Roadha Mihaaru
އިންތިހާބު ކުޅޭކުޅޭއެއްޗަކަށް ހަދައިފި، ވާދަނުކުރާނަން

ކުޅޭކުޅޭ އެއްޗަކަށް އިންތިހާބު ހަދަން ބޭނުންނުވާތީ ޑރ. މުނައްވަރު ވާދަނުކުރަން ނިންމައިފި

07 އޯގަސްޓް 2023

ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ގެންގުޅުއްވި ވިސްނުން ދޫކޮށްލައްވައި މިފަހަރު ކުރިމަތިނުލައްވަން ނިންމަވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ގެންގުޅުއްވި ވިސްނުން ދޫކޮށްލައްވައި މިފަހަރު ކުރިމަތިނުލައްވަން ނިންމަވައިފި އެވެ.

އަންނަ މަހު ބާއްވާ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެކަން މުނައްވަރު އިއުލާން ކުރެއްވީ މި އަހަރުގެ މާޗް މަހު އެވެ. އެ ފަހުން ކެމްޕެއިންގެ ބައެއް މަސައްކަތްތައް ކުރައްވައި ޖަގަހައެއް ވެސް ހުޅުވި އެވެ.

މުނައްވަރު "މިހާރު" އަށް ވިދާޅުވީ، އިންތިހާބުގައި ވާދަކުރަން އޭނާ ގަސްދުކުރީ ރާއްޖޭގައި މިވަގުތު ހުރި މައްސަލަތައް ހައްލުކުރުމަށް ރަނގަޅު ސިޔާސަތުތަކެއް ގެނައުމަށް ކަމަށެވެ. ނަމަވެސް، މި ހާލަތުގައި އެ ސިޔާސަތުތައް ރައްޔިތުންނާ ހަމައަށް އެންމެ ރަނގަޅަށް ފޯރުކޮށްދެވޭނެ މާހައުލެއް އޮތް ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ.

"ކުޅޭކުޅޭ ކަމަކަށް ނޫން އަޅުގަނޑުމެން މިކަމަށް މި މަސައްކަތްކުރީ، ވަރަށް ސީރިއަސްކޮށް ވަރަށް ގިނަ ސިޔާސަތުތަކަކާ އެކު ރައްޔިތުންނަށް ހައްލުތަކެއް ހޯދައިދޭން، އެކަމަކު އެކަންކަން ރައްޔިތުންނަށް ރަނގަޅަށް ކޮމިއުނިކޭޓްކޮށްދެވޭނެ މާހައުލެއް ނެތް،" އޭނާ ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވި ގޮތުގައި، މިހާރު އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ފަރާތުން ވެސް ސީރިއަސްކަމެއް ނުފެނެ އެވެ. ފެންނަނީ އިންތިހާބު ކުޅޭކުޅޭ އެއްޗެކަށް ހަދާފައިވާ މަންޒަރު ކަމަށެވެ.

"ރަނިންމޭޓް ނެގުން ވެސް ހަމަ އެގޮތަށް މި އޮންނަނީ، އެ ނަގާ މީހަކީ ގައުމުގެ ހިންގުމާ ހަވާލުވެވިދާނެ ފަދަ މީހެއްތޯ ވެސް ނުބަލާ،" މުނައްވަރު ވިދާޅުވި އެވެ.

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްގެ ރަށްތަކަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ން ނިންމި ނިންމުމާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ މުނައްވަރެވެ. އެ ދުވަސް ސިޔާސީ ގިނަ ކަންކަމުގައި ބައިވެރިވީ ނަމަވެސް، މިހާރު އޭނާ ސިޔާސީ މައިދާނުން ނުފެނެ އެވެ.

ޑރ. މުނައްވަރު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބަންޑާރަނައިބުގެ މަގާމް 10 އަހަރު ފުރުއްވައިފަ އެވެ. އޭގެ ފަހުން، 2008 ގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވެވަޑައިގަތެވެ. ޕާޓީގެ ރައީސްގެ މަގާމަށް ވާދަކުރެއްވި ނަމަވެސް އެ ފަހަރު ނާކާމިޔާބުވީ އެވެ. އޭގެ ދުވަސްކޮޅެއް ފަހުން އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު ވަކިވެ، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތެވެ. ފަހުން ޖުމްހޫރީ ޕާޓީއާ ވެސް ދުރަށް ވަޑައިގެން މޯލްޑިވްސް ރިފޯމް މޫވަމަންޓުގެ ނަމުގައި އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދެވި އެވެ. އެކަމަކު ގާނޫނުގައި ބުނާ ޝަރުތުތައް ހަމަނުވެގެން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުވާލީ އެވެ.