Roadha Mihaaru
އެމެރިކާގެ ކުންފުންޏަކުން ރާއްޖޭގައި ދެ ރިސޯޓް ހަދަނީ

އެއްލައިދޫ މަނިކާ ގުޅިގެން އެމެރިކާގެ ކުންފުންޏަކުން ރާއްޖޭގައި ދެ ރިސޯޓް ހަދަނީ

31 ޖެނުއަރީ 2017

ރައީސް އަބްދުﷲ ޔާމީންގެ ޅިޔަން ބޭފުޅެއް ކަމަށްވާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު)އާ ގުޅިގެން، ރާއްޖޭގައި ދެ ރިސޯޓް ތަރައްގީ ކުރަން އެމެރިކާގެ ޑްރީމް ހޮޓެލް ގްރޫޕުން ނިންމައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ރައީސް އަބްދުﷲ ޔާމީންގެ ޅިޔަން ބޭފުޅެއް ކަމަށްވާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު)އާ ގުޅިގެން، ރާއްޖޭގައި ދެ ރިސޯޓް ތަރައްގީ ކުރަން އެމެރިކާގެ ޑްރީމް ހޮޓެލް ގްރޫޕުން ނިންމައިފި އެވެ.

ޑްރީމް ގްރޫޕުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އއ. މާގަ އާއި މ. ގަސްވެލި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން، މަނިކުގެ ހިއްސާ އޮންނަ އަލްފަ ކިނާމް ހޯލްޑިންސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭން، މާގަ 2019 ގައި އަދި ގަސްވެލި 2020 ގައި ހުޅުވަން ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ޑްރީމް ގްރޫޕުގެ ޗަތުވާލް ބްރޭންޑުގެ ދަށުން، "ދަ ޗަތުވާލް މާގަ މޯލްޑިވްސް"ގެ ނަމުގައި ހިންގަން ނިންމާފައިވާ މާގަ ހަދަނީ އެންމެ މަތީ ފަންތީގެ 80 ކޮޓަރި އާއި ހަ ޕްރައިވެޓް ބީޗު ވިލާ އާއި ދެ ޕްރެޒިޑެންޝަލް ވިލާއާ އެކުގަ އެވެ. މިހާރު ވެސް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ފަށާފައިވާ މި ރަށުގައި ތިން ރެސްޓޯރަންޓް ވެސް ހުންނާނެ އެވެ.

މަނިކު ތަރައްގީކޮށް އަދި ސްރީ ލަންކާގެ ސިނަމަން ގްރޫޕުން މިހާރު ހިންގާ އެއްލައިދޫ ރިސޯޓުން ފުރައިގެން 10 ވަރަކަށް މިނިޓުން ދެވޭ ހިސާބުގައި އޮންނަ މާގަ ކުރިން ބޭނުންކުރީ އެއްލައިދޫގެ ބައެއްގެ ގޮތުގަ އެވެ. އެ ގޮތުން، އެ ރިސޯޓުގެ ވޯޓާ ސްޕޯޓްސް ސެންޓަރު ހިންގީ، ދުނިޔެ އަށް މަޝްހޫރު ޑައިވިން ސްޕޮޓެއް ކަމަށްވާ މާގަ ތިލަ ވެސް ހިމެނޭ މި ރަށުގަ އެވެ.

ނަސަންދުރަ ހަދާ ނިމުމުން އެ ތަނުގެ އެޕާޓްމަންޓެއް ހުންނާނެ ގޮތް ދައްކައިދޭ ކުރެހުމެއް: މި ތަން ތަރައްގީ ކުރަނީ މަނިކުގެ ހިއްސާ އޮންނަ އެންޕީއެޗް އިންވެސްޓްމަންޓްސް އިން.

ނަސަންދުރަ ހަދާ ނިމުމުން އެ ތަނުގެ އެޕާޓްމަންޓެއް ހުންނާނެ ގޮތް ދައްކައިދޭ ކުރެހުމެއް: މި ތަން ތަރައްގީ ކުރަނީ މަނިކުގެ ހިއްސާ އޮންނަ އެންޕީއެޗް އިންވެސްޓްމަންޓްސް އިން.

ރިސޯޓެއް ހަދަން 2006 ގައި މަނިކަށް ގަސްވެލި ދިނީ އެއް ފަޅެއްގައި އޮންނަ އިތުރު ދެ ފަޅުރަށް ކަމަށްވާ ދެކުނު ބޮޑުވެއްޔާއި ކުޑައުސްފުއްޓާ އެއްކޮށެވެ.

މިހާރު ވެސް ހަދަން ފަށާފައިވާ ގަސްވެލި، ޑްރީމް ގްރޫޕުން ބައިވެރިވެގެން ތަރައްގީކޮށް ނިމޭއިރު، 500 ވިލާ އާއި އަށް ރެސްޓޯރަންޓާއި 20،000 އަކަފޫޓުގެ ބޮޑު ސްޕާއެއްގެ އިތުރުން، ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ޑިއުޓީ ފްރީ ފިހާރަތަކެއް ވެސް ހުންނާނެ އެވެ. ސީދާ ޑްރީމް ބްރޭންޑުގެ ދަށުން "ޑްރީމް ގަސްވެލި މޯލްޑިވްސް"ގެ ނަމުގައި ހިންގަން ނިންމާފައިވާ ރަށް ވެގެން ދާނީ، ޑްރީމް ގްރޫޕުން ބުނި ގޮތުގައި، އިންޑިއާ ކަނޑުގެ އެންމެ ބޮޑު އިންޓަގްރޭޓެޑް ރިސޯޓަށެވެ.

"މަތީ ފަންތީގެ ޓޫރިޒަމަށް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް މާކެޓް ކަމަށްވާ ރާއްޖޭގައި ދެ ރިސޯޓް ހަދަން ސޮއިކުރެވުމާ އެކު، މި އަހަރަކީ ވެސް ކުންފުންޏަށް ކާމިޔާބު އަހަރަކަށް ވާނެ އެވެ،" ޑްރީމް ގްރޫޕުގެ ސީއީއޯ ޖޭ ސްޓެއިން ވިދާޅުވި ކަމަށް ބަޔާނުގައިވެ އެވެ.

އެމެރިކާ އާއި އިންޑިއާ އަދި ތައިލެންޑުގައި މިހާރު ވެސް ޓޫރިސްޓް ހޮޓާ ހިންގަމުން އަންނަ ޑްރީމް ގްރޫޕުން އަންނަނީ ވިއެޓްނާމްގައި ވެސް ހޮޓަލެއް ތަރައްގީ ކުރަމުންނެވެ. އަދި ކުރިއަށް އޮތް ހަތަރު އަހަރުދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 150 އަށް ވުރެ ގިނަ ޓޫރިސްޓް ހޮޓަލާއި ރިސޯޓް ހަދަން އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.

މަނިކުގެ ބައިވެރިވުމާ އެކު އިތުރު ދެ ރިސޯޓް ތަރައްގީ ކުރަން ނިންމާފައި ވާއިރު، މާލޭގެ އެންމެ ދުވަސްވީ ޓޫރިސްޓް ހޮޓާ ކަމަށްވާ ނަސަންދުރަ ޕެލަސް ހޮޓެލް ހަދަނީ ވެސް އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ އެންޕީއެޗް އިންވެސްޓްމަންޓްސް އިންނެވެ. އެކަމަކު ނަސަންދުރަ ހުރި ތަން އިތުރު ބިމަކާ އެކު 50 އަހަރަށް އެ ކުންފުންޏަށް ދީފައިވާ ގޮތާ މެދު އޮޑިޓަ ޖެނެރަލް ވަނީ ސުވާލު އުފައްދަވައިފަ އެވެ.

މި ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި އާ 50 ރިސޯޓް ހުޅުވުމަކީ ރައީސް ޔާމީންގެ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް، މިދިޔަ އަހަރުގެ ތެރޭގައި އާ 11 ރިސޯޓް ހުޅުވާފައި ވާއިރު، މި އަހަރު އިތުރު 20 ރިސޯޓް ބާޒާރަށް ނެރޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.