Roadha Mihaaru
އަމީނުގެ މައްސަލަ: މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

މުހައްމަދު އަމީނުގެ މައްސަލައިގައި އޮމްބަޑްސްޕާސަން އޮފީހުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

29 އޯގަސްޓް 2022

ދިވެހިރާއްޖޭގެ ފުރަތަމަ ރައީސް ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަށް އަނިޔާކޮށް ހައްގުތަކުން މަހްރޫމްކޮށްފައިވާ ކަމަށް ބުނެ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން ފޯކަސް ގްރޫޕް މަޝްވަރާއެއް މިއަދު ބާއްވައިފި އެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ރައީސް ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަށް އަނިޔާކޮށް ހައްގުތަކުން މަހްރޫމްކޮށްފައިވާ ކަމަށް ބުނެ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން ފޯކަސް ގްރޫޕް މަޝްވަރާއެއް މިއަދު ބާއްވައިފި އެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި މި މައްސަލަ ހުށަހެޅުއްވި ރައްޔިތުންގެ މަޖްލިސް މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އާއި ތާރީހު ދިރާސާކުރައްވާ ޑރ. ރަޝީދާ މުހައްމަދު ދީދީ އާއި އަމީނުގެ ދުވަސްވަރު ދުށް ބޭފުޅެއް ކަމަށްވާ އަބްދުއްސައްތާރު އިބްރާހީމް މަނިކާއި ދީނީ އިލްމުވެރިޔާ ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާން ހިމެނެ އެވެ. އަދި އަމީނުގެ އާއިލާގެ ފަރާތުން އެކިލެގެފާނުގެ ކާދަދަރިކަލުން، ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ބޮންޑޭ ހުށަހެޅުއްވި މައްސަލައިގައި އެދިފައިވަނީ 1953 ވަނަ އަހަރު އަމީނުގެ ވެރިކަން ވައްޓާލުމަށް ފަހު، އެމަނިކުފާނަށް ކުރި ބަޣާވާތުގެ ހުކުމް ބާތިލުކޮށްދިނުމަށެވެ.

"އަޅުގަނޑުމެން އެދޭ ފަރުވާއަކީ އަލް މަރްހޫމް މުހައްމަދު އަމީންއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގެ ހަގީގަތަކީ ކޮބައިކަން ސާފުކޮށްދިނުމާއި ޚާއިނެއް ކަމަށް ބުނެ އެ ބޭފުޅާގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކުރުމެވެ،" ބޮންޑޭ ހުށަހެޅުމުގައިވެ އެވެ.

މިއަދުގެ ބައްދަލުވުމުގެ ބޭނުމަކީ އެކަމަށް ވާސިލްވުމަށްޓަކައި ބޭނުންވާ މައުލޫމާތު އެއްކުރުމެވެ. އެނގިފައިވާ ގޮތުގައި މި ބައްދަލުވުމުންނާއި އެކިއެކި ފޮތްފޮތުންނާއި އެ ނޫން ވެސް ގޮތްގޮތުން ލިބޭ މައުލޫމާތުގެ އަލީގައި މިކަމާ ބެހޭ ގޮތުން ރިޕޯޓެއް ޝާއިއުކުރަން އެ އޮފީހުން ވަނީ ނިންމައިފަ އެވެ.

އަމީނުގެ ވެރިކަން ވައްޓައިލީ އެކިލެގެފާނުގެ ނާއިބް ރައީސް އިބްރާހީމް މުހައްމަދު ދީދީ އިސްވެ ހުންނަވައި ގެންނެވި އިންގިލާބެއްގައި އޮގަސްޓް 21، 1953 ގަ އެވެ. އޭރު އެކިލެގެފާނު ހުންނެވީ ބޭސްކޮޅަކަށް ވަޑައިގެން ސްރީ ލަންކާ ގަ އެވެ. އެނބުރި ރާއްޖެ ވަޑައިގަތުމުން އިންގިލާބުގެ ލީޑަރުން އަމީން ދޫނިދޫގައި ބަންދުކުރި އެވެ.

އަދި ވެރިކަން އަލުން ހޯއްދެއްވުމަށް މާލެ ވަޑައިގެން އުޅުއްވަނިކޮށް އެއް ރެއެއްގެ ދަންވަރު ހަވަރު އެއްވެ އަމީނަށް ހަމަލާދީ ޒަހަމްކޮށްލި އެވެ. އެ ހާލަތުގައި އޮއްވާ ޖެހިގެން އައި ދުވަހު ޝަރީއަތްކޮށް އަމީން ބަގާވާތްކުރި ކަމަށް ހުކުމްކޮށް އަރުވާލި އެވެ. އަވަހާރަވީ އެ އަނިޔާތަކުގެ ވޭނުގައި އުޅުއްވަނިކޮށް ކ. ވިހަމަނާފުށީގަ އެވެ.

ބޮންޑޭ ވަނީ އަމީނަށް އަނިޔާކުރި މީހުން ހޯދައި އެ އެންމެންނަށް އަދުލު އިންސާފުގެ ތެރެއިން ނިޔާއެއް ކަނޑައަޅަން ވެސް އެދިވަޑައިގެންފަ އެވެ. މީގެ އިތުރުން އަމީނުގެ ވެރިކަން ވައްޓައިލުމަށް ފަހު، އޭނާ އަށް ކުރި ހުކުމް، ރަސްމީ އެއްވެސް ލިޔެކިއުމަކުން ފެންނަން ނެތް ކަމަށް ވިދާޅުވެ، އެކަން ސާފުކޮށްދޭން ވެސް ބޮންޑޭ ހުށަހެޅުއްވި އެވެ.

މަޖިލީހުން 2020 ވަނަ އަހަރު ފާސްކޮށް، އަމަލުކުރަމުން އަންނަ އިންތިގާލީ އިންސާފުގެ ގާނޫނުގައި އޮތް ގޮތުން އެ ގާނޫނުގެ ދަށުން އިންސާފު ހޯދޭނީ ޖެނުއަރީ 1، 1953 އިން ނޮވެމްބަރު 17، 2018 އާ ހަމައަށް ހިނގާފައިވާ ކަންކަމަށެވެ.