Roadha Mihaaru
މުއްދަތު ހަމަވަނީ, އިންތިގާލީ އިންސާފު ލިބުނީ ކާކަށް؟

މުއްދަތު ހަމަވަނީ, އިންތިގާލީ އިންސާފު ލިބުނީ ކާކަށް؟

04 އޮކްޓޯބަރ 2022

ވައުދަކީ 65 އަހަރުގެ އިންސާފު ހޯދައިދިނުމެވެ. ރައްޔިތުންގެ މަޖިލީހުން ގާނޫނު ފާސްކުރީ ވެސް އެ މުއްދަތުގައި ސަރުކާރުތަކުން ހިންގި އަނިޔާތައް ދެ އަހަރުގެ ތެރޭގައި ބަލައި ނިންމުމަށެވެ. އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމަށް އަރައިގަނެ ހިންގާފައިވާ މައްސަލަތައް ބަލަން އިންތިގާލީ އިންސާފުގެ އޮފީސް އުފެއްދީ ޑިސެމްބަރު, 17, 2020 ގަ އެވެ. މި އޮފީހުގެ ދައުރު ހަމަވާން ބާކީ އޮތީ ދެ މަހެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވައުދަކީ 65 އަހަރުގެ އިންސާފު ހޯދައިދިނުމެވެ. ރައްޔިތުންގެ މަޖިލީހުން ގާނޫނު ފާސްކުރީ ވެސް އެ މުއްދަތުގައި ސަރުކާރުތަކުން ހިންގި އަނިޔާތައް ދެ އަހަރުގެ ތެރޭގައި ބަލައި ނިންމުމަށެވެ. އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމަށް އަރައިގަނެ ހިންގާފައިވާ މައްސަލަތައް ބަލަން އިންތިގާލީ އިންސާފުގެ އޮފީސް އުފެއްދީ ޑިސެމްބަރު, 17, 2020 ގަ އެވެ. މި އޮފީހުގެ ދައުރު ހަމަވާން ބާކީ އޮތީ ދެ މަހެވެ.

ސަރުކާރަށް ނިސްބަތްކޮށް އަޑު ހަރުކޮށް އިއްވާ ސުވާލަކީ އެއްވެސް މީހަކަށް އިންސާފު ހޯދައި ދެވުނު ހެއްޔޭ އެވެ؟

ގާނޫނުގައި ފެންނަން އޮތީ, ދައުލަތުގެ މުއައްސަސާއަކުން ނުވަތަ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ކިބައިން ވެސް ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އަނިޔާގެ މައްސަލަތައް ބަލަން ބޮޑެތި ބާރުތަކެއް ދީފައިވާ ތަނެވެ. އެއީ އެކަންކަން ބަލައި އިންސާފާއި ބަދަލާ އެކު ރައްޔިތުންގެ އިތުބާރު ހޯދުމެވެ. އެކަމަކު މިހާތަނަށް ވެސް ޝަކުވާއަކީ އެ ބާރުވެރިކަމުން ރައްޔިތަކަށް އިންސާފުގެ ދޮރު ނުހުޅުވުމެވެ.

އިންތިގާލީ އިންސާފު ހޯދައިދޭން ވީ ވައުދު: މިއީ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނި ވައުދެއް.

އިންތިގާލީ އިންސާފު ހޯދައިދޭން ވީ ވައުދު: މިއީ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނި ވައުދެއް.

ގާނޫނު ހެދީ މާޒީގެ އަނިޔާތަކުގެ ފަތިފުށް ހާމަކުރުމުގެ ނިޔަތާ އެކުގަ އެވެ. ފުރަތަމަ ރައީސް, މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ވޭތުވެދިޔަ ހަތަރު ރައީސުންގެ ވެރިކަންތަކުގައި ހިނގި އަނިޔާ ބެލުމަށެވެ. މި މުއްދަތަށް އަމާޒުކޮށް ހުޅުވާލުމުން އޮމްބަޑްސްޕާސަންގެ އޮފީހަށް ގާތްގަނޑަކަށް 500 މައްސަލަ ހުށަހެޅި އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނާ ގޮތުން އޮމްބަޑްސްޕާސަންގެ އޮފީހުގެ ދައުރަކީ ގިނަވެގެން ދެ އަހަރެވެ. މި ކަންކަން އިސްލާހުކުރުމާ އެކު އޭގެ ފަހުން އޮފީސް އުވާލަން ޖެހެ އެވެ. މި މުއްދަތަށް ނުނިމިއްޖެ ނަމަ މަސައްކަތްތައް ނިންމާނެ ނިޒާމެއް ހަމަޖެއްސުމުގެ ބާރު އޮތީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ ބޭފުޅުންނާ ރައްޔިތުންގެ މަޖިލީހުގައި: ގިނަ މައްސަލަތައް ނިމުމަކާ ހިސާބުގައި ހުރި ކަމުގެ ޔަގީންކަން މި ބޭފުޅުން ދެއްވި.-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ ބޭފުޅުންނާ ރައްޔިތުންގެ މަޖިލީހުގައި: ގިނަ މައްސަލަތައް ނިމުމަކާ ހިސާބުގައި ހުރި ކަމުގެ ޔަގީންކަން މި ބޭފުޅުން ދެއްވި.-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގާނޫނުގެ ފަސް ވަނަ މާއްދާގެ ނ. ގައި ބުނެފައި ވަނީ "ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އޮމްބަޑްސްޕާސަންގެ އޮފީހުގެ މަސައްކަތްތައް ނިންމިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ގަބޫލުނުކުރެއްވޭ ނަމަ އެ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން އެ އޮފީހުގެ މަސައްކަތް ނިންމާނެ ނިޒާމެއް ރައީސުލްޖުމްހޫރިއްޔާ ގާއިމްކުރަންވާނެ" އެވެ.

އެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދަށް ބަލާ ނަމަ, އަންނަ ޑިސެމްބަރު މަހުގެ ކުރިން ހުރިހާ މައްސަލައެއްގައި އެންމެ ފުރިހަމައަށް އިންސާފަށް ވާސިލެއް ނުވެވޭނެ އެވެ. ހެއްކާއި ގަރީނާއެއް ނުލިބޭ ނުވަތަ މީހުންގެ ހެކި ބަހުން ވެސް ހަގީގަތަށް ވާސިލްނުވެވޭ މައްސަލަތައް އެބަހުއްޓެވެ. މުއްދަތު ހަމަވާއިރަށް ނުނިމޭ މި މައްސަލަތަކުގައި ދެން ހަމަޖައްސާނެ އިންތިޒާމެއް ސަރުކާރުން މިހާތަނަށް އާއްމެއް ނުކުރެ އެވެ.

ނިމުނީ ކިތައް މައްސަލަ؟

ގާނޫނު ބުނާ ގޮތުން މައްސަލަތައް ބަލައި އިންސާފާއި ކޯޓުތައް މެދުވެރިކޮށް ބަދަލު ހޯދައި ދިނުމުގެ އިތުރުން މާފްކުރުމާއި އެ އަނިޔާ އަލުން ތަކުރާރު ނުވާނެ ގޮތަކަށް ނިޒާމުގައި ހުރި ކަންކަން އިސްލާހުކުރަން ޖެހެ އެވެ.

އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެ މަގުސަދު ހާސިލްވާ ގޮތަށް މިހާތަނަށް ނިމުނީ ކިތައް މައްސަލަކަން ސާފުކޮށް އެ އޮފީހުން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު އެ އޮފީހުން ބުނީ ބައެއް މައްސަލަތައް ކާމިޔާބުކަމާ އެކު ނިންމާލެވި ރިޕޯޓް އެކުލަވާލުމާ ހިސާބުގައި ހުރި ކަމަށެވެ.

ނިޒާމީ ސިފައެއްގައި ރާވައި ހިންގި ކަމެއްގެ ސަބަބުން މީހުންގެ ހައްގުތައް ނިގުޅައިގަނެވި ލިބުނު އަނިޔާތަކަށް އިންސާފު ލިބެން ޖެހޭ މައްސަލަތައް ހުށަހަޅާފައިވެ އެވެ. މީގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ މައްސަލައެއްގައި ވެސް އެދިފައި ވަނީ އިންސާފު ހޯދައިދިނުމާ އެކު މާލީ ބަދަލެއް ނަގައިދިނުމަށެވެ.

ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް "މިހާރު" އަށް ވިދާޅުވީ ބައެއް މައްސަލަތަކުގައި މިހާރު ހުރީ ހުށަހެޅި މީހާ އާއި އެ ކަމެއް ނިސްބަތްވާ އިދާރާތަކާ ދެމެދު އެއްބަސްވުމަކާ ހިސާބަށް އާދެވިފައި ކަމަށާއި އޭގެ ތެރޭގައި ހައްގު ލިބެން ޖެހޭނެ ކަމަށް ނިމިފައިވާ މައްސަލަތައް ވެސް ހިމެނޭ ކަމަށެވެ.

ކަނޑައެޅި މުއްދަތަށް މައްސަލަތައް ނިންމުމުގައި ދިމާވި ގޮންޖެހުންތަކެއް އެބަހުއްޓެވެ.

ސަލާމް ވިދާޅުވީ ރާއްޖޭގައި ޓްރާންސިޝަނަލް ޖަސްޓިސްގެ އޮފީހެއް އަލަށް އުފެދިގެން މަސައްކަތް ކުރަން ފަށައި މައްސަލަތައް ތަހުގީގުކުރާ އިންވެސްޓިގޭޓަރުންގެ ދަތިކަން ކުރިމަތިވުމަކީ ބޮޑު ގޮންޖެހުމެއް ކަމަށެވެ. މައްސަލަތައް ނިންމަން ބޭނުންވާ ކޮންސަލްޓަންޓް ވެސް ލިބުނީ މި އަހަރުގެ މެދު ތެރޭގައި ކަމަށް ވިދާޅުވި އެވެ.

"ޗެލެންޖިން މަސައްކަތަކާ އަޅުގަނޑުމެން ހަވާލުވީ. އިންވެސްޓިގޭޓަރުންނަށް ވެސް ދިމާވި އެންމެ ބޮޑު ޗެލެންޖަކީ ހަގީގަތުގައި ބައެއް މައްސަލަތަކުގެ މައުލޫމާތު ނުލިބިގެން ދެން ކުރިއަށް ދާންވީ ކިހިނެއްތޯ, ހަމަ މިހެން ބަހައްޓައިގެން ތިބެންވީތޯ އުފެދުނު ސުވާލު," އޭނާ ވިދާޅުވި އެވެ.

ސަލާމް ވިދާޅުވި ގޮތުގައި މައުލޫމާތު ލިބިފައި ހުރި މިންވަރުން ރިޕޯޓް އެކުލަވާލުމަކީ މިހާތަނަށް ބޮޑަށް ބުރަވެވުނު ގޮތް ކަމަށް ވާތީ ބައެއް މައްސަލަތަކުގައި ކުރިއަށް ދަނީ ރިޕޯޓް އެކުލަވާލުމުގެ މަސައްކަތެވެ.

"އަޅުގަނޑުމެންނަށް ޔަގީންކަން އަބަދުވެސް އޮވޭ މައްސަލަތައް ނިންމޭކަން," އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓު ދިރާސާކުރުމަށް ރައްޔިތުން މަޖިލީހުގެ ބަޖެޓް ކޮމިޓީން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުމެއް.-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތުގެ ބަޖެޓު ދިރާސާކުރުމަށް ރައްޔިތުން މަޖިލީހުގެ ބަޖެޓް ކޮމިޓީން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުމެއް.-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އޭނާ ވިދާޅުވި ގޮތުގައި ބައެއް މައްސަލަތަކުގައި ހުރީ ހުށަހެޅި މީހާ އާއި އެ ކަމެއް ނިސްބަތްވާ އިދާރާތަކާ ދެމެދު ވަނީ އެއްބަސްވުމަކާ ހިސާބަށް އާދެވިފަ އެވެ. އޭގެ ތެރޭގައި ހައްގު ލިބެން ޖެހޭނެ ކަމަށް ނިމިފައިވާ މައްސަލަތައް ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

އެންމެން އެދުނު ބަދަލު ނަގައެއް ނުދެވޭނެ!

އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަތައް ހުށަހެޅި ގިނަ ބައެއްގެ އުއްމީދަކީ އަދުލުވެރި މާލީ ބަދަލެކެވެ. އެކަމަކު މުޅި ގާނޫނާއި އޮމްބަޑްސްޕާސަންގެ އޮފީހުގެ މަސައްކަތް ބިނާކޮށްފައި އޮތީ މައްސަލަތަކުގައި ބޮޑު ބަދަލެއް ނަގައިދިނުމަށް ވުރެން ސުލްހަވެރި ހައްލެއް ހޯދައިދޭން ކަމަށް ސަލާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ބެލި ގިނަ މައްސަލަތައް ހުރީ ވެސް ކަމާ ގުޅުން ހުރި މުއައްސަސާއަކާ އެކު އެ ސުލްހަ ހޯދައިދެވޭ ގޮތަށެވެ. ގިނަ މައްސަލަތައް ހުރީ ގިނަ މުއައްސަސާތަކުގެ ބައިވެރިވުމާ އެކު ހައްލަކާ ހަމައަށް ދެވޭ ގޮތަށް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ގޯހެއް ހިނގާފައި އޮތް ނަމަ, އޭނާ ވިދާޅުވި ގޮތުގައި, ސަރުކާރުގެ އިދާރާތަކުން ވެސް އެކަމަކަށް އެއްބަސްނުވާކަށް ނޫޅެ އެވެ.

"ގިނަ މައްސަލަތައް އެބަހުރި ބަދަލު ހޯދަން އެދި ހުށަހަޅާފައި. އެގޮތަށް އެދޭ އިރު ވެސް ގަބޫލުކުރަން ޖެހޭނެ އެއްވެސް ވަޔަލޭޝަން އަކީ އޭގެ ޒާތުގައި ބަދަލުދެވޭނެ ކަންކަމެއް ނޫން," އޭނާ ވިދާޅުވި އެވެ.

އެ އޮފީހުން ގަބޫލުކުރާ ގޮތުގައި ބަދަލު ނަގައިނުދީ ވެސް މައްސަލަތަކުގައި ފަރުވާ ހޯދޭނެ އެވެ. އޭގެތެރޭގައި ބޯހިޔާވަހިކަމުގެ ހައްގުތަކާއި ވަޒީފާ ގެއްލިގެން ހުށަހެޅި މައްސަލަތައް މިސާލެއްގެ ގޮތުގައި ނެންގެވި އެވެ.

ސަލާމް ވިދާޅުވި ގޮތުގައި އެ އޮފީހުން މަސައްކަތް ކުރަނީ ހުށަހެޅި މައްސަލަތަކުގެ ތެރެއިން ބަލަން ނިންމި 452 މައްސަލަ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށެވެ. ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ހިނގާ އެ އޮފީހުގެ މުއްދަތު ދަންމައިގެން ތިބުމުގެ ވިސްނުމެއް ނެތެވެ.

އަންނަ ޑިސެމްބަރު މަހާ ހަމައަށް ކޮންމެ މައްސަލައެއްގައި ވެސް އޮންނާނީ ސުލްހަވެރި ހައްލަކާ ހަމައަށް އާދެވިފައި ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ބޯހިޔާވަހިކަމާ ގުޅޭ މައްސަލަތަކުގައި ވެސް މިހާތަނަށް އެބަހުރި ސެޓްލްމަންޓަކަށް އާދެވިފައި," ސަލާމް ވިދާޅުވި އެވެ.

އޮމްބަޑްސްޕާސަން ޖިހާދާ އަނީސް ވިދާޅުވީ އެތައް ޒަމާނެއްވީ ތަކުލީފުތަކާ ގުޅޭ މައްސަލަތައް އެ އޮފީހަށް ހުށަހަޅައިގެން ނިމުމަކާ ހަމައަށް އާދެވިފައި ވުމަކީ ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

"ބައެއް މައްސަލަތަކުގައި ހުށަހަޅާފައި ހުރި ލިޔެކިޔުންތަކަށް ބަލާއިރު, ހައްގުތައް ނިގުޅައިގެންފައި ހުރި ކަމަށް ނުފެންނަ މައްސަލަތައް ވެސް އެބަހުރި ނިމިފައި. މި ގޮތަށް ހުރި މައްސަލަތަކުގައި ވެސް އަޅުގަނޑުމެން ދެކެނީ މުއައްސަސާތަކަށް ރެކޮމަންޑޭޝަނެއް ދެވިދާނެ ކަމަށް," ޖިހާދާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓާގެޓަކީ މުއްދަތަށް ނިންމައި ރިޕޯޓް އެކުލަވާލުމެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ މެމްމަބަރުން. -- ފޮޓޯ | މިހާރު

އިންތިގާލީ އިންސާފުގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ މެމްމަބަރުން. -- ފޮޓޯ | މިހާރު

ގާނޫނަކުން ބަލަން ނިންމި އަނިޔާގެ މާޒީއަށް އިންސާފު ހޯދައިދިނުމާ ހިސާބުގައިވާ ކަމުގެ ޔަގީންކަން އޮމްބަޑްސްޕާސަންގެ އޮފީހުން ދިނަސް ބޭނުންވި އެ އިންސާފާއި ބަދަލު ލިބުނުތޯ ނިންމާނީ މައްސަލަ ހުށަހެޅި ފަރާތްތަކުންނެވެ.

މި ގާނޫނު ފާސްކުރީ ގާނޫނަކުން ވަކި ބާވަތެއްގެ މައްސަލައެއް ތަހުގީގުކުރުމާއި އެފަދަ މައްސަލައެއް ކޯޓަށް ހުށަހެޅުން ފަދަ ކަންކަން ކުރެވޭނީ އެކަމެއް ހިނގިތާ ވަކި މުއްދަތެއްގެ ތެރޭގައި ކަމަށް ގާނޫނަކުން ކަނޑައެޅި އެ މުއްދަތުގެ ތެރޭގައި ހުށަނޭޅިގެން ނުބެލި ހުރި މައްސަލަތައް ބެލުމުގެ މަގެއް ފަހިކޮށްދިނުމަށެވެ. އެ މަގުން އިންސާފަށް ވާސިލްވެވިއްޖެ ހެއްޔެވެ؟ ވައުދު ފުއްދިއްޖެ ކަމުގެ ކަށަވަރުކަން ލިބިއްޖެ ހެއްޔެވެ؟

އޮމްބަޑްސްޕާސަންގެ އޮފީހުގެ ދައުރު ނިންމާލަން ޖެހިފައިވުމާ އެކު، ދެން އޮތީ ރައްޔިތުން އުފައްދާ ސުވާލަށް ސަރުކާރުން ޖަވާބުދާރީވުމެވެ. ނަތީޖާ ނެރެވުނު މަސައްކަތެއް ނަމަ އެ ޔަގީންކަން ދިނުމެވެ.