Roadha Mihaaru

ރިޔާސީ އިންތިހާބުގައި ނަހުލާ ވޯޓެއް ނުލައްވާ!

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި އެ ޕާޓީގެ ނައިބު ލީޑަރު އައިޝަތު ނަހުލާ އިންތިހާބުގައި ވޯޓު ލައްވާފައިނުވާ ކަން "މިހާރު" އަށް ޔަގީން ވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި ނަހުލާ ވޯޓެއް ނުލައްވާ!
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

11 ސެޕްޓެމްބަރ 2023

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި އެ ޕާޓީގެ ނައިބު ލީޑަރު އައިޝަތު ނަހުލާ އިންތިހާބުގައި ވޯޓު ލައްވާފައިނުވާ ކަން "މިހާރު" އަށް ޔަގީން ވެއްޖެ އެވެ.

މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރުކަން ވެސް ކުރައްވާ ނަހުލާ އިންތިހާބުގައި ވޯޓު ރެޖިސްޓާ ކުރައްވާފައި އޮތީ ގައުމީ ޔުނިވާސިޓީގައި ބެހެއްޓި ހއ. އަތޮޅު ވޯޓު ފޮއްޓަށެވެ. އޭނާގެ އުފަން ރަށަކީ ހއ. ހޯރަފުއްޓެވެ.

ނަހުލާ ވަނީ ގާސިމްގެ ކެމްޕެއިނުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންފަ އެވެ. ބައެއް ހަރަކާތްތައް އަމިއްލައަށް އިސްނަންގަވައިގެން ރޭއްވެވިއިރު، ކެންޑިޑެސީ ފޯމު ހުށަހަޅަން ގާސިމް ވަޑައިގަތް އިރު ވެސް އަރިހުގައި ނަހުލާ ވަޑައިގަތެވެ.

މީގެ 15 އަހަރު ކުރިން، 2008 ގައި އަމަލުކުރަން ފެށި އާ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ބޭއްވި ހަތަރު އިންތިހާބުގެ ތެރެއިން ގާސިމް ވާދަކުރެއްވި ތިން ވަނަ އިންތިހާބުގައި ގާސިމަށް 6،000 ވޯޓު ވެސް ލިބިވަޑައިނުގަނެ އެވެ. ސިޔާސީ މައިދާން ބައްޓަންކުރާ "ކިންގް މޭކާ" ގެ ގޮތުގައި ބެލެވިފައި އޮތް ގާސިމްގެ ޕާޓީގައި 22،607 މެމްބަރުން ތިބިއިރު، މި ނަތީޖާއަކީ ލަދުވެތި ނަތީޖާއެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަ ކުރަމުންނެވެ.

ގާސިމްގެ ކެންޑިޑެސީ ފޯމު ހުށަހަޅަން ވަޑައިގެންނެވި ދުވަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަނބިކަނބަލުން އައިޝަތު ނަހުލާ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ގާސިމްގެ ކެންޑިޑެސީ ފޯމު ހުށަހަޅަން ވަޑައިގެންނެވި ދުވަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަނބިކަނބަލުން އައިޝަތު ނަހުލާ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އިންތިހާބުގެ ނަތީޖާ އަށް ފަހު މިހާތަނަށް ޖުމްހޫރީ ޕާޓީއިން ރަސްމީކޮށް ވެސް އަދި އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކު ވެސް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

މިއީ، ރިޔާސީ އިންތިހާބުގައި ގާސިމަށް އެންމެ މަދުން ވޯޓު ލިބުނު ފަހަރެވެ. އެންމެ ފުރަތަމަ ބޭއްވި އިންތިހާބުގައި ޖޭޕީގެ ލީޑަރަށް 27،056 ވޯޓު (15.32 ޕަސެންޓް) ލިބިވަޑައިގަތެވެ. އޭގެ ފަހުން، 2013 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ގާސިމަށް 48،131 ވޯޓު (23.34 ޕަސެންޓް) ލިބިވަޑައިގަތެވެ.