Roadha Mihaaru
އިންތިގާލީ އިންސާފަށް 10 މިލިއަން އިތުރުކުރަން އެދެފި

އިންތިގާލީ އިންސާފުގެ އޮފީހުގެ ބަޖެޓަށް 10 މިލިއަން ރުފިޔާ އިތުރުކޮށްދޭން އެދެފި

15 ނޮވެމްބަރ 2021

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތައް އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމުމަށްޓަކައި، އެ އޮފީހުގެ ބަޖެޓަށް 10 މިލިއަން ރުފިޔާ އިތުރުކޮށްދިނުމަށް މިއަދު އެދެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތައް އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމުމަށްޓަކައި، އެ އޮފީހުގެ ބަޖެޓަށް 10 މިލިއަން ރުފިޔާ އިތުރުކޮށްދިނުމަށް މިއަދު އެދެފި އެވެ.

ދައުލަތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ދިރާސާކުރުމަށް ބޭއްވި ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް ވިދާޅުވީ މުވައްޒަފުންނާއި ވަސީލަތްތަކުގެ ދަތިކަން އެ އޮފީހަށް ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށާއި ގާނޫނުގެ ދަށުން އެ އޮފީހަށް ލިބިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމަން ބަޖެޓް ބޮޑުކުރަން ޖެހޭ ކަމަށެވެ.

ކުރިއަށް އޮތީ އެ އޮފީހުން ކުރާ މަސައްކަތްތަަކުގެ އެންމެ އުނދަގޫ މަރުހަލާ ކަމަށްވާ މައްސަލަ ތަހުގީގުކުރުމާއި ސުލްހަކުރުމުގެ މަރުހަލާ ކަމަށް ވުމުން، މުވައްޒަފުންނާއި ވަސީލަތްތަކުގެ ދަތިކަމަށް ހައްލެއް ނުލިބި، މި މަރުހަލާތުގައި ވަރަށް ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އޮފީހުގައި ޖުމްލަ ހަ އިންވެސްޓިގޭޓަރުން ތިބީ. އެއީ ލީޑް އިންވެސްޓިގޭޓަރުން ވެސް ހިމަނައިގެން. ކޮންމެ އިންވެސްޓިގޭޓަރެއްގެ ބޮލަކަށް އެބަ ޖެހޭ 80 އެއްހާ މައްސަލަ،" އަބްދުއްސަލާމް ވިދާޅުވި އެވެ.

އެ އޮފީހަށް 487 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 449 މައްސަލައެއް ބަލަން ވަނީ ނިންމައިފަ އެވެ. މައްސަލަތައް ބަލައި ނިންމަން ބާކީ އަހަރަކަށް ވުރެ ކުޑަ ދުވަސްކޮޅެއް އޮތުމުން، އެހާ ގިނަ އަދަދެއްގެ މައްސަލަތައް، މަދު މުވައްޒަފުންތަކާ ބަލާ ނިންމަން އުނދަގޫވާނެތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ރާއްޖޭގެ ފަސް ވެރިކަމެއްގައި ދިވެހިންނަށް ލިބުނު އަނިޔާތައް ބެލުމަށް ގާނޫނަކުން ބޮޑެތި ބާރުތަކެއްދީ، އުފެއްދި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް، ދައުލަތުން އަންނަ އަހަރަށް ކަނޑައަޅާފައި ވަނީ 15 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ދައުލަތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ދިރާސާކުރުމަށް ރައްޔިތުން މަޖިލީހުގެ ބަޖެޓް ކޮމިޓީން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރުން.-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ދިރާސާކުރުމަށް ރައްޔިތުން މަޖިލީހުގެ ބަޖެޓް ކޮމިޓީން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރުން.-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

"މިދިޔަ އަހަރާއި މި އަހަރު ދައުލަތުން އަޅުގަނޑުމެންނަށް ދޫކޮށްފައިވާ ބަޖެޓުގެ ބޮޑު ބައެއް ހޭދަވީ މުވައްޒަފުންގެ ހަރަދާއި އިދާރީ ކަން ކަމަށް. އަޅުގަނޑުމެން މަސައްކަތާ ގުޅިގެން ކުރަން ޖެހޭ އިންވެސްޓިގޭޝަން ދަތުރުތަކާއި ފަންނީ މާހިރުން ހޯދުމާއި ވިކްޓިމް ސަޕޯޓްދިނުމާއި ޕަބްލިކް ހިއަރިން ބޭއްވުމާއި ދިރާސާތައް ކުރުމަށް އެކަށީގެންވާ ބަޖެޓެއް ލިބިފައެއްނުވޭ،" އަބްދުއްސަލާމް ވިދާޅުވި އެވެ.

ބަޖެޓަށް އިތުރުކޮށްދޭން އެދުނު އަދަދުތައް

- އިތުރަށް ބޭނުންވާ 8 މުވައްޒަފުންނަށް 3 މިލިއަން ރުފިޔާ

- އިންޓާނުންގެ ގޮތުގައި ނަގާ 6 މުވައްޒަފުންނަށް 475،000ރ.

- އިންވެސްޓިގޭޝަން ދަތުރުތަކަށް 367،000ރ.

- ފަބްލިކް ހިއަރިންތަަކަށް 1.1 މިލިއަން ރުފިޔާ

- ވިކްޓިމް ސަޕޯޓަށް 84،000ރ.

- މުވައްޒަފުންނަށް ހާއްސަ ތަމްރީނުތައް ދިނުމަށް 278،000ރ.

- ދިރާސާތައް ހެދުމަށް 3.2 މިލިއަން

- އާންމުން ހޭލުންތެރިކުރުމަށް 260،000ރ.

- އޮފީހުގެ ޖާގަ އިތުރުކުރުމަށް 600،000ރ.

އެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ބޯހިޔާވަހިކަމާ ގުޅޭ މައްސަލަތަކެވެ. އެއީ 172 މައްސަލައެކެވެ. އަދި 156 މައްސަލައަކާ އެކު ދެން އެންމެ ގިނައީ މަސައްކަތުގެ ހައްގާ ގުޅޭ މައްސަލަތަކެވެ.

މިދިޔަ އަހަރު ފާސްކޮށް، އަމަލުކުރަމުން އަންނަ އިންތިގާލީ އިންސާފުގެ ގާނޫނުގައި އޮތް ގޮތުން އެ ގާނޫނުގެ ދަށުން އިންސާފު ހޯދޭނީ ޖެނުއަރީ 1، 1953 އިން ނޮވެމްބަރު 17، 2018 އާ ހަމައަށް ހިންގާފައިވާ ކަން ކަމަށެވެ. އެ މުއްދަތުގައި ދައުލަތުންނާއި މުއައްސަސާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައިދިނުން ގާނޫނުން އެ އޮފީހަށް ލާޒިމްކޮށްފައިވެ އެވެ.