Roadha Mihaaru
އިންތިގާލީ އިންސާފުގެ އޮފީހުގެ ބީލަން ބާތިލުކޮށްފި

ފާޑުކިޔުން އަމާޒުވެ، އިންތިގާލީ އިންސާފުގެ އޮފީހުގެ ބީލަން ބާތިލުކޮށްފި

29 ޖޫން 2021

އައިކީއާ ބްރޭންޑުގެ ފަރުނީޗަރާއި ޒީނަތްތެރިކުރާ ސާމާނު ހޯދަން އިންތިގާލީ އިންސާފުގެ އޮފީހުން ބީލަމަށް ހުޅުވާލައި އެކަން އިއުލާނު ކުރުމުން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެ އިއުލާނު ބާތިލުކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އައިކީއާ ބްރޭންޑުގެ ފަރުނީޗަރާއި ޒީނަތްތެރިކުރާ ސާމާނު ހޯދަން އިންތިގާލީ އިންސާފުގެ އޮފީހުން ބީލަމަށް ހުޅުވާލައި އެކަން އިއުލާނު ކުރުމުން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެ އިއުލާނު ބާތިލުކޮށްފި އެވެ.

މި މަހުގެ 22 ވަނަ ދުވަހު އިންތިގާލީ އިންސާފުގެ އޮފީހުން ވަނީ، އެކި ވައްތަރުތަކުގެ މޭޒާއި، ގޮނޑި އާއި ބޮތްކާއި ކަބަޑު ހޯދަން އިއުލާނު ކޮށްފަ އެވެ. އޭގެ އިތުރުން، ޒީނަތްތެރި ކުރަން، އެކި ބާވަތްތަކުގެ އާޓިފިޝަލް ގަސްތަކާއި، ފާރުގައި ހަރުކުރާ ތަސްވީރުތައް ހޯދަން ހިމަނާފައިވެ އެވެ.

އެ އޮފީހުން ހޯދަން އިއުލާނު ކުރި ތަކެއްޗަކީ އައިކީއާ ބްރޭންޑުގެ ތަކެއްޗަށް ވާއިރު އެ ތަކެތީގެ ނަމާއި، ކެޓަލޮގް ނަމްބަރުތައް ވެސް އިއުލާނާއެކު އާންމު ކުރި ލިސްޓުގައި ހިމެނެ އެވެ.

އައިކީއާއިން ވިއްކާ ތަކެއްޗަކީ ބާޒާރުގައި ވިއްކާ އެހެން ތަކެއްޗަށް އަގުބޮޑު ތަކެއްޗަށް ވާތީ އާއި މި ބާވަތުގެ ތަކެތި ގަންނަނައިރު ވަކި ބްރޭންޑަކުން ވަކި ސްޕެސިފިކޭޝަނެއް ދީގެން ތަކެތި ގަތުމަކީ މާލިއްޔަތު ގާނޫނީ ފުށުއަރާ ކަމަކަށް ވާތީ އާންމުންގެ ފާޑުކިޔުން އަމާޒުވި އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން މިއަދު "މިހާރު" އަށް ބުނީ، އެ އިއުލާނު ބާތިލު ކުރީ އެ އިލާނާ ގުޅިގެން އެ އޮފީހަށް ލިބުނު ޝަކުވާތައް ބެލި ބެލުމުން، ދައުލަތުގެ މާލިއްޔަތު ގަވައިދާ ހިލާފު ކަންތައްތަކެއް އެ އިއުލާނުގައި ހުރިކަން ފާހަގަކުރެވިގެން ކަމަށެވެ. އެ ކަންކަން އިސްލާހު ކުރާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ހޯދަން އިއުލާނުކުރި އައިކީއާ ބްރޭންޑުގެ ބައެއް ތަކެތި --

އިންތިގާލީ އިންސާފުގެ އޮފީހުން ހޯދަން އިއުލާނުކުރި އައިކީއާ ބްރޭންޑުގެ ބައެއް ތަކެތި --

ދައުލަތުގެ މާލިއްޔަތު ގަވައިދުގައިވާ ގޮތުން، ސީދާ ވަކި ބްރޭންޑެއްގެ ވަކި އެއްޗެއް ގަންނަން ދައުލަތުގެ އިދާރާއަކަށް ބީލަމަށް ހުޅުވައެއް ނުލެވޭނެ އެވެ.

އެ ގަވައިދުގައިވާ ގޮތުން، ބީލަމެއްގައި ބޭނުންވާ ކަންތައްތައް ކަނޑައެޅުމުގައި އެކަމެއް ބުނެދެވޭނެ ނުވަތަ ތަފްސީލު ދެވޭނެ އެއްވެސް ގޮތެއް ނެތް ހިނދެއްގައި މެނުވީ، ވަކި ބްރޭންޑެއް، ޑިޒައިނެއް، ޓްރޭޑްމާކެއް، ވައްތަރެއް، އަސްލު އުފެއްދުން އުފައްދާ ފަރާތް ނުވަތަ ކެޓަލޮގަކަށް ރިއާއަތް ކޮށްގެން ނުވާނެ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނު ފާސްކޮށް، އިންތިގާލީ އިންސާފުގެ އޮފީސް އުފެއްދީ، ރާއްޖޭގައި އެންމެ ފަހުން އޮތް ފަސް ވެރިކަމެއްގައި ދިވެހިންނަށް ލިބުނު އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ މަގުސަދުގަ އެވެ. މިދިޔަ އަހަރު ފަހުކޮޅު އުފެއްދި އެ އޮފީހުގެ ޗީފް އޮމްބަޑްސްޕާސަންގެ މަގާމަށް ރައީސް އައްޔަން ކުރައްވާފައި ވަނީ އަބްދުއްސަލާމް އާރިފެވެ.