Roadha Mihaaru
އިންތިގާލީ އިންސާފުން އޭސީސީއަށް އެއްބާރުލުމެއް ނުދިން

އޭސީސީގެ އަމުރާ މެދު ސުވާލު އުފައްދައި އިންތިގާލީ އިންސާފުގެ އޮފީހުން އެއްބާރުލުމެއް ނުދިން

15 ނޮވެމްބަރ 2023

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އަމުރުގެ ސައްހަކަމާ މެދު ސުވާލު އުފައްދައި އެ ކޮމިޝަނުން ބަލަމުން އަންނަ މައްސަލައަށް އެއްބާރުލުން ދޭން އިންތިގާލީ އިންސާފުގެ އޮފީހުން ދެކޮޅު ހަދައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އަމުރުގެ ސައްހަކަމާ މެދު ސުވާލު އުފައްދައި އެ ކޮމިޝަނުން ބަލަމުން އަންނަ މައްސަލައަށް އެއްބާރުލުން ދޭން އިންތިގާލީ އިންސާފުގެ އޮފީހުން ދެކޮޅު ހަދައިފި އެވެ.

އޭސީސީން ތަހުގީގު ކުރަމުން އަންނަނީ އެ ކޮމިޝަނުން ނިންމާފައިވާ ބައެއް ތަހުގީގުތަކުގެ ނިންމުންތައް ބަދަލުކުރި ކަމަށް ބުނާ މައްސަލައެއްގަ އެވެ. މި މައްސަލަތަކާއި އެތަނުގެ އެހެން ބައެއް މައްސަލަތައް މީގެ ކުރިން ވެސް އޭސީސީއަށް ބައެއް ފަރާތްތަކުން ހުށަހަޅާފައިވާކަން ވަނީ އެނގިފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގެ އެ މައްސަލައިގެ ތަހުގީގަށް އޭސީސީގެ ތަހުގީގު ޓީމު އިންތިގާލީ އިންސާފުގެ އޮފީހަށް ދިއުމުން އެއްވެސް މައުލޫމާތެއް އަދި ޑޮކިއުމެންޓެއް ނުދީ މީޓިން ރޫމުގައި އެތައް އިރަކު ވަނީ ބައިތިއްބާފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އެއީ ޗީފް އޮމްބަޑްސްޕާސަން އަބްދުލްސަލާމް އާރިފް އަންގަވައިގެން ކަމަށް އެ އޮފީހުގެ މުވައްޒަފުން ވަނީ އޭސީސީގެ ޓީމަށް އަންގައިފަ އެވެ. މިހާރު ބިއުރޯގެ ބައެއް ތަންތަނަށް އެކްސެސް ދީފައި ވިޔަސް، މައްސަލައާ ގުޅޭ އެއްވެސް ތަނަކަށް އޭސީސީއަށް ވަދެވޭ ގޮތް ވަނީ ނުވެފަ އެވެ.

އެ ތުހުމަތުތަކާ ގުޅިގެން "މިހާރު" އިން ސުވާލުކުރުމުން ސަލާމް ވިދާޅުވީ، އޭސީސީގެ އަމުރުގައި ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަނުވާ ކަމަށާއި އެއީ ގާނޫނީ ގޮތުން ސައްހަ އަމުރެއް ކަމަށް ބެލޭނެ ގޮތެއް ނެތް ކަމަށެވެ.

އެއްވެސް ލިޔެކިޔުމެއް ދޭން ދެކޮޅުނުހައްދަވާ ކަމަށާއި، އަމުރު ރަނގަޅު ކޮށްގެން އައުމަށް އޭސީސީއަށް އަންގާފައިވާނެ ކަމަށް ސަލާމް ވިދާޅުވި އެވެ.

"އެ ބޭފުޅުން އަދިވެސް އެބަ ތިއްބެވި، ދެން ކުރައްވާ ކަމެއް ކުރައްވާނެތާ. އެއްވެސް ޑޮކިއުމެންޓެއް ނުދޭކަށް ނޫން، އަޅުގަނޑުމެން ވެސް ލީގަލީ ޖަވާބުދާރީވާން ޖެހޭ ޖެހޭތީ [ނުދެވިގެން]،" ސަލާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގިނަ ލިޔެކިޔުންތަކަކީ އިތުރު ފަރާތަކާ ގުޅޭ ޒާތީ މައުލޫމާތުތަކެއް ހިމެނޭތީ، އެ ލިޔުންތައް ހިއްސާކުރުމުގެ ކުރިން މައްސަލަ ހުށަހެޅި ފަރާތުގެ ހުއްދަ ވެސް ބޭނުންވާނެ ކަމަށެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ ދައުރު ހުކުރު ދުވަހު ހަމަވާއިރު އެތަނުން އެކަށީގެންވާ މަސައްކަތެއް ނުކުރެވި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އިންތިގާލީ އިންސާފުގެ ގާނޫނު ފާސްކުރީ ރާއްޖޭގައި އެންމެ ފަހުން އޮތް ފަސް ވެރިކަމެއްގައި ދިވެހިންނަށް ލިބުނު އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ މަގުސަދުގަ އެވެ. ފުރަތަމަ މި ގާނޫނު ހުށައެޅި އިރު އޮތީ 2012 އިން، 2018 ގެ ނިޔަލަށް، ގަނޫނާ ހިލާފަށް މީހުންނާ ދެކޮޅަށް ހިންގާފައިވާ އަނިޔާތައް ބަލައި، އިންސާފު ހޯދައިނުމެވެ. އެކަމަކު މަޖިލިހުން ނޮވެމްބަރު 29، 2020ގައި ގާނޫނު ފާސްކުރީ އެއަށް ވުރެ މާ ފުޅާކޮށް، 65 އަހަރުގެ މުއްދަތެއް ހިމަނައިގެންނެވެ.