Roadha Mihaaru
ރަނިއޭރީ ޕްރެޝަރުގައި، މޮރީނިއޯ ބޭނުމީ ގޯލުތަކެއް

ރަނިއޭރީ ޕްރެޝަރުގައި، މޮރީނިއޯ ބޭނުމީ ގޯލުތަކެއް

05 ފެބުރުއަރީ 2017

ލަންޑަން (ފެބްރުއަރީ 5) - ޕްރެޝަރުން އަރައިގަންނަށް ލެސްޓާ ސިޓީ އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ބުނިއިރު މިރޭ އެ ޓީމާ ދެކޮޅަށް ނުކުންނަ މެންޗެސްޓާ ޔުނައިޓެޑުގެ އަމާޒަކީ ގިނަ ލަނޑުތަކެއް ޖެހުން ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ފެބްރުއަރީ 5) - ޕްރެޝަރުން އަރައިގަންނަށް ލެސްޓާ ސިޓީ އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ބުނިއިރު މިރޭ އެ ޓީމާ ދެކޮޅަށް ނުކުންނަ މެންޗެސްޓާ ޔުނައިޓެޑުގެ އަމާޒަކީ ގިނަ ލަނޑުތަކެއް ޖެހުން ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ އަށް މި އަހަރު ވަނީ ގިނަ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. ލެސްޓާ މި ވަގުތު އޮތީ ކުޅުނު 23 މެޗުން ލިބުނު 21 ޕޮއިންޓާ އެކު ލީގުގެ 17 ވަނައިގަ އެވެ. ޔުނައިޓެޑް އެންމެ ފަހުން ލީގުގައި ކުޅުނު ތިން މެޗުން އެއްވަރުވިއިރު، އެ ޓީމަށް ޖެހިފައިވަނީ ދެ ލަނޑެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ބުނީ މޮޅަށް ކުޅެގެން ޕޮއިންޓް ނުލިބޭ ކަމަށާއި ޕޮއިންޓް ބޭނުން ނަމަ ލިބޭ ފުރުސަތުތަކުން ލަނޑު އިތުރުކޮށް މޮޅުވާން ޖެހޭ ކަމަށެވެ.

"ޓީމުގެ ފޯމު ރަނގަޅުވި ފަހުން އަހަރެމެންނަށް ދިމާވަނީ އެންމެ މައްސަލައެއް. އެއީ ލަނޑު ނުޖެހުމުގެ މައްސަލަ. އެކަން ރަނގަޅުކޮށްގެން ނޫނީ ކުރިއަށްދެވެން ނެތްކަން މިހާރު ޔަގީނާ ގާތަށް އެނގިއްޖެ،" މޮރީނިއޯ ބުންޏެވެ. "ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު މިއީ ގިނަ ލަނޑު ޖެހޭނެ ޓީމެއް."

ލެސްޓާގެ މާރޭޒް (ކ) ޔުނައިޓެޑްގެ ކެރިކް ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ލެސްޓާގެ މާރޭޒް (ކ) ޔުނައިޓެޑްގެ ކެރިކް ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

މިރޭގެ މެޗަށް ޔުނައިޓެޑް ނުކުންނައިރު އަނިޔާގެ ސަބަބުން އެ ޓީމުގެ ފިލް ޖޯންސް އަށް ނުކުޅެވޭނެ އެވެ. އެހެން ނަމަވެސް އެ ޓީމަށް ކުޅޭ އައިވަރީ ކޯސްޓުގެ ޑިފެންޑަރު އެރިކް ބެއިލީ ވަނީ މި މެޗަށް ފިޓްވެފަ އެވެ.

ޔުނައިޓެޑާ ދެކޮޅަށް ލެސްޓާ އިން އެންމެ ފަހުން ކުޅުނު 17 މެޗުގެ ތެރެއިން ލެސްޓާ މޮޅުވީ އެންމެ ފަހަރަކު އެވެ. އެއީ 2014 ވަނަ އަހަރު 5-3 އިން ލެސްޓާ ފަހަތުން އަރައި މޮޅުވި މެޗެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ލެސްޓާ އަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވެ އެވެ.

ރަނިއޭރީ ބުނީ ލެސްޓާ ކުރީގެ ހިތްވަރު ނެރެން މިރޭ ޔުނައިޓެޑް ބަލިކުރުން މުހިއްމު ކަމަށެވެ.

"މިއީ ވަކިވަކި ކުޅުންތެރިންނަށް އޮތް ޕްރެޝަރެއް ނޫން. މި ޕްރެޝަރުން އަރައިގަންނަށް މަސައްކަތް ކުރަންވީ އެންމެން އެކަތިގަނޑަކަށް ވެގެން. ޔުނައިޓެޑު އަތުން މޮޅުވެވިއްޖެނަމަ ކުރިޔަށްދާން ބޮޑު ހިތްވަރެއް ލިބިގެންދާނެ،" ފީފާއިން ހޮވި މިދިޔަ އަހަރުގެ މޮޅު ކޯޗުގެ މަގާމު ހޯދި ރަނިއޭރީ ބުންޏެވެ.

ލެސްްޓާ މިރޭގެ މެޗަށް ނުކުންނައިރު އަނިޔާގެ ސަބަބުން އެ ޓީމުގެ ދެ ފޯވާޑުން ކަމަށްވާ އިސްލާމް ސްލިމާނީ އާއި ލިއޮނާޑޯ އުޖޯއާ އަށް ނުކުޅެވޭނެ އެވެ.

ލެސްޓާ ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު އެވެ.