Roadha Mihaaru

ގޮނޑި ގެއްލޭ އިސްލާހު ބާތިލްކުރުމުގެ މައްސަލައިން ޑިމޮކްރެޓްސް ޕާޓީ ބޭރުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެނަމަ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް ވަނުމަށް ދަ ޑިމޮކްރެޓްސް ޕާޓީން ހުށަހެޅުމަށްފަހު އެ މައްސަލައިން ބޭރުވެއްޖެ އެވެ.

ގޮނޑި މައްސަލައިން ޑިމޮކްރެޓްސް ޕާޓީ ބޭރުވެއްޖެ
ނާޒިމް ހަސަން
ނާޒިމް ހަސަން

19 ފެބުރުއަރީ 2025

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެނަމަ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް ވަނުމަށް ދަ ޑިމޮކްރެޓްސް ޕާޓީން ހުށަހެޅުމަށްފަހު އެ މައްސަލައިން ބޭރުވެއްޖެ އެވެ.

ގާނޫނުއަސާސީ އަށް މިދިޔަ އަހަރު ގެނައި އިސްލާހު ބާތިލް ކުރަން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވަކީލް އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އެ މައްސަލައަށް ތަދައްހުލުވުމަށް އެމްޑީޕީގެ އިތުރުން ޑިމޮކްރެޓްސް ޕާޓީން ވެސް ހުށަހެޅި އެވެ.

ސުޕްރީމް ކޯޓުން ބުނީ ތަދައްހުލްވުމަށް ޑިމޮކްރަޓްސް ޕާޓީން ހުށަހެޅި ލިޔެކިޔުންތައް ފުރިހަމަ ކުރަން އެ ކޯޓުން އެ ޕާޓީއަށް އެންގުމުން އެކަން ފުރިހަމަ ކޮށްފައިނުވާ ކަމަށެވެ. އެހެންވެ، އެ މައްސަލާގައި މި ހަފުތާގައި ކުރިއަށް ގެންދިޔަ އަޑުއެހުންތަކުގައި އެ ޕާޓީގެ ފަރާތުން ބައިވެރިވެފައެއް ނުވެ އެވެ.

އެ މައްސަލައިން ޑިމޮކްރެޓްސް ބޭރުވެފައި ވާއިރު، އެ ޕާޓީގެ ރައީސް އިމްތިޔާޒު ފަހުމީ (އިންތި) ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދާދިފަހުން ވިދާޅުވެފަ އެވެ. އިންތި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީ ހެދުމާއި އިސްލާހު ކުރުމުގެ ބާރު އޮތީ ރައްޔިތުން ތަމްސީލު ކުރާ ރައްޔިތުންގެ މަޖިލީހަށް އެކަނި ކަމަށެވެ.

އެކަމަށް ބާރު ދެއްވުމުގެ ގޮތުން އެމެރިކާގެ މިސާލެއް ވެސް ގާނޫނީ ވަކީލް އިމްތިޔާޒު ދެއްކެވި އެވެ. އެއީ ބަނގުރާ މަނާކޮށް، އެމެރިކާގެ ގާނޫނުއަސާސީއަށް ގެނައި އިސްލާހަށް ފަހު ކަންވީ ގޮތެވެ. ބައެއް ރައްޔިތުންނަށް އެއީ މިނިވަން ކަމަށް ހުރަސްއެޅުން ކަމަށް ބެލެވުނު ނަމަވެސް، އެ އިސްލާހު އެގޮތުގައި އޮތްހާ ހިނދަކު އޮތީ ގާނޫނުއަސާސީގެ ބައެއްގެ ގޮތުގަ އެވެ.

އެކަން ބަދަލުކުރީ އެމެރިކާގެ ގާނޫނުއަސާސީއަށް އިތުރު އިސްލާހެއް ގާނޫނު ހަދާ މަޖިލީހުން ގެނައުމުންނެވެ.

"...މާނައަކީ ގާނޫނުއަސާސީ ހެދުމާއި އިސްލާހު ކުރުމުގެ ބާރު އޮތީ ހަމައެކަނި ގާނޫނު ހަދާ ބާރަށް ކަން،" އިމްތިޔާޒު ވިދާޅުވި އެވެ.

ނަމަވެސް، މިއީ މުޅި ޑިމޮކްރެޓްސް ޕާޓީގެ ވިސްނުމެއް ނޫނެވެ. އެ ޕާޓީގެ ބައެއް މެންބަރުން "މިހާރު" އަށް ވިދާޅުވި ގޮތުގައި ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ހަސަން ލަތީފް ހުންނެވިއިރު، ސުޕްރީމް ކޯޓުގައި އޮތް މައްސަލައަށް އެ ޕާޓީން ވަނުމަށް ނިންމި ނިންމުން އަދިވެސް އެގޮތުގައި ދެމި އެބައޮތް ކަމަށެވެ.

ޑިމޮކްރެޓްސް ޕާޓީން ވަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ބަޔާނެއް ވެސް ނެރެނެވެ. އަދި އެ ބަޔާނުގައި އިސްލާހު ބާތިލް ކުރަން ކޯޓަށް ހުށަހަޅަން ތާއިދުކުރާ ކަން ވެސް އޭރު ހާމަކޮށްފައިވެ އެވެ.