Roadha Mihaaru

ކަޕިލްގެ ކޮމެޑީ ޝޯއެއް ނެޓްފްލިކްސް އަށް އަންނަނީ

04 ޑިސެމްބަރ 2023

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން، ކަޕިލް ޝަރްމާގެ ކޮމެޑީ ޝޯއެއް ނެޓްފްލިކްސް އިން ގެނެސްދޭން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން، ކަޕިލް ޝަރްމާގެ ކޮމެޑީ ޝޯއެއް ނެޓްފްލިކްސް އިން ގެނެސްދޭން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

ނެޓްފްލިކްސް އިން ވަނީ އެ ޝޯގެ ޓީޒާއެއް އިއްޔެ އާންމުކޮށްފަ އެވެ. އެ ޓީޒާގައި ކަޕިލްގެ އިތުރުން އޭނާގެ ކޮމެޑީ ޝޯތަކުގައި ކުރިން މަސައްކަތް ކުރި އެހެން ބައެއް ފަންނާނުން ވެސް ފެނެ އެވެ.

ނެޓްފްލިކްސް އިން ގެނެސްދޭ މި ޝޯ މާ ބޮޑަށް ހާއްސަ ވަނީ މީގައި ކަޕިލްގެ ދުވަސްވީ އެކުވެރިޔާ އަދި އޭނާގެ ޝޯތަކުގައި ކުރިން މަސައްކަތް ކުރި ސުނިލް ގްރޯވާ ވެސް ފެންނާނެތީ އެވެ.

މީގެ ހަ އަހަރު ކުރިން އޮސްޓްރޭލިއާގައި ބޭއްވި "ދަ ކަޕިލް ޝަރްމާ"ގެ ހާއްސަ ޝޯއަކަށް ފަހު އެ ދެމީހުންގެ މެދުގައި ޖެހުނު މައްސަލައެއްގައި ސުނިލް ވަނީ ކަޕިލްގެ ޝޯ ދޫކޮށްލައިފަ އެވެ. އާ ޝޯގެ ޓީޒާގައި ވެސް ކަޕިލް އާއި ސުނިލް ވަނީ އެކަމާ ގުޅުވައި ޖޯކު ޖަހައިފަ އެވެ.

"އަހަރެމެން 190 ގައުމަށް ދާނަން،" އެ ޓީޒާގައި ކަޕިލް ބުންޏެވެ.

"އެކަމަކު އޮސްޓްރޭލިއާއަކަށް ނުދާނަން ދޯ،" ސުނިލް ބުންޏެވެ.

ނެޓްފްލިކްސް އިން ގެނެސްދޭ ކަޕިލްގެ ޝޯގެ ނަމެއް އަދި އާންމެއް ނުކުރެ އެވެ. ކަޕިލް އަދި ސުނިލްއާ އެކު، އެ ޝޯ އިން ފެންނާނީ ރަޖިވް ޓާކުރް، ކިކޫ ޝަރްދާ، ކްރުޝްނާ އަބީޝޭކް އަދި އަރްޗަނާ ޕުރަން ސިންގް އެވެ.

ކަޕިލްގެ ފުރަތަމަ ކޮމެޑީ ޝޯ "ކޮމެޑީ ނައިޓްސް ވިތު ކަޕިލް" ގެނެސްދޭން ފެށީ 2013 ވަނަ އަހަރުގަ އެވެ. ކަލާސް ޓީވީން ގެނެސްދިން އެ ޝޯ ހުއްޓާލީ 191 އެޕިސޯޑް ގެނެސްދިނުމަށް ފަހުގައި 2016 ވަނަ އަހަރުގަ އެވެ. އަދި ހަމަ އެ އަހަރު ސޮނީ ޓީވީ ކަޕިލްގެ އާ ޝޯއެއް ގެނެސްދޭން ފެށި އެވެ. އެއީ "ދަ ކަޕިލް ޝަރްމާ ޝޯ" އެވެ. އެ ޝޯގެ ކާމިޔާބު ހަ ސީޒަން ގެނެސްދީ ނިންމާލީ މިދިޔަ ޖުލައި މަހުގަ އެވެ.

މި ޝޯތަކުން ކަޕިލް އަށް ބޮޑު މަޝްހޫރު ކަމެއް ލިބި، ބޮލީވުޑްގެ ފިލްމުތަކުން ވެސް އޭނާ އަށް ފުރުސަތު ލިބުނެވެ.

ނެޓްފްލިކްސް އިން ވަނީ މީގެ ކުރިން ވެސް ކަޕިލްގެ ސްޓޭންޑެލޯން ކޮމެޑީ ޝޯއެއް ގެނެސްދީފަ އެވެ.