Roadha Mihaaru
އޭސީސީއަށް އެއްބާރުލުން ދިން މުވައްޒަފުންނަށް އަދަބުދީފި

އިންތިގާލީ އިންސާފުގެ އޮފީހުން އޭސީސީއަށް އެއްބާރުލުން ދިން ތިން މުވައްޒަފު ސަސްޕެންޑުކޮށްފި

15 ނޮވެމްބަރ 2023

އިންތިގާލީ އިންސާފުގެ އޮފީހާ ގުޅޭ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން އެ އޮފީހަށް އޭސީސީގެ ތަހުގީގު ޓީމު މިއަދު ދިއުމުން އެއްބާރުލުން ދިން އިސް ތިން މުވައްޒަފަކު ސަސްޕެންޑުކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އިންތިގާލީ އިންސާފުގެ އޮފީހާ ގުޅޭ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން އެ އޮފީހަށް އޭސީސީގެ ތަހުގީގު ޓީމު މިއަދު ދިއުމުން އެއްބާރުލުން ދިން އިސް ތިން މުވައްޒަފަކު ސަސްޕެންޑުކޮށްފި އެވެ.

އޭސީސީން ތަހުގީގު ކުރަމުން އަންނަނީ އެ ކޮމިޝަނުން ނިންމާފައިވާ ބައެއް ތަހުގީގުތަކުގެ ނިންމުންތައް ބަދަލުކުރި ކަމަށް ބުނާ މައްސަލައަކާއި އެހެން ބައެއް މައްސަލަތަކެވެ.

މައްސަލައިގެ ތަހުގީގަށް އޭސީސީގެ ތަހުގީގު ޓީމު އިންތިގާލީ އިންސާފުގެ އޮފީހަށް ދިއުމުން ޗީފް އޮމްބަޑްސްޕާސަން އަބްދުލްސަލާމް އާރިފް އަންގަވައިގެން ކަމަށް ބުނެ އެއްވެސް މައުލޫމާތެއް އަދި ޑޮކިއުމެންޓެއް ނުދީ މީޓިން ރޫމުގައި އެތައް އިރަކު ވަނީ އޭސީސީގެ ޓީމު ބައިތިއްބައިފަ އެވެ. އެއީ އޭސީސީގެ އަމުރުގެ ސައްހަކަމާ މެދު ސުވާލު އުފެއްދުމަށް ފަހުގަ އެވެ.

އެކަމަކު ބައެއް މުވައްޒަފުން ވަނީ އޭސީސީން އެދުނު ބައެއް ކަންކަން ކޮށްދީފަ އެވެ. އެގޮތަށް ކަންތައް ކުރުމުން ސަސްޕެންޑުކުރި އިސް މުވައްޒަފަކު "މިހާރު" އަށް ވިދާޅުވީ، އޭސީސީގެ ޓީމަށް ޖަވާބުދާރީވުމަށް ފަހު ނުކުތް އިރު، ދޮރުތަކުގެ އެކްސެސް ކަނޑާލައި އޮފީހުގެ އީމެއިލް ވެސް މެއިލް ބްލޮކްކޮށްލައި ކޮމްޕިއުޓަ ސިސްޓަމަށް ވެސް ނުވަދެވޭ ގޮތް ހަދާފައިވާ ކަމަށެވެ.

އެކަން އޭސީސީގެ ސަމާލުކަމަށް ގެނައުމުން ފަހުން ލިމިޓެޑް އެކްސެސްއެއް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަސްޕެންޝަން ޗިޓުގައި، އެ މުއްދަތުގައި އެކްސެސް ނޯންނާނެ ކަމަށް ލިޔެފައިވާ ކަމަށެވެ. އަދި ސަސްޕެންޝަންގެ މުއްދަތެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"އެނގިފައި އޮތް ގޮތުން ކަނޑާލަން ވެސް ނިންމާފައި އޮތީ، އެކަމަކު އަޅުގަނޑަކަށް ނޭނގޭ ކިހިނެއް ކަމެއް. މާދަމާއަކީ މި އޮފީހުގެ އެންމެ ފަހު ދުވަސް،" އޭނާ ވިދާޅުވި އެވެ.

އޭސީސީއަށް އެއްބާރުލުން ނުދިނީ އޭސީސީގެ އަމުރުގައި ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަނުވާތީ އާއި އެއީ ގާނޫނީ ގޮތުން ސައްހަ އަމުރެއް ކަމަށް ބެލޭނެ ގޮތެއް ނެތުމުން ކަމަށް ސަލާމް "މިހާރު" އަށް ވިދާޅުވި އެވެ.

"މިހާރު"އާ ވާހަކަ ދެއްކި މުވައްޒަފު ބުނި ގޮތުގައި މިހާތަނަށް ވެސް މައުލޫމާތު ދޭން އަންނަނީ ދެކޮޅު ހަދަމުންނެވެ.

ކުރީގެ އެކި ސަރުކާރުތަކުން، ނިޒާމީ ގޮތެއްގައި މީހުންގެ ހައްގުތަކަށް އަރައިގަނެ އަނިޔާވެރިވެފައިވާ ކަމަށް ބުނާ މައްސަލަތަކަށް އިންސާފު ހޯދައިދޭން އުފެއްދި އިންތިގާލީ އިންސާފުގެ އޮފީހުގެ ދައުރު ހުކުރު ދުވަހު ހަމަވާއިރު އެތަނުން އެކަށީގެންވާ މަސައްކަތެއް ނުކުރެވި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.