Roadha Mihaaru
ސީއެޗްއެސްއީގެ މާލޭގެ އިމާރާތުގައި އަލުން ކިޔަވައިދެނީ

ސީއެޗްއެސްއީގެ މާލޭގެ އިމާރާތުގައި އަލުން ކިޔަވައިދޭން ފަށަނީ

30 ޖޫން 2024

މާލޭގައި ޒަމާންވަންދެން ހިންގި އޭ ލެވެލް ސްކޫލް، ސީއެޗްއެސްއީގެ މާލޭގެ އިމާރާތުގައި އަލުން ކިޔަވައިދޭން ފަށަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މާލޭގައި ޒަމާންވަންދެން ހިންގި އޭ ލެވެލް ސްކޫލް، ސީއެޗްއެސްއީގެ މާލޭގެ އިމާރާތުގައި އަލުން ކިޔަވައިދޭން ފަށަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ފޭސްބުކްގައި މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ހިނގާ 2024 ވަނަ އަހަރު ގްރޭޑް10 ގައި 1700 ދަރިވަރުން މާލޭގެ އެކި ސްކޫލްތަކުގައި ކިޔަވަމުން އަންނަ ކަމަށާއި މާލޭގައި އޭލެވެލަށް ކިޔަވައިދޭނެ ސަރުކާރުގެ ސްކޫލެއް ނެތުމަކީ އެ ކަމުގެ ދަތިކަން ގިނަ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފޯރަމުންދާ ކަމެއް ކަމަށެވެ.

ސަރުކާރު ސްކޫލެއްގެ ގޮތުގައި، އޭ ލެވެލް މިހާރު ކިޔަވައިދެނީ ހުޅުމާލޭގަ އެވެ.

މިކަމުގެ ސަބަބުން ދިމާވާ އުނދަގޫތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އަންނަ ސެޕްޓެމްބަރު މަހު އޭލެވެލް ކިޔެވުން ފަށަންވާއިރަށް ކުރީގެ ސީއެޗްއެސްއީގެ އިމާރާތުގައި އޭ ލެވެލް ކިޔެވެމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގައި އޭލެވެލް ސްކޫލެއް ހުޅުވުމުގެ ސަބަބުން ހުޅުމާލޭގައި މިދިޔަ ސަރުކާރުން ގާއިމުކޮށްފައިވާ ސީއެޗްއެސްއީ އަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މާލޭގައި ސަރުކާރުގެ އޭލެވެލް ސްކޫލެއް ހުޅުވުމުން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ އޭލެވެލް ދަރިވަރުންގެ އަދަދު މަދުވާނެ. އަދި، ގާތުން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒު ކުރެވި، އޭ ލެވެލްގެ ތައުލީމަށް ސަރުކާރުން ކުރާ ހޭދަ ވެސް މީހާރަށްވުރެ ކުޑަކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކައިރި މުސްތަގުބަލެއްގައި އޭލެވެލް ކިޔަވައިދޭން މުޅިން އާ އިމާރާތެއް މާލޭގައި ބިނާކުރެވޭނެ އެވެ.

އޭނާ "މިހާރު" އަށް ކުރިން ދެއްވި އިންޓަވިއުގައި ވިދާޅުވީ މިނިސްޓްރީގެ ޒަމާންވީ ސިޔާސަތަކީ އެ ކުއްޖަކު ދިރިއުޅޭ ތަނާ ވީހާ ވެސް ކައިރިން ތައުލީމް ފޯރުކޮށްދިނުން ކަމަށެވެ. ނަމަވެސް ހުޅުމާލޭގައި އާބާދީ އިތުރުވަމުން ދިއުމަކީ، މާލޭގައި ގިނަ ދުވަސްވަންދެން ހިންގަމުން ދިޔަ ތައުލީމީ މަރުކަޒު ބަންދުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް އާ ސަރުކާރުގެ މިނިސްޓަރު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި މަތީ ސާނަވީއަށް ކިޔަވައިދޭ ހަމައެކަނި ސްކޫލު، ސީއެޗްއެސްއީ މިހާތަނަށް ހިންގީ އަމީނިއްޔާ ސްކޫލުގެ ބިއްދޮށުގަ އެވެ. އެކަމަކު، އެ އިމާރާތް ބޭނުންކުރުން މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުއްޓާލުމަށް ފަހު، ސީއެޗްއެސްއީ ބަދަލުކުރީ ހުޅުމާލޭގައި އަލަށް ހެދި އިމާރާތަށެވެ.