Roadha Mihaaru

ޗުއްޓީއަށް ސޮނާކްޝީ އަނެއްކާވެސް ރާއްޖެއަށް

ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ ޗުއްޓީއެއްގައި އަނެއްކާވެސް ރާއްޖެ އަތުވެއްޖެ އެވެ.

ޗުއްޓީއަށް ސޮނާކްޝީ އަނެއްކާވެސް ރާއްޖެއަށް
ފާތުމަތު އަނީސާ
ފާތުމަތު އަނީސާ

08 ފެބުރުއަރީ 2017

ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ ޗުއްޓީއެއްގައި އަނެއްކާވެސް ރާއްޖެ އަތުވެއްޖެ އެވެ.

ސޮނާކްސީ ކޮށްފައިވާ ޓުވީޓެއްގައި، އޭނާ ރާއްޖޭގައި ހުރިކަން ވަނީ ޔަގީން ކޮށްދީފަ އެވެ. ބެލެވޭ ގޮތުގައި އޭނާ ރާއްޖެ އައީ އިއްޔެ އެވެ. އަދިި ޗުއްޓީ ހޭދަކުރަމުންދަނީ ކޮކޯ ކަލެކްޝަންގެ ރިސޯޓެއްގަ އެވެ.

އޭނާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއިން ،ހަށިގަނޑަށް ގެނެސްފައިވާ ބޮޑު ބަދަލު ރަނގަޅަށް ހާމަވެ އެވެ. މީގެ ކުރިން ފަލަކަމުން ގިނަ ބަޔަކު މަލާމާތްކުރި ސޮނާކްޝީ މިހާރު ވަނީ އާދަޔާ ޚިލާފަށް ލޫޅާފަތިވެފަ އެވެ.

ސޮނާކްޝީ ހިތްހަމަޖައްސާލަން ރާއްޖެ އައިސްފައި މި ވަނީ އޭނާ އަލަށް ފަށާ "އިއްތިފާގު"ގެ ޝޫޓިން ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. ސިދާރްތު މަލްހޯތުރާއާ އެކު އޭނާ ކުޅޭ މި ފިލްމަކީ 1969 ވަނަ އަހަރު ހަމަ މި ނަމުގައި އުފެއްދި މާޑާ މިސްޓްރީއެއްގެ ރިމޭކް އެކެވެ.

މި ފިލްމުގެ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މުމްބައިގައި ވަނީ ފަށައިފަ އެވެ. ޖަރުމަނުގެ މަޝްހޫރު ސިނަމަޓޯގްރާފަރު މައިކަލް ލުކާ ވަނީ ފިލްމުގައި ސިދާރްތުގެ ސިފަ ބަހައްޓާނެ ގޮތެއް ނިންމަން ޓެސްޓްކޮށްފަ އެވެ.

ސޮނާކްޝީގެ ޓުވީޓް

ސޮނާކްޝީ މި ފިލްމުގައި ކުޅެނީ ކުރީގެ ފިލްމުގައި ނަންދާ އަދާކުރި ރޯލެވެ. ނަމަވެސް ކުރީގެ ފިލްމާއި މި ފިލްމުގައި ތަފާތު ތަކެއް ހުންނާނެ ކަމަށާއި އޭނާގެ ކެރެކްޓާގައި ވެސް ނެގެޓިވް ކަމެއް ހުންނާނެ ކަމަށް ދާދިފަހުން ސޮނާކްޝީ އިންޓަވިއުއެއްގައި ބުންޏެވެ.

ސޮނާކްޝީގެ މި ފިލްމުގެ ޝެޑިއުލް ފެށޭނީ ފެބްރުއަރީ 20ގަ އެވެ. ނަމަވެސް އޭނާ ރާއްޖޭން ފުރާ ދުވަހެއް އަދި ޔަގީނެއް ނުވެ އެވެ.

މީގެ ކުރިން ވެސް ސޮނާކްޝީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ. ބޮލީވުޑްގެ ތަރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރުން މި ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.