަށް ބަރޯސާ ނުވެ އުޅެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަށް ވުރެ މާ މުހިންމު ކަންކަން އެބަހުރި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަމުގެ ތެރެއިން ކުރަން ޖެހިފައި ދައުލަތުން. އެ ފައިސާ ނުދިނަސް ޕާޓީތައް އަސްލު މިހާރު ހިނގައިގަނެފައި އެހެރީ، އެ ޕާޓީތަކަށް އެ މީހުންނަށް އަމިއްލައަށް ހަރަދުތައް ހަމަޖައްސައިގެން އުޅުމުގެ ބާރު އެބައޮތް،" އޭނާ ވިދާޅުވި އެވެ.
ދައުލަތުން މިހާރު ދޭ ފައިސާ ޕާޓީތަކުން ހޭދަކުރާ ގޮތެއް ބެލޭނެ ދެފުށްފެންނަ ނިޒާމެއް ނެތެވެ. އޮޑިޓް ރިޕޯޓް ހުށަހަޅަން ލާޒިމްކޮށްފައި އޮންނާތީ އަދަދުތަކެއް ޖަހައި ޕާޓީތަކުން އީސީއަށް ހުށަހަޅަ އެވެ. އެކަމަކު އެ ރިޕޯޓުގައި ލިއެފައިވާ އަދަދުތަކާއި އެ ޕާޓީއަކުން އެ އަހަރު ތެރޭގައި ހިންގި ސިޔާސީ ހަރަކާތްތަކަށް ހޭދަވި ކަމަށް ބުނާ އަދަދުތަކަކީ ރިޕޯޓުގެ ބޭނުމަށް ޖަހާލާފައި ހުންނަ އަދަދުތަކެކެވެ. ރިޕޯޓް ހުށަނާޅާ ނަމަ ޖޫރިމަނާ ކުރަން އޮންނާތީ ކުރާ ކަމެކެވެ.
ރައްޔިތުންނަށް މާބޮޑު ފައިދާއެއް ނުވާ އިރު، ސިޔާސީ ޕާޓީތަކުގެ އިދާރީ ކަންކަން ހިންގަން އެހީތެރިވެދޭން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟ މިކަމުގައި ގިނަ ބަޔަކަށް އެއްބަސްވެވެނީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުން ހުއްޓާލުމަށެވެ.
ހުރިހާ ޕާޓީތަކަށް ފައިސާ ދޭން ގާނޫނު ބަދަލުކުރަނީ
ޑިމޮކްރެޓްސްގެ ހުއްދަ ލަސްވަނީ އިދާރީ ކަންކަން ނުނިމޭތީ
ޑިމޮކްރެޓްސްގެ ލިސްޓު އީސީން ލީކުވިތޯ ބަލަނީ
ގަވައިދާ ހިލާފަށް ކުރާ ކަމެއްގެ ޒިންމާ ނަގާކަށް ނުޖެހޭ
ޕީޕީއެމުން މެންބަރުން މަދުވުމުން އީސީން އޮޑިޓެއް ހަދަނީ
"ދިވެހިންގެ އުއްމީދީ ޕާޓީ" އުފެއްދުމުގެ ހުއްދަ ދީފި
ދޫކޮށްލާ ޕާޓީތަކާއި ދަރަނި: ގާނޫނީ ހައްލެއް ނެތް!
މުހައްމަދު ދީދީ ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހަޅައިފި
ޔާމީންގެ ޕާޓީ އަށް 3،000 މެމްބަރުން ހަމަވެއްޖެ
ނަން ކަމުނުދާތީ، ދެ ޕާޓީއެއް އުފައްދަން ހުއްދަ ނުދިން