Roadha Mihaaru
މަންޗިނީ ސައުދީ ޓީމަށް، މުސާރަ އަހަރަކު 27 މިލިއަން

މަންޗިނީ ސައުދީގެ ގައުމީ ޓީމަށް، މުސާރައަށް އަހަރަކު 27 މިލިއަން ޑޮލަރު

28 އޯގަސްޓް 2023

ރިޔާދް (އޯގަސްޓް 28) - އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް އިޓަލީ އަށް ކާމިޔާބުކޮށް ދިން ރޮބާޓޯ މަންޗިނީ ސައުދީ އަރަބިއާގެ ގައުމީ ޓީމާ ހަވާލުވާން އެއްބަސްވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރިޔާދް (އޯގަސްޓް 28) - އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް އިޓަލީ އަށް ކާމިޔާބުކޮށް ދިން ރޮބާޓޯ މަންޗިނީ ސައުދީ އަރަބިއާގެ ގައުމީ ޓީމާ ހަވާލުވާން އެއްބަސްވެއްޖެ އެވެ.

ވަރުގަދަ ފުޓްބޯޅަ ލީގެއް ބައްޓަން ކުރަމުން އަންނަ ސައުދީ އަރަބިއާގެ ގައުމީ ޓީމުގައި މަންޗިނީގެ އެންމެ ފުރަތަމަ ޓާގެޓަކަށް ވަނީ އަންނަ އަހަރު ގަތަރުގައި ބާއްވާ އޭޝިއަން ކަޕް ޗެމްޕިއަންކަން ހޯދައި ދިނުމެވެ.

އޭޝިއަން ކަޕްގެ ތިން ފަހަރު ހޯދާފައިވާ ސައުދީ އާއެކު މަންޗިނީ އެއްބަސްވުން ހަދަނީ 2027 ގެ ނިޔަލަށެވެ. އެހެންވެ 2026 ގައި ބާއްވާ ވޯލްޑް ކަޕުގައި ވެސް ރަނގަޅު މަގާމަކަށް ސައުދީ ގެންގޮސް ދިނުމަކީ އޭނާ އަށް އޮތް އެންމެ ބޮޑު މަސައްކަތަކަށް ވާނެ އެވެ.

ސައުދީ އަރަބިއާގެ ސްޕޯޓްސް މިނިސްޓްރީން ސޯޝަލް މީޑީއާގައި ހިއްސާ ކުރި މަންޗިނީގެ ފޮޓޯ

ސައުދީ އަރަބިއާގެ ސްޕޯޓްސް މިނިސްޓްރީން ސޯޝަލް މީޑީއާގައި ހިއްސާ ކުރި މަންޗިނީގެ ފޮޓޯ

މިއަދު ރިޔާދްގައި އޭނާ އާއެކު ސައުދީގެ އެފްއޭއިން އެއްބަސްވުން ހަދާނެ އެވެ. އޭނާ އަށް މުސާރައިގެ ގޮތުގައި އަހަރަކު 27 މިލިއަން ޑޮލަރު ސައުދީގެ އެފްއޭއިން ދޭނެ އެވެ. އެ ޓީމުގައި މަންޗިނީގެ ފުރަތަމަ މެޗަކަށް ވާނީ އަންނަ މަހު ކޮސްޓަރިކާ އާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗެވެ.

މި މަހު އިޓަލީގެ ގައުމީ ޓީމުން އޭނާ އިސްތިއުފާ ދިނުމުން، އެ ގައުމުން ވަނީ ނަޕޯލީގެ ކުރީގެ ކޯޗު ލޫސިއާނޯ ސުޕަލޭޓީ ގައުމީ ޓީމަށް ހަމަޖައްސައިފަ އެވެ. ޔޫރޯ ކާމިޔާބުކޮށް ދެވުނަސް، މިދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިކޮށް ނުދެވުމުން މަންޗިނީ އަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވި އެވެ.

ޔޫރަޕްގެ ފުޓްބޯޅައިގެ މިހާރުގެ ގަދަ ބާރު މެންޗެސްޓާ ސިޓީ އަށް އިނގިރޭސި ޕްރިމިއާ ލީގު އެންމެ ފުރަތަމަ ކާމިޔާބުކޮށް ދިން ކޯޗު މަންޗިނީ އާއެކު އިޓަލީގެ ކުޅުމުގެ ސްޓައިލަށް ބޮޑު ބަދަލެއް ގެނެ އެވެ. ކުރިން ޑިފެންސިވް އަދި ކައުޓަ އެޓާކުގައި ހަމަލާ އުފައްދާ ޓީމުގެ ކުޅުން މަންޗިނީ ބަދަލުކޮށްލީ ގިނަ ޕާސްތަކެއް ޖަހައިގެން ކުޅޭ ހަލުވި އެޓޭކިން ގޭމަކަށެވެ.