Roadha Mihaaru
ވަޒީރުންނާ ސުވާލުކުރުން ގާނޫނަށް ފެއްތެވުމުން ނުރުހުން!

ވަޒީރުންނާ ސުވާލުކުރުން ގާނޫނަށް އަސްލަމް ފެއްތެވެމުން އެމްޑީޕީ މެމްބަރުންގެ ނުރުހުން!

12 ޑިސެމްބަރ 2023

ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ހާޒިރުކޮށް، ގާނޫނުގައި ކަނޑައަޅާފައި އޮންނަ ގޮތާ ޚިލާފަށް ތަފާތު އެކި ދާއިރާތަކުން ސުވާލުކޮށް ޖަވާބުދެއްވަން މަޖުބޫރުކުރުވައި މަޖިލީހުގެ ރިޔާސަތުން މީގެ ކުރިން އަމަލުކުރަމުން އައި ގޮތް ހުއްޓުވައި ގާނޫނާ އެއްގޮތަށް އެކަން ކުރިއަށް ގެންދާ ގޮތަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ހަމަޖެއްސެވުމުން ބައެއް މެމްބަރުންގެ ނުރުހުން މިއަދު އަމާޒުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ހާޒިރުކޮށް، ގާނޫނުގައި ކަނޑައަޅާފައި އޮންނަ ގޮތާ ޚިލާފަށް ތަފާތު އެކި ދާއިރާތަކުން ސުވާލުކޮށް ޖަވާބުދެއްވަން މަޖުބޫރުކުރުވައި މަޖިލީހުގެ ރިޔާސަތުން މީގެ ކުރިން އަމަލުކުރަމުން އައި ގޮތް ހުއްޓުވައި ގާނޫނާ އެއްގޮތަށް އެކަން ކުރިއަށް ގެންދާ ގޮތަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ހަމަޖެއްސެވުމުން ބައެއް މެމްބަރުންގެ ނުރުހުން މިއަދު އަމާޒުވެއްޖެ އެވެ.

މީގެ ކުރިން، މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމަލުކުރައްވަމުން ގެންދެވީ، ވަޒީރަކު މަޖިލީހަށް ހާޒިރުކުރާ މައްސަލައިގެ އިތުރުން ވެސް އެކި ކަންކަމާ ގުޅޭ ގޮތުން މެމްބަރުން އެ ދުވަހަކު ކުރާ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭ ގޮތަށެވެ. އެކަމަކު ހާޒިރުކުރާ މައްސަލައިގެ އިތުރުން މެމްބަރުންނަށް ފެނިވަޑައިގަންނަވާ ކޮންމެ ދާއިރާއަކުން ސުވާލުކުރުމަކީ ގާނޫނުގައި އޮތް ގޮތުން ކުރެއްވޭނެ ކަމެއް ނޫނެވެ.

އުތުރުގައި ތެޔޮ ސްޓޯރޭޖެއް ގާއިމުކޮށް ބަންކަރިންގެ ހިދުމަތް ފެށުމަށް ކުރީގެ ސަރުކާރުން ސޮއި ކޮށްފައިވާ އެއްބަސްވުން ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން އާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވަނީ މަޖިލީހަށް ވަޑައިގެންފަ އެވެ.

އެ ސުވާލަށް ވަޒީރު ޖަވާބު ދެއްވުމަށްފަހު، އިތުރު ސުވާލު ކުރުމުގެ ފުރުސަތު ދެއްވުމުން ކުރިން ރިޔާސަތުން އަސްލަމް ވަނީ މިނިސްޓަރާ ކުރެވުނު ސުވާލާއި އަދި ދެއްވި ޖަވާބާ ސީދާ ގުޅުން އޮތް ގޮތަށް އިތުރު ސުވާލު ކުރުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އެކަމަކު ބައެއް މެމްބަރުން މައުލޫއާ ނުގުޅޭ ސުވާލު ކުރެއްވުމުން، އަސްލަމް ވަނީ އެ ސުވާލުތައް ބަލައިނުގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. ގިނަ ސުވާލުތައް ކުރެއްވީ އަދި ފުރުސަތު ނުލިބުމުން ހިތްހަމަނުޖެހުން ފާޅުކުރެއްވީ އެމްޑީޕީގެ މެމްބަރުންނެވެ.

އެއާ އެކު، ބައެއް މެމްބަރުން ވަނީ ގާނޫނުއަސާސީގެ ދަށުން ވަޒީރުންނާ ސުވާލު ކުރުމަށް މެމްބަރުންނަށް ލިބިވަޑައިގަންނަވާ ބާރު ރިޔާސަތުން ހަނިކުރާތީ ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.

"19 ވަނަ މަޖިލީހުގައި ކަން ކުރެވުމުން ދިޔަ އުސޫލާ މުޅިން ހިލާފަށް ރިޔާސަތުން ތިޔަ ކަންކަން ކުރައްވަމުން ގެންދަވަނީ،" ނިޒާމީ ނުކުތާއެއް ނަންގަވައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑު) ޝަކުވާ ކުރެއްވި އެވެ.

އިކޮނޮމިކް މިނިސްޓަރު ސައީދު މަޖިލީހުގައި ޖަވާބު ދެއްވަނީ -- ފޮޓޯ: މަޖިލީސް

އިކޮނޮމިކް މިނިސްޓަރު ސައީދު މަޖިލީހުގައި ޖަވާބު ދެއްވަނީ -- ފޮޓޯ: މަޖިލީސް

އޭގެ ޖަވާބުގައި އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވާއިދާއި ވަކި ގާނޫނެއްގައި ވަކި ގޮތަކަށް ލިޔެފައި އޮތް ގޮތާ ހިލާފަށް ރިޔާސަތުން އަމަލު ނުކުރެއްވޭނެ ކަމަށެވެ.

"...ވަކި ސުވާލަކަށް ޖަވާބު ތައްޔާރު ކުރައްވައިގެން ވަޒީރު ވަޑައިގަންނަވަނީ. އެހެންވީމާ ސުވާލާއި ޖަވާބު ދިނުމުގެ ހަމަތަކެއް ބަޔާންކޮށްފަ އޮތީމަ އެ ހަމަތަކުގެ މަތިން އަޅުގަނޑަށް ކުރިއަށް ގެންދެވޭނީ،" އަސްލަމް ވިދާޅުވި އެވެ.

އެކަމަކު އޭގެ ފަހުން ވެސް ގިނަ މެމްބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވައި، މަޖިލީހުގެ ގަވާއިދާއި ގާނޫނުއަސާސީ އާ ހިލާފަށް މަޖިލިސް ހިންގަވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ.

އެ ޝަކުވާތަކަށް ޖަވާބު ދެއްވަމުން އަސްލަމް ވަނީ ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނެއް 2005 ވަނަ އަހަރު ފާސްކޮށްފައިވާ ކަން މެމްބަރުންނަށް ހަނދާކޮށް ދެއްވައިފަ އެވެ.

އެ ގާނޫނުގެ 16 ވަނަ މާއްދާ އާ ހަވާލާ ދެއްވައި އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ވަޒީރުންނާ އިތުރު ސުވާލުކުރުމުގެ ފުރުސަތު ދޭނީ ނޯޓިސް ދީގެން ކުރި ސުވާލުން ނޫނީ ވަޒީރު ދެއްވި ޖަވާބުން އުފެދޭ ސުވާލެއް ނަމަ އެވެ.

"އަޅުގަނޑު ވެސް ގަބޫލުކުރަން 14 ދުވަހުގެ ނޯޓިސް އާއި މި ހުރިހާ ކަމެއް އެބަ ހުރި ކަން. އެހެންވީމަ ތަކުރާރުކޮށް މި ދަންނަވަނީ އެއަށް ވުރެ ވެސް މުއްދަތު ކުރުކޮށްފަ ވަޒީރުންނާ ވީހާވެސް ގިނައިން ސުވާލު ކުރެވޭނެ ގޮތް ހައްދަވާށޭ،" ގާނޫނާއި ގަވާއިދު އިސްލާހު ކުރުމުގެ އިހުތިޔާރު މެމްބަރުންނަށް ލިބިވަޑައިގަންނަވާ ކަން ފާހަގަ ކުރައްވައި އަސްލަމް ވިދާޅުވި އެވެ.

މީގެކުރިން ވަޒީރުންނާ ކުރެވޭ ސުވާލުތައް ފުނިޖައްސާފައި ބެހެއްޓުމުގެ ބަދަލުގައި، ވަޒީރުންނާ ސުވާލު ކުރަން ހަފްތާގެ ވަކި ދުވަހެއް ކަނޑައަޅައިގެން ކުރުމުގެ ފުރުސަތު އޮތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.