Roadha Mihaaru
ކޮމިޓީން ދިން ލަފަޔާ މެދު ކަންބޮޑުވޭ: ފުއާދު

އިންތިހާބާ ގުޅޭ ގޮތުން ކޮމިޓީން ދިން ލަފަޔާ މެދު ކަންބޮޑުވޭ: ފުއާދު

26 ނޮވެމްބަރ 2023

އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބު ރޯދައިގެ ފަހަށް ލަސް ކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިން ލަފަޔާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބު ރޯދައިގެ ފަހަށް ލަސް ކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިން ލަފަޔާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެ އެވެ.

ގާނޫނުގައި ބުނާ މުއްދަތުތަކާ އެއްގޮތަށް އީސީން ތާވަލު ކުރުމުން އިންތިހާބު އެންމެ އަވަހަށް ބޭއްވެނީ ރޯދަ މަހުގެ ފަހު 10 ފެށޭ ދުވަހަށެވެ. އެ ދުވަސްވަރަށް އޮފިޝަލުން ހޯދުމާއި ކެމްޕެއިން ކުރުމަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ބުނެ އެ ކޮމިޝަނުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އެދުނީ ގާނޫނީ ހައްލެއް ހޯދައި ދެއްވުމަށެވެ.

އެހެން ނަމަވެސް އެ ކޮމިޓީން މިއަދު އެރުވި ލަފާގައި ބުނެފައި ވަނީ ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތެއް ރޯދަ މަހަށް ފަހު ވެސް ލިބޭތީ ރޯދަ މަސް ނިމުމުން އެންމެ އަވަހަށް ބޭއްވޭ ތާރީހެއްގައި އިންތިހާބު ބޭއްވުމަށެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ ރޯދަ އަށް ފަހު އިންތިހާބު ބާއްވައިފި ނަމަ މުޅި ރޯދަ މަސް ތެރޭގައި މުއައްޒަފުން ތިބެން ޖެހޭނީ މަސައްކަތުގައި ކަމަށާއި ގިނަ ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.

މިދިޔަ ހައްޖުގެ ދުވަސްތަކާއި އީދު ދުވަސްތައް ވެސް އެ ކޮމިޝަންގެ މުއައްޒަފުން އެއްވެސް ބަންދެއް ނުލިބި މަސައްކަތުގައި އުޅުނު ކަމަށާއި ރޯދައިގެ ފަހު 10 ސަރުކާރު ބަންދު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމާފައިވާ އިރު އެ ފުރުސަތު ވެސް މުއައްޒަފުންނަށް ނުލިބޭނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

"މިހާރު ވެސް މި އުޅެނީ ސްޓާފުން ނުހިފެހެއްޓިގެން. ކުޑަ މުސާރައެއްގައި މުއައްޒަފުން ގެންގުޅެން ޖެހޭ އިރު މިފަދަ ނިންމުންތައް ނިންމުމަކީ ހަމަގައިމު ވެސް އަޅުގަނޑު ވަރަށް ކަންބޮޑުވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ރޯދައިގެ ފަހަށް އިންތިހާބު ބާއްވަން މަސައްކަތް ކޮށްފި ނަމަ ދިމާވާނެ މައްސަލަތައް އެ ކޮމިޓީ ބައްދަލުވުމުގައި ވެސް އީސީން ވަނީ ހިއްސާ ކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން އެ ކޮމިޝަންގެ ނައިބު ރައިސް އިސްމާއިލް ހަބީބް ވިދާޅުވި ގޮތުގައި ރޯދަ މަހަށް ފަހު ދެން އެންމެ އަވަހަށް އިންތިހާބު ބޭއްވޭނީ އީދު ތެރޭގަ އެވެ. އެހެންވެއްޖެ ނަމަ ވޯޓާސް ޓާންއައުޓް ވަރަށް ބޮޑަށް މަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ރޯދައިގެ ތެރޭ އިންތިހާބު ބޭއްވިޔަސް ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ފަހު ދެވަނަ ބުރެއް ބާއްވައިފި ނަމަ އެ މަސައްކަތް ނިންމާލެވޭނީ ދައުރު ހަމަވާން އެއް ދުވަހަށް ވެފައި އޮއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލާގައި އީސީން އެރުވީ ދެ ހައްލެކެވެ. އެއް ގޮތަކީ ގާނޫނުގައި ކެމްޕެއިން ކުރުމަށް ކެންޑިޑޭޓުންނަށް ދޭ 30 ދުވަހުގެ މުއްދަތު 20 ދުވަހަށް ކުރު ކޮށްލުމެވެ. އޭރުން ރޯދަމަސް ފެށުމުގެ ދެ ދުވަސް ކުރިން މާޗު ނުވައެއްގައި އިންތިހާބު ބޭއްވެ އެވެ.

ދެ ވަނަ ގޮތަކީ ގާނޫނުގައި ބުނާ 120 ދުވަހުގެ މުއްދަތު 140 އަށް އިތުރު ކޮށްދިނުމެވެ. އޭރުން އިންތިހާބުގެ މަސައްކަތް ކުރިން ފަށައި އަވަހަށް އިންތިހާބު ބޭއްވޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.