Roadha Mihaaru
އިންތިގާލީ އިންސާފު މައްސަލަ ނިންމަން ކޯޓަށް 18 މަސް

އިންތިގާލީ އިންސާފުގެ މައްސަލަތައް ކޯޓުން ނިންމަން 18 މަސް

02 ޑިސެމްބަރ 2021

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން ބަދަލު ހޯދަން ކޯޓަށް ހުށަހަޅާ މައްސަލަތައް ގިނަވެގެން 18 މަސް ދުވަހުގެ ތެރޭގައި ނިންމައި ހުކުމް ކުރަންޖެހޭނެ ކަމަށް އެ އޮފީހުގެ ގަވައިދުގައި ކަނޑައަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން ބަދަލު ހޯދަން ކޯޓަށް ހުށަހަޅާ މައްސަލަތައް ގިނަވެގެން 18 މަސް ދުވަހުގެ ތެރޭގައި ނިންމައި ހުކުމް ކުރަންޖެހޭނެ ކަމަށް އެ އޮފީހުގެ ގަވައިދުގައި ކަނޑައަޅައިފި އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން ބަދަލު ނަގައިދިނުމުގައި ކޯޓުތަކުން އަމަލުކުރާނެ އިޖުރާއަތާއި ބަދަލު ނަގައިދޭނެ އަދަދުތަކުގެ މިންގަނޑުތަކުގެ ގަވައިދު މިއަދު ގެޒެޓްކޮށްފައި ވާއިރު އޭގައިވާ ބުނެފައިވަނީ ގެއްލުމުގެ ބަދަލު ހޯދަން ދައުވާކުރަންވާނީ ކޮން ފަރާތަކަށްކަން ކަނޑައަޅާނީ އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އޮމްބަޑްސްޕާސަންގެ އޮފީހުން ކަމަށެވެ.

ދަައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ކިބައިން ބަދަލު ނަގައިދިނުމަށް އެދި ކޯޓަށް ހުށަހެޅޭނީ ބަންޑާރަނައިބަށެވެ.

އެ ލިޔުންތަކާ އެކު ކަނޑައަޅާފައިވާ ކޯޓަށް މައްސަލަ ހުށަހެޅުމުން 18 މަސް ދުވަހުގެ ތެރޭގައި އެ މައްސަލައެއް ބަލައި ނިންމައި ހުކުމް ކުރަންޖެހެ އެވެ.

ސީދާ ގެއްލުމުގެ ބަދަލު ނަގައިދޭނީ ތިން ވައްތަރެއްގެ ގެއްލުމަކަށެވެ. އެއީ މާލީގޮތުން ލިބިފައިވާ ސީދާ ގެއްލުމާއި ގުނަވަނެއް ނެތިދިއުން/ ދާއިމީކޮށް ގުނަވަނެއް މަސައްކަތް ނުކުރުން ނުވަތަ ދާއިމީ ޖިސްމާނީ ގެއްލުމެއް ލިބިގެންނެވެ. ދާއިމީކޮށް ނަފްސާނީ ގޮތުން ގެއްލުންވުން ނުވަތަ މަރުވުއްޖެ ނަމަ ވެސް ސީދާ ގެއްލުމުގެ ބަދަލު ނަގައިދޭނެ އެވެ.

އޭގެ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ބަލާނެ މިންގަނޑުތަކުގެ ތެރޭގައި ގެއްލުންވި ތާރީހުން ފެށިގެން މިއަދާ ހަމައަށް ހިނގި މުއްދަތާއި މުޖުތަމައުގައި އެ މީހެއްގެ މަގާމަށް އައި ބަދަލަށް ބަލާނެ އެވެ.

ގަވައިދުގައިވާ ގޮތުން، ނުސީދާ ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ދާއިރާތަކަކީ، ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުން ނުވަތަ ވަޒީފާގައި ކުރިން ހުރި މަގާމަށް ރުޖޫއަކޮށްދިނުމާއި ސިއްހީ ފަރުވާ ނުވަތަ ނަފްސާނީ ފަރުވާ ފޯރުކޮށްދިނުން އަދި ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ގެއްލުން ލިބުނު މީހާ މަރުވެފައިވަނީ ލިބުނު އަނިޔާގެ ސަބަބުންކަން ސާބިތުކޮށްދެވިއްޖެ ނަމަ، އަނިޔާ ލިބުނު ފަރާތުގެ ގާނޫނީ ބެލެނިވެރިޔާއަށް އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތީން މަރުގެ ދިޔަ ނަގައިދެވޭނެ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނު ފާސްކުރީ ރާއްޖޭގައި އެންމެ ފަހުން އޮތް ފަސް ވެރިކަމެއްގައި ދިވެހިންނަށް ލިބުނު އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ މަގުސަދުގަ އެވެ. ފުރަތަމަ މި ގާނޫނު ހުށައެޅި އިރު އޮތީ 2012 އިން، 2018 ގެ ނިޔަލަށް، ގަނޫނާ ހިލާފަށް މީހުންނާ ދެކޮޅަށް ހިންގާފައިވާ އަނިޔާތައް ބަލައި، އިންސާފު ހޯދައިނުމެވެ. އެކަމަކު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުން ނޮވެމްބަރު 29، 2020ގައި ގާނޫނު ފާސްކުރީ އެއަށް ވުރެ މާ ފުޅާކޮށް، 65 އަހަރުގެ މުއްދަތެއް ހިމަނައިގެންނެވެ.

އެ އޮފީހުން މިހާރު އަންނަނީ 400 އަށް ވުރެ ގިނަ މައްސަލަ ބަލަމުންނެވެ.