Roadha Mihaaru
ތިނަދު އަށް ސިޓީއެއްގެ ހައިސިއްޔަތު ލިބެންޖެހޭ: ކޮމިޓީ

ކޮމިޓީން ނިންމީ ތިނަދު އަށް ސިޓީއެއްގެ ހައިސިއްޔަތު ދޭން މުއައްސަސާތަކަށް އަންގަން!

11 ޑިސެމްބަރ 2023

ކުރީގެ ސަރުކާރުން ރިޔާސީ އިންތިހާބާ ދިމާކޮށް ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވާ ކަން އިއުލާންކުރި ނަމަވެސް އެ ކައުންސިލްގެ ހައިސިއްޔަތާ މެދު އެ ކައުންސިލުން އުފެއްދި ސުވާލުތައް ސާފުކޮށްދީ ސިޓީއެއްގެ ދަރަޖަ އާއި ހައިސިއްޔަތު ދޭން މުއައްސަސާތަކަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ސަރުކާރުން ރިޔާސީ އިންތިހާބާ ދިމާކޮށް ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވާ ކަން އިއުލާންކުރި ނަމަވެސް އެ ކައުންސިލްގެ ހައިސިއްޔަތާ މެދު އެ ކައުންސިލުން އުފެއްދި ސުވާލުތައް ސާފުކޮށްދީ ސިޓީއެއްގެ ދަރަޖަ އާއި ހައިސިއްޔަތު ދޭން މުއައްސަސާތަކަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ތިނަދޫ ކައުންސިލުން ވަނީ އެކި އިދާރާތަކުން އެ ކައުންސިލަށް އެކި ގޮތްގޮތަށް އެޑްރެސް ކުރާ މައްސަލަ އާއި ބަޖެޓާއި މެންބަރުންގެ މުސާރައިގެ އިތުރުން ބައެއް ހިދުމަތްތައް ދިނުމުގައި އޮޅުން އަރާ މައްސަލަތައް ކޮމިޓީ އަށް ހިއްސާ ކޮށްފަ އެވެ.

އެ މައްސަލާގައި ބަހުސް ކުރުމަށް ފަހު ލާމަރުކަޒީ ކޮމިޓީން މިއަދު ވަނީ އެ ކޮމިޓީ އަށް ފާހަގަވާ ކަންކަން ވިދާޅުވެ ގޮތެއް ނިންމައިފަ އެވެ.

ކޮމިޓީ އަށް ފާހަގަ ކުރި ބައެއް ކަންކަން:

1. ރަށު ކައުންސިލް ދައުރުގެ މެދު ތެރެއިން ސިޓީއެއްގެ ދަރަޖަ ލިބިއްޖެ ނަމަ އެ ކައުންސިލްގެ ހައިސިއްޔަތު ސިޓީއެއްގެ ދަރަޖަ އަށް ބަދަލުވާނެ.

2. ރަށު ކައުންސިލުން ދައުރު ހަމަވަންދެން އެ ސިޓީ ކައުންސިލް ހިންގަން ޖެހޭނެ.

3. ކައުންސިލާ މުހާތަބު ކުރާނީ ސިޓީއެއް ގޮތުގައި.

4. އިތުރު އިންތިހާބަކާ ނުލައި ކައުންސިލްގެ ރައީސްގެ ހައިސިއްޔަތު މޭޔަރު ކަމަށް ބަދަލުވާނެ.

4. ރަށު ކައުންސިލު އުވި ސިޓީ ކައުންސިލަށް ލިބޭ ހުރިހާ ބާރުތަކެއް އެ ކައުންސިލަށް ލިބުން.

5. ސިޓީއެއް ގޮތުގައި ހިދުމަތް ދިނުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމަކީ ދައުލަތުގެ މުއައްސަސާތަކަށް ލާޒިމް ކަމެއް.

އެކަންކަމަށް ބަލައި ލާމަރުކަޒީ ކޮމިޓީން ނިންމީ ތިނަދޫ ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުވެފައިވާ ކަމަށް ކޮމިޓީ އަށް ފެންނަ ކަމަށާއި ސިޓީގެ ދަރަޖަ ލިބުނީ ދައުރުގެ މެދުތެރެއިން ކަމަށް ވިޔަސް ދައުރު ހަމަވަންދެން އެއީ ސިޓީ ކައުންސިލެއްގެ ގޮތުގައި ދެމި އޮންނާނެ ކަމަށެވެ.

އޭގެ އިތުރުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ސިޓީ ކައުންސިލަށް ލިބިދޭ ބާރުތަކާއި މަސްއޫލިއްޔަތުތައް އެ ރަށު ކައުންސިލަށް ލިބޭނެ ކަމާއި ތިނަދުއަކީ ސިޓީއެއް ކަމަށް ކަނޑައަޅާފައިވާތީ އެ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ވީ އެންމެ އަވަހަކަށް ދިނުމަށް ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކުގައި ދަންނަވަން އެ ކޮމިޓީން ނިންމި އެވެ.

އެގޮތަށް ފާސް ކުރީ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. އެ ނިންމުން ފާސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން ވެސް މެންބަރުން ނިންމި އެވެ.