Roadha Mihaaru
އެމްއެމްއޭ އަށް ހުޅުމާލެ އިން ބިމެއް ގަނެފި

އާ އިމާރާތް ހެދުމަށް ހުޅުމާލެ އިން 211 މިލިއަނަށް އެމްއެމްއޭ އަށް ބިމެއް ގަނެފި

24 ޖުލައި 2023

މަރުކަޒީ ބޭންކް، އެމްއެމްއޭގެ އޮފީސް އިމާރާތް ހެދުމަށް ހުޅުމާލެ އިން 211 މިލިއަން ރުފިޔާ އަށް ބިމެއް ގަނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މަރުކަޒީ ބޭންކް، އެމްއެމްއޭގެ އޮފީސް އިމާރާތް ހެދުމަށް ހުޅުމާލެ އިން 211 މިލިއަން ރުފިޔާ އަށް ބިމެއް ގަނެފި އެވެ.

ސިވިލް ކޯޓު މެދުވެރިކޮށް ހިންގި އެ މުއާމަލާތާ ގުޅޭ ގޮތުން ކޯޓުން ކުރި ހުކުމްގައި ވަނީ އެ ބިމާ ގުޅޭ ތަފްސީލުތައް ހާމަކޮށްފަ އެވެ. އެމްއެމްއޭ އިން ގަތީ 43،400 އަކަފޫޓުގެ ބިމެކެވެ.

އެމްއެމްއޭގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ހުޅުމާލޭގައި އާ އިމާރާތެއް ހަދަން ނިންމީ، ދައުލަތުގެ ހަޒާނާގެ ރައްކާތެރިކަމާއި އެ އޮތޯރިޓީ އަށް ބޭންކުތަކުން ފައިސާ ގެނައުމުގައި ރައްކާތެރިކަމާ އެކު ބެލެހެއްޓުމަށް ބޭނުންވާ ސަލާމަތީ ކަންތައްތައް އިންތިޒާމު ކުރުމަށް ޖާގަ ތަނަވަސް ތަނެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

"އޮތޯރިޓީގެ މިހާރުގެ އިމާރާތް ހުރީ ކާރުބާރު ބޮޑު ސަރަހައްދެއްގައި ކަމުން ސެކިއުރިޓީ އިންތިޒާމްތައް ކުރުމަށް އެކަށީގެންވާ ޖާގައެއް ނެތް. އިމާރާތާ އިން ވެގެން އެހެން އިމާރާތްތައް ހުރުމުން އިމާރާތުގެ ރައްކާތެރިކަން ކަށަވަރު ނުވާތީ ވަށައިގެން ޖާގަ އޮތް އެހެން ސަރަހައްދަކަށް އިމާރާތް ބަދަލުކުރަން ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފެރީ ޓާމިނަލް ސަރަހައްދުން ގަތް ބިމުގައި މިވަގުތު ކުރަނީ އެ ތަނުގައި ބިލްޑިން ޑިޒައިން ކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

އާބަންކޯ އިން އަންނަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ސަރުކާރުގެ ގިނަ އޮފީސް އިމާރާތްތައް ހެދުމަށް ބިން ދޫކުރަމުންނެވެ. މި އަހަރުގެ ކުރީ ކޮޅު ވަނީ ސަރުކާރުގެ ބައެއް މިނިސްޓްރީތައް ވެސް ހުޅުމާލޭގައި ހެދި އޮފީސް ބިލްޑިންގް، "އުމަރު ޒާހިރު އޮފީސް" އަށް ބަދަލުކޮށްފަ އެވެ. ޓްރާންސްޕޯޓާއި ހަޔާ އެޑިއުކޭޝަނާއި ޖެންޑާ މިނިސްޓްރީ ވެސް ވަނީ އެ އިމާރާތަށް ބަދަލުކޮށްފަ އެވެ.