Roadha Mihaaru
ގައުމު ކުރިއަރާނީ މިނިވަންކަން ދިންވަރަކުން: ރައީސް

ގައުމު ކުރިއަރާނީ މިނިވަންކަން ދިން މިންވަރަކުން: ރައީސް

15 ސެޕްޓެމްބަރ 2023

ގައުމު ކުރި އަރައިގެން ދާނީ ރައްޔިތުންނަށް މިނިވަންކަން ދިން މިންވަރަކުން ކަން ރާއްޖެ ޑިމޮކްރަސީ އަށް ކުރި ދަތުރުން ސާބިތުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ގައުމު ކުރި އަރައިގެން ދާނީ ރައްޔިތުންނަށް މިނިވަންކަން ދިން މިންވަރަކުން ކަން ރާއްޖެ ޑިމޮކްރަސީ އަށް ކުރި ދަތުރުން ސާބިތުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ރައީސް މިއަދު ފޮނުއްވި ހިތާބުގައި ވިދާޅުވީ ހަގީގީ ޑިމޮކްރަސީ އަކީ މަސްއޫލިއްޔަތުތަކާ އެކު ލިބިގެންދާ ޒިންމާދާރު ވާންޖެހޭ މިނިވަންކަން ކަމަށެވެ.

އުފާވެރިކަމާ އެކު ރައްޔިތުން ދިރިއުޅޭ މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ތަޅުދަނޑި އަކީ ޒަމާނީ ޑިމޮކްރެސީ ކަމަށާއި އެ އުފާވެރިކަން ރައްޔިތުންނަށް ލިބެނީ ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތަކުގައި ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކާއި ހައްގުތައް ކަށަވަރު ކޮށްދީގެން ކަމަށް ރައީސް ވިދާޅުވި އެވެ.

ގާނޫނުއަސާސީގައި އެ އުސޫލުތައް ކަނޑައަޅައި ތަންފީޒުކުރަން ފެށި ފަހުން ގައުމަށާއި ރައްޔިތުންނަށް ބޮޑެތި މަންފާތައް ލިބިއްޖެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ޑިމޮކްރަސީގެ މައިގަނޑު މަގްސަދަކީ ވެސް ރައްޔިތުންގެ މެދުގައި ތަފާތު ކުރުން ނުގެންގުޅުމާއި، ރައްޔިތުން ބާރުވެރި ކުރުވުމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިނުމެވެ.

މިހާތަނަށް ކުރެވުނު ތަޖުރިބާގައި، ހުޅުވާލާފައިވާ މުޖުތަމައެއްގައި މިނިވަންކަމާ އެކު ހިޔާލު ފާޅުކޮށް މައުލޫމާތު ބަދަލުކުރާ މިންވަރަކުން މުޖުތަމައެއްގެ އުޖާލާކަން އިތުރުވާ ކަމަށާއި ގައުމުގެ ކަންކަމާ މެދު ރައްޔިތުންގެ މެދުގައި މަޝްވަރާ އާއި ބަހުސްކުރެވޭ ވަރަކަށް ކަންކަމުގެ ހައްލު ހޯދޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުންމީދަކީ، ޑިމޮކްރެސީގެ މަގުގައި އަޅުގަނޑުމެން މިކުރާ ދަތުރުގައި، ދިވެހިރާއްޖެ އާއި އެންމެހައި ދިވެހިންނަށް ކާމިޔާބާއި ފާގަތިކަން ލިބިގެން ދިއުމެވެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ހިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޒަމާނީ ޑިމޮކްރަސީގެ އެންމެ އަސާސީ ރުކުނެވެ.

އެ ހައްގު އެންމެ ފުޅާ ދާއިރާއެއްގައި ލިބިފައި ވަނީ މިދިޔަ ފަސް އަހަރު ތެރޭގައި ކަމަށާއި ނޫސްވެރިކަން ކުރުމުގެ މިނިވަން މާހައުލެއް ރާއްޖޭގައި ގާއިމުކޮށްދީފައި އޮތުމުން ޑިމޮކްރެސީ އިތުރަށް ހަރުދަނާވެގެން ދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ ހައްގުގެ ބޭނުން ހިފާއިރު އެއީ ޒިންމާތަކަކާއި ވާޖިބުތަކަކާ އެކުގައި ލިބިގެންވާ ހައްގުތަކެއް ކަމަށް ގަބޫލު ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.