Roadha Mihaaru
އޭޝިއަން ޗެމްޕިއަންޝިޕްގައި ޔޫތު ރެކޯޑް އަހްނާއަށް

އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޔޫތު ރެކޯޑް އަހްނާ އަށް

19 ޖުލައި 2023

ތައިލެންޑްގެ ބެންކޮކުގައި ނިމިދިޔަ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އުންމީދީ ސްޕްރިންޓަރު އަހްނާ ނިޒާރު، 200 މީޓަރުގެ ގައުމީ ޔޫތު ރެކޯޑް އާކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ތައިލެންޑްގެ ބެންކޮކުގައި ނިމިދިޔަ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އުންމީދީ ސްޕްރިންޓަރު އަހްނާ ނިޒާރު، 200 މީޓަރުގެ ގައުމީ ޔޫތު ރެކޯޑް އާކޮށްފި އެވެ.

މި މަހުގެ 12-16 އަށް ކުރިއަށް ދިޔަ މުބާރާތުގައި އަހްނާ ޔޫތު ރެކޯޑް އާ ކޮށްފައި ވާނީ ހޮނިހިރު ދުވަހު ކުރިއަށް ދިޔަ މި އިވެންޓުގެ ފުރަތަމަ ބުރުގެ ހީޓް 4 ގައި ދުވެގެން 25.73 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ.

މީގެ ކުރިން ވެސް މި ރެކޯޑް އޮތީ އަހްނާ އަތުގަ އެވެ. ކުރިން މި ރެކޯޑް ހެދީ މިދިޔަ އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި 25.77 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ރެކޯޑް އާކުރި ނަމަވެސް ސެމީ ފައިނަލްގެ ހީޓަށް އަހްނާ ކޮލިފައި އެއް ނުވެ އެވެ. އަހްނާގެ އިތުރުން ވެސް އަންހެން ހަ އެތުލީޓުންނާއި ފިރިހެން އަށް އެތުލީޓުން، އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ސްކޮޑުގައި ހިމެނުނެވެ.

އޭޝިއަން ޗެމްޕިއަންޝިޕާ އެކު ރާއްޖޭގެ އެތުލީޓުންނަށް މިވަނީ އަންނަ މަހު މަޑަގަސްކަރާގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ކުރިން ރަނގަޅު ފެންވަރު މުބާރާތެއްގައި ވާދަކޮށްލުމުގެ ފުރުސަތު ލިބިފަ އެވެ.

އަހްނާ އަކީ ވެސް އައިއޯއައިޖީ އަށް ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަނުން އެކުލަވާލި ސްކޮޑުގައި ހިމެނޭ އެތުލީޓެކެވެ.