Roadha Mihaaru
"ސީއެޗްއެސްއީ ހުޅުމާލެއަށް ބަދަލުކުރުމަކީ ގޯހެއް"

ހުޅުމާލެއަށް ސީއެޗްއެސްއީ ބަދަލުކުރުމަކީ ވަރަށް ބޮޑު ގޯހެއް: މިނިސްޓަރު

29 ނޮވެމްބަރ 2023

މާލޭގައި ޒަމާންވަންދެން ހިންގި އޭ ލެވެލް ސްކޫލު، ސީއެޗްއެސްސީ ހުޅުމާލެއަށް ބަދަލުކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގައި ޒަމާންވަންދެން ހިންގި އޭ ލެވެލް ސްކޫލު، ސީއެޗްއެސްސީ ހުޅުމާލެއަށް ބަދަލުކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

އޭނާ "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ މިނިސްޓްރީގެ ޒަމާންވީ ސިޔާސަތަކީ އެ ކުއްޖަކު ދިރިއުޅޭ ތަނާ ވީހާ ވެސް ކައިރިން ތައުލީމް ފޯރުކޮށްދިނުން ކަމަށެވެ. ނަމަވެސް، ހުޅުމާލޭގައި އާބާދީ އިތުރުވަމުން ދިއުމަކީ، މާލޭގައި ގިނަ ދުވަސްވަންދެން ހިންގަމުން ދިޔަ ތައުލީމީ މަރުކަޒު ބަންދުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް، އާ ސަރުކާރުގެ މިނިސްޓަރު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި މަތީ ސާނަވީއަށް ކިޔަވައިދޭ ހަމައެކަނި ސްކޫލު، ސީއެޗްއެސްއީ މިހާތަނަށް ހިންގީ އަމީނިއްޔާ ސްކޫލުގެ ބިއްދޮށުގަ އެވެ. އެކަމަކު، އެ އިމާރާތް ބޭނުންކުރުން މިދިޔަ އޮގަސްޓް މަހު ހުއްޓާލުމަށް ފަހު، ސީއެޗްއެސްއީ ބަދަލުކުރީ ހުޅުމާލޭގައި އަލަށް ހެދި އިމާރާތަށެވެ.

މިނިސްޓަރު ވިދާޅުވީ މާލެއަކީ ކެޕިޓަލް ސިޓީއަށްވާއިރު، އެ ތަނުގައި އޭ ލެވެލް އަށް ކިޔަވައިދޭ ސްކޫލެއް ހުންނަން ޖެހޭނެ ކަމަށެވެ.

ނަމަވެސް، ސީއެޗްއެސްއީ ކުރިން ހިންގި އިމާރާތް އަމީނިއްޔާ އަށް ދޭން ނިންމާފައިވުމާ އެކު، ދެން ހުރި ކަންކަމަށް ބެލުމަށްފަހު ގޮތްތަކެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"..ހުޅުމާލޭގައި ދަނީ އާބާދުވަމުން. ހުޅުމާލޭގައި އޭ ލެވެލް ސްކޫލެއް ގާއިމްކުރުމަކީ، މާލެއިން މުޅިން ސަރުކާރުން ފޯރުކޮށްދޭ ތައުލީމުގެ ތެރެއިން އޭ ލެވެލް ސްކޫލު ދޫކޮށްލަންޖެހޭ ސަބަބެއް ކަމަށް ނުދެކެން،" އޭނާ ވިދާޅުވި އެވެ.

"މި ފުރަ މާލޭގައި އޭ ލެވެލްއަށް ކިޔަވާނެ ސްކޫލެއް ހަމަ ހުންނަން ޖެހޭނެ [ކަމަށް] ގަބޫލުކުރަނީ."

މިނިސްޓަރު ވިދާޅުވީ ރަސްމީ ތައުލީމް ފޯރުކޮށްދޭންޖެހޭ އުމުރަށް ވުމުން އެ ކުދިންނަށް ރައްކާތެރިކަމާއި ކިޔަވަން ހުޅުމާލެއަށް ދަތުރުކުރުމުގައި ގޮންޖެހުން ހުރި ކަމަށެވެ.