Roadha Mihaaru
ކޯލިޝަން ހަދަން ޕީޕީއެމުން އެމްއާރުއެމްއާ މަޝްވަރާކޮށްފި

ކޯލިޝަން ހެދުމަށް ޕީޕީއެމުން އެމްއާރުއެމްއާ މަޝްވަރާކޮށްފި

13 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކޯލިޝަން ހަދަން ޕީޕީއެމުން އެމްއާރުއެމްއާ މިއަދު މަޝްވަރާކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކޯލިޝަން ހަދަން ޕީޕީއެމުން އެމްއާރުއެމްއާ މިއަދު މަޝްވަރާކޮށްފި އެވެ.

ޕީޕީއެމުން ބުނީ މި މަހުގެ 30 ވަނަ ދުވަހު ބާއްވާ އިންތިހާބަށް ގުޅިގެން މަސައްކަތް ކުރުމަށްޓަކައި، އެ އިންތިހާބުގައި ވާދަކުރެއްވި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫންގެ ޓީމާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި، އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސަށް ލިބިވަޑައިގަތީ 3,190 ވޯޓެވެ.

ޕީޕީއެމް/ޕީއެންސީގެ އިސްވެރިންނާއި އެމްއާރުއެމްގެ އިސްވެރިން ކޯލިޝަންގެ މަޝްވަރާތައް ކުރަނީ -- ޓްވިޓާ ފޮޓޯ: ފާރިސް

ޕީޕީއެމް/ޕީއެންސީގެ އިސްވެރިންނާއި އެމްއާރުއެމްގެ އިސްވެރިން ކޯލިޝަންގެ މަޝްވަރާތައް ކުރަނީ -- ޓްވިޓާ ފޮޓޯ: ފާރިސް

އެ ބައްދަލުކުރެއްވުމާ ގުޅޭގޮތުން، ފާރިސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިގުތިސޯދީ، އިޖްތިމާއީ އަދި ސިޔާސީ އިސްލާހުތައް ގެނައުމަށް އެ ޕާޓީން ގެންގުޅޭ ސިޔާސަތުތައް، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕާ ބައްދަލުކޮށް ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، ހިއްސާކޮށްފައިވާ ކަމަށެވެ.

ޑިމޮކްރަސީ ހަރުދަނާކުރުމަށާއި އަދުލު އިންސާފާއި ހަމަހަމަކަން އިތުރުކުރުމަށާއި ގައުމީ އެއްބައިވަންތަކަން އަދި އެއްބައިވަންތަކަން ގާއިމްކުރުމަށް ސިޔާސަތުތަކަކީ މުހިންމު ކަންތައްތަކެއް ކަމަށް ގަބޫލުކުރާ ކަމަށް ފާރިސް ކުރެއްވި ޓްވީޓުގައިވެ އެވެ.

މި އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރެއްވިއިރު، ލައްކައަކަށް ވުރެ ގިނަ ވޯޓާއެކު ކުރީގައި އުޅުއްވަނީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އޭނާއާ ދެން ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.