Roadha Mihaaru
"ޑިމޮކްރަސީގެ މަންފާ ހޯދަން ކޮވިޑުން ސަލާމަތްވާންޖެހޭ"

ޑިމޮކްރަސީގެ ފުރިހަމަ ފައިދާ ހޯދަން ކޮވިޑުން އަވަހަށް ސަލާމަތް ވާން ޖެހޭ: ރައީސް

15 ސެޕްޓެމްބަރ 2020

ޑިމޮކްރަސީގެ ފުރިހަމަ މަންފާ ހޯދުމަށް ކޮވިޑް-19 ގެ ނުރައްކަލުން ވީ އެންމެ އަވަހަކަށް މިންޖުވާން މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޑިމޮކްރަސީގެ ފުރިހަމަ މަންފާ ހޯދުމަށް ކޮވިޑް-19 ގެ ނުރައްކަލުން ވީ އެންމެ އަވަހަކަށް މިންޖުވާން މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގައި މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ޑިމޮކްރަސީގެ ދުވަހާ ގުޅިގެން އެމަނިކުފާނު ފޮނުއްވި ހިތާބުގައި ވިދާޅުވީ މުޅި ދުނިޔެ އަށް ވެސް ކުރިމަތިވެފައިވާ މި ބޮޑު ބަލިމަޑުކަމުގައި ރާއްޖެއިން އެންމެ ބޮޑު އިސްކަމެއް ދެނީ ކޮންމެ މީހަކަށް ވެސް ލިބިފައިވާ ފުރިހަމަ ސިއްހަތެއްގައި ދިރިހުރުމުގެ ހައްގަށް އުނިކަމެއް އަޔަނުދީ އެ ހައްގު ރައްކާތެރިކޮށްދިނުމަށް ކަމަށެވެ.

އެމަނިކުފާނު ވަނީ ޑިމޮކްރަސީގެ ފުރިހަމަ ފައިދާތައް ހޯދުމަށް ކޮވިޑްގެ ނުރައްކަލުން ވީހާ ވެސް އަވަހަކަށް މިންޖުވާން މަސައްކަތްކޮށް ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ފަރުދީ ޒިންމާ އިސްކޮށް އިޖުތިމާއީ ގައިދުރުކަމަށް އިސްކަންދިނުމަށް އެދިވަޑައިގެންފަ އެވެ.

ޗައިނާގައި މިދިޔަ ޑިސެމްބަރު މަހު ފެތުރެން ފެށި ކޮވިޑުގެ ސަބަބުން ރާއްޖެ އަށް ވެސް ވަނީ ބޮޑު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފަ އެވެ. ގާތްގަނޑަށް ހަތަރު މަސްވަންދެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، އިގުތިސޯދުގައި އެންމެ މުހިއްމު އެއް ދައުރު އަދާކުރާ ޓޫރިޒަމް އެއްކޮށް ހުއްޓިގެން ދިޔަ އެވެ. އޭގެ ސަބަބުން، ފަހުގެ ތާރީހެއްގައި ރާއްޖޭގެ އިގުތިސޯދަށް ނާންނަވަރުގެ ބޮޑު ލޮޅުމެއް އައިސްފައި ވެ އެވެ.

ރައީސް ވަނީ އިގުތިސޯދަށް ދިރުން ގެނައުމަށް ވެސް ކޮވިޑާ ދެކޮޅަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"މި ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާ މި ދަނޑިވަޅުގައި، ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ދައުލަތުގެ ހުރިހާ ގުނަންތައް އެކުގައި މަސައްކަތްކުރުމަށާއި ފަރުދީ ފެންވަރުގަ އާއި ޖަމާއަތުގެ ފެންވަރުގައި ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.

ޑިމޮކްރަސީ ދުވަހެއް ފާހަގަކުރުމުގެ މަގުސަދަކީ، ރައީސް ވިދާޅުވިގޮތުގައި، ދައުލަތް ހިންގުމުގެ ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުން ފުރިހަމައަށް އޮތްކަން ކަށަވަރުކުރުމާއި އެކަމަށް މަގުފަހިކޮށްދީ ދައުލަތް ހިންގުމުގެ ކަންކަން ނަޒާހަތްތެރިކަމާއެކު ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން ޒިންމާދާރުކަމާއެކު ކުރަމުން ގެންދިއުމަށް ބާރުއެޅުމެވެ.