Roadha Mihaaru
ޒަހާ ވަކިކުރަން ހުށަހެޅީ ކޯލިޝަން ފިތުނަކުރަން

ޒަހާ ވަކިކުރަން ހުށަހެޅީ ކޯލިޝަން ފިތުނަކުރަން: އެމްއާރުއެމް

11 މާޗް 2021

ފިޝަރީޒް މިނިސްޓަރު ކަމުގައި ހުންނެވި އެމްއާރުއެމްގެ ޒަހާ ވަހީދު މަގާމުން ދުރުކުރަން އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވެއްދީ ވެރިކަން ހިންގާ ކޯލިޝަން ފިތުނަކުރަން ކަމަށް އެމްއާރުއެމުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފިޝަރީޒް މިނިސްޓަރު ކަމުގައި ހުންނެވި އެމްއާރުއެމްގެ ޒަހާ ވަހީދު މަގާމުން ދުރުކުރަން އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވެއްދީ ވެރިކަން ހިންގާ ކޯލިޝަން ފިތުނަކުރަން ކަމަށް އެމްއާރުއެމުން މިއަދު ބުނެފި އެވެ.

އިދިކޮޅުން ޒަހާގެ މައްސަލަ މަޖިލީހަށް ވެއްދީ 10 މެމްބަރު ސޮއިކުރައްވަ އެވެ. އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް މަޖިލީހުން ވަނީ ޒަހާ އަށް ފޮނުވައިފަ އެވެ.

ކޯލިޝަންގެ އެއް ލީޑަރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ އެމްއާރުއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ޒަހާ ވަކިކުރަން ޖެހޭ އަސާސެއް ނެތް ކަމަށެވެ. އެ ވޯޓާ ގުޅިފައި އޮތީ ކޯލިޝަން ބައިބައިކުރުން ކަމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ.

އެމްއާރުއެމުން ސިފަކޮށްފައިވާ ގޮތުގައި އެ މައްސަލަ ހުށަހަޅާފައިި ވަނީ ގައުމުގެ އިސް މަގާމްތަކުގައި އަންހެންނަށް ފުރުސަތުދެމުން އަންނާތީ އެކަމާ ދެކޮޅަށެވެ. މި ސަރުކާރުގެ ކެބިނެޓުގައި، ކޯލިޝަންގެ ސްލޮޓްތަކުގައި ޒަހާ އާ އެކު ހަތަރު ވަޒީރަކު އެބަތިއްބެވި އެވެ.

"ކޯލިޝަން ސަރުކާރުން ގައުމުގެ އިސް މަގާމުތަކުގައި އަންހެނުން ފުރުސަތު ދެއްވާފައިވާ އިރު އެކަމާ ހަސަދަވެރި އަންހެނުން ބާކީކޮށް ނިކަމެތި ކުރުމުގެ ވިސްނުން ގެންގުޅުއްވާ މަދު މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލްކުރައްވަން ތިއްބެވުމަކީ މި ޕާޓީން ނުހަނު ކަންބޮޑުވާ ކަމެކެވެ. ހިތާމަކުރާ ކަމެކެވެ،" އެމްއާރުއެމްގެ ބަޔާނުގައިވެ އެވެ.

"ގައުމުގެ ތަރައްގީއަށް އަންހެނުންގެ ހިއްސާ އިތުރުކުރުމަކީ ނުހަނު ބޭނުންތެރި ކަމަކަށްވާ އިރު މިނިސްޓަރު ޒަހާގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކީ އަންހެނުން ބާރުވެރިކުރުވުމާ ދެކޮޅަށް ކުރާ މަސައްކަތެކެވެ."

އެމްއާރުއެމުން ބުނީ ރައީސް ސޯލިހްގެ ކެބިނެޓުގައި، އެމަނިކުފާނުގެ ސިޔާސަތު ދަމަހައްޓަވައި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ޒަހާ ފާހަގަކޮށްލެވޭ ކަމަށެވެ. ކޯލިޝަން ފިތުނަކުރަން އުޅުނަސް އެ ޖާގައެއް އެމްއާރުއެމުން ވެސް ނުދޭނެ ކަމަށް ބަޔާނުގައިވެ އެވެ.

މެރިން ސައިންސް (ފިޝަރީސް ރިސޯސަސް މެނޭޖްމަންޓް) ދާއިރާ އިން މާސްޓާސް ޑިގްރީއަކާ އެކު ވަޒީރުކަމުގައި ޒަހާ މިހާތަނަށް ކާމިޔާބުކުރައްވާފައިވާ މަސައްކަތްތަކުގެ ތަފްސީލް އެމްއާރުއެމުން ވަނީ އާއްމުކޮށްފަ އެވެ. ފުރަތަމަ ކުރެއްވި ކަމަކީ 20 އަހަރަށް ވުރެން ގިނަ މުއްދަތެއް ހޭދަވެފައިވާ މަސްވެރިކަމުގެ ގާނޫނު ޒަމާނީ ގާނޫނަކަށް ބަދަލުކޮށް މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލެއްވުން ކަަމަށް އެމްއާރުއެމް އިން ބުނެފައިވެ އެވެ.

ކޮވިޑުގެ ދަތި ހާލަތުގައި ވެސް އިގްތިސާދީ މުހިއްމު ދެ ސިނާއަތް ކަމަށްވާ މަސްވެރިކަމާއި ދަނޑުވެރިކަން ހުއްޓުނަ ނުދީ ކުރިއަށް ގެންދެވޭނެ މަގު ފަހިކޮށްދެއްވި ކަމަށް ވިދާޅުވި އެވެ.

ޒަހާ މަގާމުން ދުރުކުރަން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ މަސްވެރިންނާއި މަސްވެރިންގެ އާއިލާތަކަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ފިޝަރީޒް މިނިސްޓްރީން ނުކުރާ ކަމަށާއި ދޭންޖެހޭ ހިދުމަތްތައް ވެސް ނުދެވޭ ކަމަށެވެ. އޭގެ އިތުރުން، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިނުދެވޭ ކަމަށާއި ސަރުކާރުން ވައުދު ވެފައިވާ ގޮތަށް ކަންނެލި ޖަގަހަތަކާއި ގޭދޮށު މަސް ފެކްޓަރީ ވެސް ގާއިމު ނުކުރެވޭ ކަމަށް އެ މައްސަލައިގައި ބަޔާންކޮށްފައި ވެ އެވެ.