Roadha Mihaaru
ޕީޕީއެމްގެ ހިންގުމުގެ ކަންކަން ފަސްޓް ލޭޑީ ނުކުރައްވާ

ޕީޕީއެމްގެ ހިންގުމުގެ ކަންކަން ފަސްޓް ލޭޑީ ނުކުރައްވާ: އަބްދުއްރަހީމް

01 ފެބުރުއަރީ 2017

ޕީޕީއެމްގެ ހިންގުމުގެ ކަންކަން ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ކުރައްވަމުން ގެންދަވާ ކަމަށް ދެކެވޭ ވާހަކަތައް ރައީސް ޔާމީންގެ ފެކްޝަނުން މިއަދު ދޮގުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޕީޕީއެމްގެ ހިންގުމުގެ ކަންކަން ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ކުރައްވަމުން ގެންދަވާ ކަމަށް ދެކެވޭ ވާހަކަތައް ރައީސް ޔާމީންގެ ފެކްޝަނުން މިއަދު ދޮގުކޮށްފި އެވެ.

"ފަސްޓް ލޭޑީ"ގެ މަގާމަކީ ލަގަބެއް ކަމަށް ބުނެ، ޕީޕީއެމްގެ ހިންގުމުގެ ކަންކަން ފަސްޓް ލޭޑީ އަށް ނުކުރެއްވޭނެ ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭގައި ވަނީ ވިދާޅުވެފަ އެވެ. މައުމޫން ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ގައުމީ ޖަލްސާ އާއި ކައުންސިލުން ފާސްކޮށްފައި ނުވާ މަގާމެއްގައި ހުންނަވާ ބޭފުޅަކާ ޕާޓީގެ ހިންގުމުގެ ކަންކަން ހަވާލުކުރުމަކީ ޕާޓީގެ އަސާސީ ގަވއިާދާ ހިލާފު ކަމެކެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މި މައްސަލާގައި "މިހާރު" އަށް ވިދާޅުވި ގޮތުގައި، ފަސްޓް ލޭޑީ މަސައްކަތްޕުޅު ކުރައްވަނީ އަމިއްލަ އޮފީހެއް ހައްދަވައިގެން، ޕީޕީއެމާއި ރައީސް ޔާމީނަށް ތާއީދު ހޯއްދެވުމަށެވެ. އެއީ ޕާޓީގެ ނަމުގައި އެކަމަނާ ކުރައްވާ ކަމެއް ނޫން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަމިއްލަ އޮފީހެއް ހައްދަވައިގެން ސިޔާސީ އަދި އިޖުތިމާއީ ކަންކަން އެ ކުރައްވަނީ،" ރައީސް ޔާމީންގެ ކެމްޕެއިން އޮފީހަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ކުރެއްވި ޓުވީޓެއް.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ފަސްޓް ލޭޑީގެ މަސައްކަތްޕުޅަކީ ރައީސް ޔާމީނަށް ތާއީދު ހޯއްދަވައި ދެއްވުމުގެ އިތުރުން ޕީޕީއެމަށް މެމްބަރުން އިތުރު ކުރުމެވެ. އަދި ވަކި މަގާމެއްގައިި ހުންނަވާ ބޭފުޅެއްގެ އަނބިކަނބަލަކަށް ވުމުން، ސިޔާސީ އަދި އިޖުތިމާއީ ކަންކަމުގައި ހަރަކާތްތެރިވުން ގާނޫނު މަނާ ނުކުރާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ފަސްޓް ލޭޑީ އިސްކޮށް ހުންނަވައިގެން، ޕީޕީއެމާ އަލަށް ގުޅޭ އާންމު މެމްބަރުންގެ ފޯމުތައް ކެމްޕެއިން އޮފީހުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމުގެ ބަދަލުގައި، އެ ފޯމުތައް ހުށަހަޅަނީ ޕީޕީއެމްގެ އޮފީހަށެވެ. އަދި ޕީޕީއެމްގެ އާންމު ކޮންމެ މެމްބަރަކަށް ޕާޓީ ކުރިއެރުވުމަށް މަސައްކަތް ކުރުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ފަހަކަށް އައިސް ޕީޕީއެމުން ބާއްވާ ބައެއް ޖަލްސާތަކާއި ހަރަކާތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަނީ ފަސްޓް ލޭޑީ އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ބަޔަކަށް ހަޖަމް ކުރަން ކިތަންމެ އުނދަގޫވިޔަސް، މި ގައުމު ދުށް އެންމެ ހަރަކާތްތެރި އަދި އޯގާތެރި ފަސްޓް ލޭޑީ އަކީ ފާތުމަތު އިބްރާހިމެވެ.

މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ ރައީސްގެ އަނބިކަނބަލުންނަށް ދީފައިވާ "ފަސްޓް ލޭޑީ"ގެ މަގާމަކީ ޕާޓީގެ އޮނިގަނޑުގައި އޮންނަ މަގާމެއް ނޫން ކަމަށެވެ.

ފަސްޓް ލޭޑީ އަކީ ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގައި ވެސް ވަކި މަސްއޫލިއްޔަތުތަކެއް ހަވާލު ކޮށްފައިވާ މަގާމެއް ނޫން ކަމަށާއި އެއީ ރައީސްގެ އަނބިކަނބަލުންނަށް އިހުތިރާމް ކުރުމުގެ ގޮތުން ބޭނުން ކުރާ ލަގަބެއް ކަމަށް ބަޔާނުގައިވެ އެވެ.

އަބްދުއްރަހީމް ކުރެއްވި ޓުވީޓެއް.

އެ ބަޔާނުގައި ބުނީ ޕީޕީއެމްގެ ތެރޭގައި ބައިބައިވުމެއް ނެތް ކަމަށް އެ ޕާޓީގެ ބައެއް އިސް ބޭފުޅުންތަކެއް ވިދާޅުވުމަކީ ރައްޔިތުންނަށް ހަގީގަތް އޮޅުވައިލުން ކަމަށެވެ. އެކަމަކު ޕީޕީއެމްގެ ތެރޭގައި ވަރަށް ބޮޑަށް ބައިބައި ވުން އުފެދިފައި ކަމަށް ބަޔާނުގައިވެ އެވެ.

ނަމަވެސް އެ ވާހަކަތަކަށް ރައްދު ދެއްވައި، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕީޕީއެމްގެ އެންމެ ވަރުގަދަ އެއް ގުނަވަނަކީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕެވެ. އެ ގޮތުން ރައްޔިތުންގެ މަޖިލިހުގައި ރައީސް ޔާމީނަށް ތާއީދުކުރާ 40 އަށް ވުރެ ގިނަ މެމްބަރުން ތިއްބެވިކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކޮންމެ މެމްބަރެއްގެ ފަހަތުގައި 5،000 އެއްހާ މީހުން އެބަތިބި. އެހެންވީމަ ޕީޕީއެމްގެ ތެރޭގައި ބައިބައިވުމެއް އޮތޭ ކިޔައިގެން ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.