Roadha Mihaaru
ރަސްމާލެ ހަވާލުކުރި ގޮތް ނުބަލާތީ އޭސީސީއަށް ފާޑުކިޔުން

ރަސްމާލެ މަޝްރޫއު ހަވާލުކުރި ގޮތް ނުބަލާތީ އިދިކޮޅުން ފާޑުކިޔަނީ

26 މާޗް 2024

މި ސަރުކާރުގެ އެންމެ އުއްމީދީ މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ ރަސްމާލެ އަކީ ބޮޑު ކޮރަޕްޝަނެއް ކަމަށް ތުހުމަތުކޮށް އެކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނުބަލާތީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މި ސަރުކާރުގެ އެންމެ އުއްމީދީ މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ ރަސްމާލެ އަކީ ބޮޑު ކޮރަޕްޝަނެއް ކަމަށް ތުހުމަތުކޮށް އެކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނުބަލާތީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މި ސަރުކާރުން ފުށިދިއްގަރުފަޅު މަޝްރޫއު ކުރިއަށް ގެންދާ ގޮތަށް އެކަން ނުކުރެވޭނެ ކަމަށް ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު އެންމެ ފުރަތަމަ އިއުލާން ކުރެއްވި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކުރީގެ ރައީސް އަބްދުالله ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ޔާމީން އުފައްދަވަން މަސައްކަތް ކުރާ ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިއްޔެ ރޭ ވިދާޅުވީ ރަސްމާލެ މަޝްރޫއުއަކީ ދައުލަތުގެ ބަޖެޓްގައި ނުޖަހާ ކުރިއަށް ގެންދެވޭނެ މަޝްރޫއުއެއް ނޫން ކަމަށާއި މިހާރު ސަރުކާރުން އެކަން ކުރާ ގޮތަކީ ކޮރަޕްޝަނަކަށް ނޫނީ ނުވާނެ ކަމަށެވެ.

"ކޮންމެ ގޮތަކުން ބެއްޔަސް ސަރުކާރުން ބިމުގެ ގޮތުން ދިނަސް އެޕާޓްމެންޓްގެ ގޮތުން ދިނަސް އަދި ފަހުން ދައްކާ ފައިސާގެ ގޮތުން ދިނަސް މިއީ ސަރުކާރުގެ ބަޖެޓުން ދާ އެއްޗެއް. ގާނޫނުއަސާސީގައި ހުދާއި ކަޅުން ވަރަށް ސާފުކޮށް ލިޔެފައި މި އޮންނަނީ މިކަހަލަ ކަމެއް ދައުލަތުގެ ބަޖެޓްގައި ޖަހާފައި ނޫނީ ނުކުރެވޭނެއޭ،" ޔާމީން ވިދާޅުވި އެވެ.

"އެހެންވީމަ ކޮންޓްރެކްޓް ފައިނޭންސިންއޭ ކިޔާފައި ކޮންމެ ގޮތަކަށް ކުރިޔަސް އަގު ނުދީ މުގާބިލްގައި ހުޅުމާލެ އިން ދީފައިވާ ބިންތައް ވިއްކައިގެނޭ. ހެޔޮނުވާނެ ހުޅުމާލެ އިން ބިންތައް ވިއްކަން ހުއްދަ ދޭން. އޭރަށް އެ ވެސް ގެއްލުނީ. މިހާރު އެ އޮތީ ރަސްމާލެ ހުއްޓާލާފައި. އެހެންވީމަ މި ކޮރަޕްޝަނަކަށް ނުވާނެ ގޮތެއް އަޅުގަނޑުގެ ފޮތަކުން ނުފެނޭ. އޭސީސީން މިކަންކަން ދުވަހަކު ވެސް ބަލާނެ ކަމަށް ގަބޫލު ކުރަންތޯ."

އެމްޑީޕީ އިން ވެސް ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގެ ތަރުޖަމާނު އަހުމަދު އީސާ ވިދާޅުވީ ރަސްމާލެ މަޝްރޫއުއަކީ ބޮޑު ކޮރަޕްޝަނެއް ކަމަށް ތުހުމަތުވާއިރު އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ނުބާލާތީ ހައިރާންވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އަވަސް އަރުވާލައިގެން "ތެޅިފޮޅެމުން" ރަސްމާލެ ހިއްކަން ހަވާލުކުރި ކުންފުންޏަށް ބިން ހިއްކުމުގެ މުގާބިލްގައި މާލޭ ސަރަހައްދުގެ އެންމެ އަގު ބޮޑު ތަންތަނުން ދޫކޮށްލި ބިމުގެ އަގު 70 - 100 ބިލިއަން ރުފިޔާ އަށް އަރަ އެވެ. މިއީ ދިވެހި ދައުލަތަށް ގެއްލޭ ވަރަށް ގިނަ ފައިސާ ކަމަށާއި 70 ބިލިއަން ރުފިޔާގެ ކޮރަޕްޝަނެއް ކަމަށް އީސަ ވިދާޅުވި އެވެ.

އީސަ ވިދާޅުވީ މިއީ އަމިއްލަ މީހަކު އޭސީސީ އަށް ހުށަނޭޅި ނަމަވެސް، އަމިއްލަ އިސްނެގުމުގެ މަތިން ވެސް ބަލަން ޖެހޭ ފަދަ ބޮޑު މައްސަލައެއް ކަމަށެވެ.

ރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ: ފުށިދިއްގަރުފަޅު ހިއްކަން ފެށީ އަވަހަށް ގެދޮރު ޔަގީންކޮށްދޭން ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ: ފުށިދިއްގަރުފަޅު ހިއްކަން ފެށީ އަވަހަށް ގެދޮރު ޔަގީންކޮށްދޭން ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އެ ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވީ ރަސްމާލެއަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ގެދޮރު ޔަގީންކޮށްދިނުމަށް ހިންގާ މަޝްރޫއުއެއް ކަމަށެވެ. އެ މަޝްރޫއު މިހާ އަވަހަށް ފެށީ ވެސް ފަސް އަހަރު ތެރޭގައި އެތަން ތަރައްގީކޮށް ރައްޔިތުންނަށް ގެދޮރު ފޯރުކޮށްދެވޭނީ ވީހާ ވެސް އަވަހަކަށް މަސައްކަތް ފެށީމަ ކަމަށް ވާތީ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން ހިންގާ އެއްވެސް ކަމެއްގައި ކޮރަޕްޝަނެއް ނޯންނާނެ ކަމަށް "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވެސް ރައީސް ވިދާޅުވެފައިވެ އެވެ. ކޮރަޕްޝަންގެ ތުހުމަތު ކުރާ ނަމަ، އެ މައްސަލައެއް އޭސީސީ އަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ވެސް ރައީސް އެދިވަޑައިގެންފައިވެ އެވެ.

ރަސްމާލެ މަޝްރޫއު ހިއްކަން ހަވާލުކޮށްފައި ވަނީ ކެޕިޓަލް މެރީން އެންޑް އިންވެސްޓްމަންޓް (ސީއެމްސީ) އަށެވެ. އެއީ ބިން ހިއްކުމުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި މާލެ ސަރަހައްދުން 70 ހެކްޓަރުގެ ބިން 99 އަހަރަށް ދިނުމަށެވެ. އެގޮތުން ފުށިދިއްގަރުން 60 ހެކްޓަރުގެ ބިމާއި ހުޅުމާލެއިން 10 ހެކްޓަރުގެ ބިން ދިނުމަށް ވަނީ ނިންމައިފަ އެވެ.

"އަޅުގަނޑުމެންގެ ދަރަނީގެ ހާލަތަށް ބަލާއިރު ގައުމަށް ފައިދާ ހުރި އިންވެސްޓާ ފައިނޭންސްތަކަށް ހުޅުވިފައި އޮންނަން ޖެހޭ. ހަތްދިހަ ހެކްޓަރަށް 1083 ހެކްޓަރުގެ ބިމަކީ ރާއްޖެ އަށް ހުރިހާ މާނައެއްގައި ވެސް އިންތިހާ އަށް ރަނގަޅު ޑީލެއް." ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުالله މުއްތަލިބް އެކްސްގައި ވިދާޅުވެފައިވެ އެވެ.

ރަސްމާލެ ހިއްކުން މި ވަގުތު ވަނީ ހުއްޓިފަ އެވެ. މިނިސްޓަރު މުއްތަލިބު ވިދާޅުވެފައިވާ ގޮތުގައި އެ މަސައްކަތް މި ވަގުތަށް ހުއްޓިފައި ވަނީ ބޭނުންވާ މިންވަރަށް ވެލި ނުހޯދާ މަސައްކަތް ފަށައިގަތުމުގެ ސަބަބުންނެވެ. ނަމަވެސް، މަޝްރޫއު ވަރަށް އަވަހަށް އަނެއްކާ ވެސް ފަށާނެ ކަމަށް ރައީސް ވެސް ވަނީ ވިދާޅުވެފަ އެވެ.