Roadha Mihaaru
ރިޔާސަތާ ހަވާލުވާން ނަޝީދުގެ ކިބައިން އެދިއްޖެ

ރިޔާސަތާ ހަވާލުވެ ޖަލްސާތައް ފަށައިދޭން ނަޝީދުގެ ކިބައިން އިދިކޮޅުން އެދިއްޖެ

21 ޖޫން 2023

ރައްޔިތުންގެ މަޖިލިސް މިހާރު ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެންނަން، މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެން ޖަލްސާތައް ފައްޓަވައި ދެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުން އިދިކޮޅު މެމްބަރުން މިއަދު އެދިވަޑައިގެންފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލިސް މިހާރު ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެންނަން، މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެން ޖަލްސާތައް ފައްޓަވައި ދެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުން އިދިކޮޅު މެމްބަރުން މިއަދު އެދިވަޑައިގެންފި އެވެ.

ޖަލްސާތައް ނުބޭއްވި، މަޖިލިސް ހުއްޓުމަކާ ހަމައަށް އައީ ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީން އިސްވެ ހުށަހެޅުމާ ހިސާބުންނެވެ. ގާނޫނީ އެކި މައްސަލަތައް މަޖިލިހުގެ ގަވާއިދުގެ ތެރެއިން ރިޔާސަތުން ނެގުމުގެ ސަބަބުން ޖަލްސާތައް ހުއްޓުމަކަށް އައީ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. އޭގެ ބޭނުމަކީ މަޖިލިހުގެ ރައީސް ނަޝީދާއި ނައިބު ރައީސް އީވާ މަގާމުން ވަކިކުރުމުގެ މައްސަލަ ހުއްޓުވުން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ވަނީ ބުނެފަ އެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ އޮތުމުން ނަޝީދާއި އީވާ ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެވަޑައިގަންނަވާތީ މިދިޔަ ތިން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. ނަމަވެސް މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ނަމަ އެހެން މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގައި ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެ އެވެ.، މިދިޔަ ހޯމަ ދުވަހަކީ އަފީފް ރިޔާސަތު ބެލެހެއްޓެވި ތިން ވަނަ ޖަލްސާ އެވެ. އެއާ އެކު މަޖިލީހުގެ އިތުރު ޖަލްސާއެއް ދެން ބޭއްވޭން ނެތް ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ.

މަޖިލިސް ހުއްޓިފައިވާ މައްސަލާގައި، އިދިކޮޅު ޕީޕީއެމް/ޕީއެންސީ މެމްބަރުން މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް އަލުން ފެށުމަށްޓަކައި ނަޝީދާ އިދިކޮޅު މެމްބަރުން ބައްދަލު ކުރައްވާނެ ކަމަށެވެ.

"...އަޅުގަނޑުމެން އެދޭނަން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވައި ދެއްވައިގެން މި މަޖިލިސް ފެށޭނެ ގޮތެއް ހައްދަވައި ދެއްވަން ސަރުކާރާ ވާހަކަ ދައްކަވައިގެން ނަމަވެސް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ނަޝީދުގެ އިތުރުން މަޖިލިސް އަލުން ފެށުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަން ރައީސް އޮފީހަށް އިދިކޮޅު މެމްބަރުން މިއަދު ވަނީ ވަޑައިގެންފަ އެވެ.

މަޖިލިސް ހުއްޓުވައިލީ ސަރުކާރުން ގަސްދުގައި ކަމަށް އިދިކޮޅުން ކުރާ ތުހުމަތު މިއަދުގެ ބައްދަލުވުމުގައި ވެސް މެމްބަރުން ތަކުރާރު ކުރެއްވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންނާ ގުޅުން ހުރި މައްސަލަތަކުގައި އަޑުއުފުލާތީ، މަޖިލިސް ޑެޑްލޮކަކަށް ގެނައީ ސަރުކާރުން ގަސްދުގައި ރާވައިގެން ކަމަށެވެ.

ރައީސް ހާޒިރުކުރަން އެދިއްޖެ

ރާއްޖޭގެ ދެކުނުގެ އިން ވަކި ކުރުމުގެ މައްސަލާގައި ސަރުކާރުން ގޯސް ހަދާފައިވާ ކަމަށް ބުނެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ހާޒިރު ކޮށްދޭން އިދިކޮޅުން މިއަދު ވަނީ އެދިފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ވިދާޅުވި ގޮތުގައި، ދެކުނުގެ އިން ވަކި ކުރުމުގެ މައްސަލާގައި ވަރަށް ސީރިއަސް ތުހުމަތުތަކާއި ސުވާލުތަކެއް ސަރުކާރަށް އަމާޒުވެފައިވާއިރު، އެކަން ސާފުކޮށް ނުދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނުހުންނެވޭނެ އެވެ.

"ރައްޔިތުންގެ މިހިރަ ސުވާލުތަކަށް ޖަވާބު ނުދެއްވައި ރައީސުލްޖުމްހޫރިއްޔާއަކަށް ރައީސް ކަމައިގެން ކުރިއަކަށް ވަޑައެއް ނުގެންނެވޭނެ،" ސަލީމް ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ ދަށުން މީހުން ހާޒިރުކޮށްގެން ސުވާލު ކުރުމުގެ ބާރު މަޖިލީހަށް ލިބިދީފައިވީ ނަމަވެސް، އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ހިމެނޭ ކަމެއް ސީދާ ބަޔާންކޮށްފައެއް ނުވެ އެވެ. އެކަމަކު އިދިކޮޅުން މަޖިލީހުގެ ސިޓީގައި ބުނީ ގާނޫނުއަސާސީގެ 20 ވަނަ މާއްދާގެ ދަށުން ގާނޫނުގެ ކުރިމަތީގައި ކޮންމެ މީހަކު ވެސް ހަމަހަމަވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހާޒިރު ނުކުރުވޭނެ ކަމަށް ބަޔާންކުރާ އެއްވެސް މާއްދާއެއް ނެތް ކަމަށެވެ.

އެހެންކަމުން، މަޖިލީހުގެ ޖަލްސާތައް އަލުން ފެށުމާ އެކު، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހާޒިރުކޮށް ދެއްވައިގެން، މެމްބަރުން ސުވާލުކުރުމުގެ އިންތިޒާމް ހަމަޖައްސައި ދެއްވުމަށް މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީގައި ވެ އެވެ.

އެ ސިޓީގައި ރައީސާ ކުރަން ޖުމްލަ 10 ސުވާލެއް ހުށަހަޅާފައިވާއިރު، ޗާގޯސް މައްސަލައިގެ އިތުރުން އުތުރު ތިލަފަޅާއި ހަނިމާދޫ އެއާޕޯޓު ހަދަން އިންޑިއާ ސަރުކާރާ އެކު ސޮއި ކުރި އެއްބަސްވުން ސިއްރު ކުރުމާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން ފައިސާ ނެންގެވި ކަމުގެ ތުހުމަތާ ގުޅޭ ސުވާލުތައް ވެސް ހިމެނެ އެވެ.