Roadha Mihaaru
ޖޫން/ޖުލައި މަހު ވާރޭ ވެހޭ ވަރު މަދު

މޫސުމީ ބަދަލާ އެކު، ޖޫން/ޖުލައި މަހު ވާރޭ ވެހޭ ވަރު މަދުވަނީ

25 ޖުލައި 2023

ޖޫން/ޖުލައި މަހަކީ، އާންމު ގޮތެއްގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ރާއްޖެ އަށް މީގެ ކުރިން އެންމެ ވިއްސާރަ ދުވަސްވަރެވެ؛ އެކަމަކު މިހާރު އެހެން ބުނެވެން އެބައޮތް ހެއްޔެވެ؟

އިފްރާޒް އަލީ އިފްރާޒް އަލީ

ޖޫން/ޖުލައި މަހަކީ، އާންމު ގޮތެއްގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ރާއްޖެ އަށް މީގެ ކުރިން އެންމެ ވިއްސާރަ ދުވަސްވަރެވެ؛ އެކަމަކު މިހާރު އެހެން ބުނެވެން އެބައޮތް ހެއްޔެވެ؟

އެކަމަކު، މި އަހަރު މި ދެ މަހު ވާރޭ ވެހޭ ވަރު ވަރަށް މަދެވެ. އާންމުން ވެސް އެ ވާހަކަ ދައްކަ އެވެ. އެހެން އަހަރުތަކުގައި ޖޫން/ޖުލައި މަހާ އަޅާ ބަލާއިރު، ހޫނުގަދަ ކަން ވެސް އިހުސާސް ކުރެވެ އެވެ.

ސްކޫލްތަކުގެ މިދިޔަ އަހަރުގެ ބޮޑު ޗުއްޓީ ޖޫން/ޖުލައި މަހަށް ބަދަލުކުރުމުން އާންމުން ޝަކުވާ ވެސް ކުރި އެވެ. އެއީ ރާއްޖެ އަށް މޫސުން އެންމެ ގޯސް ދުވަސްވަރަށް ވާތީ އެވެ. އެ ދުވަސްވަރު ވަރަށް ބޮޑަށް މޫސުން ގޯސްވެ، ދަތުރުފަތުރު ކުރަން ވެސް ދަތިވި އެވެ. ނަމަވެސް، މި އަހަރު އެ ޝަކުވާގެ އަޑެއް ވެސް ނީވެ އެވެ.

ޖޫން/ޖުލައި މަހު ރާއްޖެ އަށް ވިއްސާރަކުރާ ވަރު މަދުވަމުން ދާ ކަން މޯލްޑިވްސް މީޓޮއޮރޮލޮޖިކަލް ސާވިސް (މެޓް)ގެ ތަފާސްހިސާބުތަކުން ވެސް ދައްކަ އެވެ.

މާލޭގައި ފެން ބޮޑުވެފައިވާ މަގަކުން މީހަކު ސައިކަލު ދުއްވާފައި ދަނީ.-- ފޮޓޯ: މިހާރު

މާލޭގައި ފެން ބޮޑުވެފައިވާ މަގަކުން މީހަކު ސައިކަލު ދުއްވާފައި ދަނީ.-- ފޮޓޯ: މިހާރު

މެޓް އޮފީހުން ބުނި ގޮތުގައި، ބައެއް އަހަރުތަކުގެ ޖޫން/ޖުލައި މަހު ވާރޭ ވަރު މަދުވާ ކަން މިހާރު ފާހަގަކުރެވެ އެވެ. މި އަހަރު ވެސް އެކަން ފާހަގަކުރެވެ އެވެ.

އެ އޮފީހުން "މިހާރު" އަށް ދިން މިދިޔަ ފަސް އަހަރުގެ ޖޫން/ޖުލައި މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޖޫން މަހު ވެހުނީ 605 މިލިމީޓަރުގެ ވާރެ އެވެ. ނަމަވެސް، މި އަހަރުގެ ޖޫން މަހު ވެހުނީ 547.2 މިލިމީޓަރުގެ ވާރެ އެވެ.

މިދިޔަ އަހަރު ޖުލައި މަހު 1،524.8 މިލިމީޓަރުގެ ވާރޭ ވެހުނު އިރު، މި އަހަރުގެ ޖުލައި މަހުގެ 15 ގެ ނިޔަލަށް ވެހުނީ އެންމެ 480.4 މިލިމީޓަރުގެ ވާރެ އެވެ. އެއީ މިދިޔަ އަހަރާ އަޅާ ބަލާއިރު، ދެބައިކުޅަ އެއް ބަޔަށް ވުރެ ވެސް ކުޑަ އަދަދެކެވެ.

ޖޫން/ޖުލައި ވާރޭ ވެހުނު ވަރު | މައުލޫމާތު: މެޓް އޮފީސް

ޖޫން/ޖުލައި ވާރޭ ވެހުނު ވަރު | މައުލޫމާތު: މެޓް އޮފީސް

މި މަހުގެ ބާކީ އޮތް ދުވަސްތަކުގައި މާ ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ލަފާނުކުރެވޭތީ، އެ އަދަދު މަތިވާނެ ކަމަށް ވެސް ނުބެލެވެ އެވެ.

މިދިޔަ ފަސް އަހަރުގެ ތެރެއިން، ޖޫން/ޖުލައި މަހު އެންމެ މަދުން ވާރޭ ވެހުނު އަހަރު ކަމަށް ދައްކަނީ ވެސް މި އަހަރެވެ.

އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ދައްކަނީ އުތުރާއި ދެކުނުގެ ރަށްތަކަށެވެ.

ޖޫން/ޖުލައި އެންމެ ވިއްސާރަކުރި ރަށްތައް | މައުލޫމާތު: މެޓް އޮފީސް

ޖޫން/ޖުލައި އެންމެ ވިއްސާރަކުރި ރަށްތައް | މައުލޫމާތު: މެޓް އޮފީސް

މޫސުމީ ބަދަލުތަކުގެ ސަބަބުން މި އަހަރު ދުނިޔެ އަށް އާދަޔާ ހިލާފަށް ހޫނުގަދަވި ކަމަށް، ބައިނަލްއަގުވާމީ ކަމާބެހޭ އިދާރާތަކުގެ ރެކޯޑްތަކުން ވެސް ދައްކަ އެވެ. އެއީ، މި އަހަރު ވާރޭ ވެހުނު ވަރު މަދުވާން މެދުވެރި ސަބަބަކަށް ވުން އެކަށީގެންވާ ކަމަށް ބައެއް ތަޖުރިބާކާރުން ވެސް ވިދާޅުވި އެވެ.

އާދަޔާ ހިލާފަށް ހޫނުގަދަ

އެމެރިކާގެ ނޭޝަނަލް ސެންޓާސް ފޯ އެންވަޔަރްމެންޓަލް ޕްރެޑިކްޝަން (ޔޫއެސްއެންސީއީޕީ) އިން ބުނި ގޮތުގައި، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް، މުޅި ދުނިޔޭގެ ނިސްބަތުން އެވްރެޖު ހޫނުމިން އެންމެ މައްޗަށް ދިޔައީ، އޮގަސްޓް 13، 2016 ގަ އެވެ. އެ ދުވަހުގެ އެވްރެޖު ހޫނުމިނެއްގެ ގޮތުގައި ރެކޯޑްކުރެވިފައި ވަނީ 16.92 ޑިގްރީ ސެލްސިއަސް (62.46 ފެރަންހައިޓް) އެވެ.

މި އަހަރު އެންމެ ހޫނުގަދަވި ދުވަސްތައް | މައުލޫމާތު: މެޓް އޮފީސް

މި އަހަރު އެންމެ ހޫނުގަދަވި ދުވަސްތައް | މައުލޫމާތު: މެޓް އޮފީސް

އެކަމަކު، މި މަހުގެ ތިންވަނަ ދުވަހު ދުނިޔޭގެ އެވްރެޖު ހޫނުމިން ހުރީ 17.01 ޑިގްރީ ސެލްސިއަސް (62.62 ފެރަންހައިޓް)ގަ އެވެ. އެއީ ދުނިޔޭގެ ހުރިހާ ހިސާބަކަށް ވެސް އާދަޔާ ހިލާފަށް ހޫނުގަދަ ދުވަހެއް ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.

އެއީ ރެކޯޑެއް ކަމަށް ބަލައިގެން ތިއްބައި، ޖެހިގެން އައި މި މަހުގެ ހަތަރުވަނަ ދުވަހު އެ އަށް ވުރެ ވެސް ހޫނުގަދަވި އެވެ. ޔޫއެސްއެންސީއީޕީގެ ރެކޯޑްތަކުން ދައްކާ ގޮތުގައި، އެ ދުވަހު ދުނިޔޭގެ އެވްރެޖު ހޫނުމިން ހުރީ 17.18 ޑިގްރީ ސެލްސިއަސްގަ އެވެ.

ރާއްޖޭގެ މޫސުމީ ރެކޯޑުތައް | މައުލޫމާތު: މެޓް އޮފީސް

ރާއްޖޭގެ މޫސުމީ ރެކޯޑުތައް | މައުލޫމާތު: މެޓް އޮފީސް

މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މި އަހަރު ރާއްޖެ އަށް އެންމެ ހޫނުގަދަވީ މެއި 26، 27 އަދި 31 ގައި ހދ. ހަނިމާދު އަށެވެ. އެ ތިން ދުވަހު 34.6 ޑިގްރީ ސެލްސިއަސްއަށް ހޫނުގަދަވި އެވެ. ރާއްޖެއަށް ހޫނުގަދަވާ ދުވަސްތަކުގައި، އިހުސާސްކުރެވޭ ހޫނުމިން 44 ޑިގްރީ ސެލްސިއަސް އަށް ވެސް އަރާފައިވާ ކަން މެޓްގެ ރެކޯޑުތަކުން އެނގެ އެވެ.