Roadha Mihaaru
މައްސަލަތައް ހައްލު ކުރާނީ ޖަމިއްޔާތަކާ ގުޅިގެން

މައްސަލަތައް ހައްލު ކުރާނީ ޖަމިއްޔާތަކާ ގުޅިގެން: ހޯމް މިނިސްޓަރު

22 ޖެނުއަރީ 2019

ރާއްޖެ އަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ގެންނާނީ މަދަނީ ޖަމިއްޔާތަކާ ގުޅިގެން، ސަރުކާރުން އެއްބާރުލުމާ އެކު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖެ އަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ގެންނާނީ މަދަނީ ޖަމިއްޔާތަކާ ގުޅިގެން، ސަރުކާރުން އެއްބާރުލުމާ އެކު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މަދަނީ ޖަމިއްޔާތަކުގެ ދައުރު ފުޅާ ކުރުމަކީ މި ސަރުކާރުގެ ވައުދަކަށް ވާއިރު ސަރުކާރުން މިއަދު ވަނީ "ހަވެލި" ނަމުގައި ޖަމިއްޔާތަކަށް ފޯރަމެއް ބޭއްވުމަށް ނިންމައި އެކަން އިއުލާން ކޮށްފަ އެވެ.

އެކަން އިއުލާން ކުރަން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިމްރާން ވިދާޅުވީ، ރާއްޖެ އަށް އިޖުތިމާއީ އަދި އިގްތިސާދީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާއިރު އެކަންކަން ހައްލު ކުރުމަކީ ހަމައެކަނި ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ބްރީފިން ގައި ހޯމް މިނިސްޓަރު އިމްރާން ވާހަކަ ދައްކަވަނީ.---ފޮޓޯ؛ ހުސައިން ވަހީދު/މިހާރު

ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ބްރީފިން ގައި ހޯމް މިނިސްޓަރު އިމްރާން ވާހަކަ ދައްކަވަނީ.---ފޮޓޯ؛ ހުސައިން ވަހީދު/މިހާރު

މައްސަލަތައް ހައްލު ކުރުމަށް މަދަނީ ޖަމިއްޔާތަކުން ސަރުކާރާ އެކު މަސައްކަތް ކޮށްފި ނަމަ ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

"މަދަނީ މަސައްކަތްތައް އަޅުގަނޑުމެން ރާވައި ކުރިއަށް ގެންދާނީ އެ މުއައްސަސާތަކާ އެކު މަސައްކަތް ކޮށްގެން އެކުވެރި މާހައުލެއްގައި. ނަތީޖާ އަކަށް ވާނީ މަދަނީ ޖަމިއްޔާތައް، މުއައްސަސާތައް ބާރުވެރި ކުރެވި ރަނގަޅު ނަތީޖާ އަކަށް ވާސިލް ވެގެން ދިއުން،" އިމްރާން ވިދާޅުވި އެވެ.

މިދިޔަ ދުވަސްތަކުގައި ޖަމިއްޔާތަކުން ބުރަ މަސައްކަތްތަކެއް ކޮށްފައިވާއިރު ސަރުކާރުތަކުން ދޭން ޖެހޭ އެއްބާރުލުން ވަނީ ނުދީ ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

ޖަމިއްޔާތަކުގެ ބެލެނިވެރިކަން ހޯމް މިނިސްޓްރީން، ޔޫތު މިނިސްޓްރީ އަށް މިސަރުކާރުން ވަނީ ބަދަލުކޮށްފަ އެވެ.

ނޫސްވެރިންގެ މިއަދުގެ ބައްދަލުވުމުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުވަން މަސައްކަތް ކުރާ ޖަމިއްޔާތައް ހުއްޓުވުމަށް މި ސަރުކާރުން މަސައްކަތް ނުކުރާނެ ކަމަށެވެ. ސަރުކާރު ވާނީ ޖަމިއްޔާތައް ބޭނުންވާ ގޮތަށް ކުރިއަށް ދިއުމަށް އެއްބާރުލުން ދޭ ބަޔަކަށް ކަމަށް މަހްލޫފް ވިދާޅުވި އެވެ.

"ވަޒީރަކަށް ނޭންގޭނެ އެންޖީއޯތައް ހިންގާނެ ގޮތެއް. އެ ގޮތްތައް އެނގޭނީ ޖަމިއްޔާތަކަށް. އަޅުގަނޑު ކޮށްދޭނެ ކަމަކީ އެ ޖަމިއްޔާތަކަށް މަގުފަހިކޮށް ދިނުން،" މަހްލޫފް ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިން ބައްދަލުވުމުގައި ޔޫތު މިނިސްޓަރު މަހްލޫފް ވާހަކަ ދައްކަވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

މިއަދުގެ ނޫސްވެރިން ބައްދަލުވުމުގައި ޔޫތު މިނިސްޓަރު މަހްލޫފް ވާހަކަ ދައްކަވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޖަމިއްޔާތަކާ ބެހޭ ގާނޫނެއް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެ ސް މަހްލޫފް ވިދާޅުވި އެވެ.

ޖަމިއްޔާތަކަށް ހާއްސަކޮށްގެން އަންނަ މާޗް މަހުގެ 16 ން 18 އަށް 'ހަވެލި' ފޯރަމް އޮންނާނީ ދަރުބާރުގޭގަ އެވެ.

ފޯރަމް ބާއްވަނީ ތިން ކަމެއް ހާސިލް ކުރަން:

- ޖަމިއްޔާތައް ހިންގުން ހަރުދަނާ ކުރަން އެހީވުން.

- ޖަމިއްޔާތަކުގެ މަސައްކަތްތައް ފޯކަސް ކުރަން އެހީތެރިވުން.

- މާލީ އެހީތެރިކަން ހޯދައިދިނުމަށް މަގުތަކެއް ފަހިކޮށްދިނުން.

ފޯރަމް އިންތިޒާމް ކުރާ ކޮމެޓީގެ މެމްބަރު މައީދު ޒާހިރު ވިދާޅުވީ، އެ ފޯރަމްގެ މަގުސަދަކީ ހުރިހާ ޖަމިއްޔާތަކެއްގެ މެދުގައި ނެޓްވޯކެއް ގާއިމް ކުރުން ކަމަށެވެ. ޖަމިއްޔާތަކުން ކުރާ މަސައްކަތްތައް ވިޔަފާރި ކުންފުނިތަކަށް ދައްކުވައިދީގެން މާލީ އެހީތެރިކަން ހޯދޭނެ ގޮތްތަކެއް ހަމަޖެއްސުން ވެސް މަގުސަދެއްގެ ގޮތުގައި މައީދު ފާހަގަ ކުރެއްވި އެވެ.

ފޯރަމްގައި ބައިވެރިވުމަށް އާއްމުކޮށް ހުރިހާ ޖަމިއްޔާތަކަށް ހުޅުވާލާފައިވާއިރު ކޮންމެ ޖަމިއްޔާއަކަށް ހިލޭ ސްޓޯލްއެއް ދިނުމަށް ވަނީ ނިންމާފަ އެވެ. އެ ސްޓޯލްގައި އެ ޖަމިއްޔާއަކުން ކުރާ މަސައްކަތްތައް ދައްކައިދޭނެ އެވެ.

ފޯރަމް އިންތިޒާމް ކުރާ މައީދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ފޯރަމް އިންތިޒާމް ކުރާ މައީދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ މީހުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ، ބިވިޒަމްގެ ރައީސް މުހައްމަދު މާޒިން ވިދާޅުވީ އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ބައިވެރިވެވޭނެ ފޯރަމެއް ކަމަށެވެ. ލޮލުގެ ފެނުމުން މަހުރޫމް ވެފައިވާ މީހުންނަށް އޯޑިއޯގެ ޒަރީޔާ އިން އެ ފޯރަމްގެ ކަންކަން އެންގުމުގެ އިންތިޒާމް ހަމަޖައްސާއިރު ހިނގައިބިނގައިވެ ނޫޅެވޭ މީހުންނަށް ފަސޭހައިން ވަދެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު ޔޫތު މިނިސްޓްރީ އާއި ހޯމް މިނިސްޓްރީން އަންނަނީ ފޯމު ދޫކުރަމުންނެވެ. ރަށްރަށުގެ ކައުންސިލްތަކުން ވެސް ފޯމު ދޫކުރެ އެވެ. ފުރުސަތު ދިނުމުގައި އިސްކަން ދޭން ނިންމާފައިވަނީ ފޯމު ހުށަހަޅާ ތަރުތީބަށެވެ.