Roadha Mihaaru
ޕީޕީއެމް އާއި ޑިމޮކްރެޓްސް އެކުގައި މަސައްކަތްކުރަނީ

ޕީޕީއެމް/ޕީއެންސީ އާއި ޑިމޮކްރެޓްސް އެކުގައި މަސައްކަތް ކުރަން ބައްދަލުވުމެއް

25 ޖޫން 2023

އިދިކޮޅު ޕީޕީއެމާއި ޕީއެންސީއާ އެކުގައި ޑިމޮކްރެޓްސްއިން ސިޔާސީ މަސައްކަތްކުރުމާ ގުޅޭ ގޮތުން މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިދިކޮޅު ޕީޕީއެމާއި ޕީއެންސީއާ އެކުގައި ޑިމޮކްރެޓްސްއިން ސިޔާސީ މަސައްކަތްކުރުމާ ގުޅޭ ގޮތުން މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

އެމްޑީޕީން މެމްބަރުންތަކެއް ވަކިވެ ރަޖިސްޓްރީކުރަން ހުށަހަޅާފައިވާ ޑިމޮކްރެޓްސް އިން ބުނި ގޮތުގައި އެކުގައި މަސައްކަތްކުރުމާ ގުޅޭ މަޝްވަރާ އޮންނާނީ މިއަދު 11 ޖަހާއިރެވެ. އޭގެ ފަހުން ތަފްސީލް މީޑިއާ މެދުވެރިކޮށް އާއްމުކުރާނެ ކަމަށެވެ.

އެކުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން ރަސްމީ މަޝްވަރާ ބައްދަލުވުމެއް ބާއްވާ އިރު މި ފަހުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އިވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ އާއި މަޖިލީހުގައި ދެން ހިނގައިދިޔަ ދެބަސްވުންތަކުގައި ޕީޕީއެމާއި ޕީއެންސީން އައީ ޑިމޮކްރެޓްސްގެ މެމްބަރުންނާ އެކު މަސައްކަތް ކުރަމުންނެވެ.

މަޖިލީހުގައި އެއް ބަޔަކު އަނެއް ބައެއްގެ ވިސްނުމާއި ހުށަހެޅުންތަކަށް ގެންދެވީ ތާއީދު ކުރައްވަމުންނެވެ. މަޖިލިސް ރައީސްއާ އެކު އިދިކޮޅު މެމްބަރުން ނުރަސްމީ ބައްދަލުވުންތައް ވެސް ބޭއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް މެމްބަރުންތަކެއް ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރައްވަނިކޮށް އެމަނިކުފާނު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ. ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތްކަން ރަސްމީކޮށް މިހާތަނަށް އިއުލާން ނުކުރެއްވިޔަސް އެމަނިކުފާނުގެ މިސްރާބަކީ ޑިމޮކްރެޓްސްކަން މި ފަހުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވަނީ ވިދާޅުވެފަ އެވެ.

ޑިމޮކްރެޓްސް އަރިސް މެމްބަރުންތަކެއް އުފެއްދެވި ހަގީގީ މަގްސަދަކީ އެމްޑީޕީގެ ތެރެއިން އެމަނިކުފާނު ވެސް ބޭނުންފުޅުވާ ގޮތަށް ސިޔާސީ މަސައްކަތްތައް ނުކުރެއްވުން ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި މެމްބަރުން ވާހަކަ ދައްކަވަނީ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި މެމްބަރުން ވާހަކަ ދައްކަވަނީ.

އެކުގައި މަސައްކަތްކުރަން ބައްދަލުވުންތައް ބާއްވާއިރު ޑިމޮކްރެޓްސް އިން ވަނީ ރިޔާސީ ކެންޑިޑޭޓަކު ނެރޭނެކަން އިއުލާންކޮށްފަ އެވެ. އިދިކޮޅުގެ ކެންޑިޑޭޓަކީ ޖަލު ހުކުމެއް ތަންފީޒުކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެމަނިކުފާނުގެ ޖަލު ހުކުމްގެ އިސްތިއުނާފް ހައި ކޯޓުގައި ހިނގާއިރު ވާދަކުރެއްވޭނެ ކަމުގެ ކަށަވަރުކަން ލިބޭނީ ހައި ކޯޓުގެ ހުކުމަށް ފަހު އެވެ.

ޑިމޮކްރެޓްސްގެ އަމާޒަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ކަށަވަރުވިޔަ ނުދިނުމެވެ. އެ މަގްސަދުގައި ޖުމްހޫރީ ޕާޓީއާ އެކު ވެސް ކޯލިޝަން ހަދަން މަޝްވަރާތައް ބޭއްވި އެވެ.

އެ ބައްދަލުވުންތައް ވަކި ހިސާބަކުން ހުއްޓުނީ ބަރުލަމާނީ ނިޒާމު ގެނައުމަށް ނަޝީދު ހުށަހެޅުއްވި ކަރުދާހަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެއްބަސްނުވުމުންނެވެ. ފަހުން ގާސިމް ވަނީ ނަޝީދަށް ފާޑުވިދާޅުވެ ކޯލިޝަން ބައްދަލުވުންތައް ނާކާމިޔާބުވެއްޖެ ކަން ނުސީދާކޮށް އިއުލާންކުރައްވައިފަ އެވެ.